މާލެ (13 ޖުލައި 2022): އެމެރިކާއަށާއި ދުބާއިއަށް ފިއްލަވަން ކުރެއްވި މަސައްކަތް ނާކާމިޔާބުވުމުން ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ފިއްލަވައިގެން ރޭ ދަންވަރު ކުއްލި ގޮތަކަށް އަވަށްޓެރި ދިވެހިރާއްޖެއަަށް ވަޑައިގެންފި ކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ހާމަކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ސްރީލަންކާގެ ރައްޔިތުން ރިޔާސީ ގަނޑުވަރަށާއި ރިޔާސީ އޮފީހަށް އަރައިގަތުމާއެކު އަމިއްލަ ގައުމުގައި ރައްޔިތުންނަށް ފިއްލަވައިގެން އުޅުއްވާ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވީ އޭނާއަށް ވަފާތެރި ސްރީލަންކާގެ ސިފައިންގެ އެހީތެރިކަމާއެކު ސިފައިންގެ އަސްކަރީ ޓްރާންސްޕޯޓް މަތިންދާ ބޯޓެއްކަމަށްވާ އެންޓަނޯވް-32 މަރުކާގެ މަތިންދާ ބޯޓެއްގައެވެ.

އެންޓަނޯވް-32އަކީ ރަޝިއާގައި އުފައްދާ މަތިންދާބޯޓެކެވެ. ގޮތަބަޔަ ދަތުރުކުރެއްވި އަސްކަރީ ބޯޓު ނައްޓާލިކަމަށް ބެލެވިފައިވަނީ ސްރީލަންކާ ސިފައިންގެ ވައިގެ ބޭހަކުންނެވެ. އެ މަތިންދާބޯޓުގައި ގޮތަބަޔަގެ އަރިހުގައި ދިވެހިރާއްޖެއަށް ފިއްލެވީ އޭނާގެ އަނބިކަނބަލުންނާއި ހަށިފާރަވެރިއެއް ކަމަށް ވެއެވެ.

ދިވެހިރާއްޖޭގެ ރަސްމީ އެއްވެސް ފަރާތަކުންވެސް އަދި ސްރީލަންކާގެ ރަސްމީ ފަރާތަކުންވެސް މިކަމާ ބެހޭގޮތުން އަދި އެއްޗެއް ބުނެފައިނުވާކަމަށް ރިޕޯޓްތައް ބުނެެއެވެ.

ސްރީލަންކާގެ ރައްޔިތުން ގޮތަބަޔައާ ދެކޮޅަށް އުތުުރިއެރުމާ ގުޅިގެން ރިޔާސީ ގަނޑުވަރުން ފިއްލަވައިގެން އުޅުއްވާ ގޮތަބަޔަ ފިއްލަވައިގެން ދިވެހިރާއްޖެއަށް ވަޑައިގެންނެވީ އެމެރިކާއަށާއި ދުބާއިއަށް ފިއްލަވަން އޭނާ ކުރެއްވި މަސައްކަތްތަކަށް ސްރީލަންކާގެ މައި އެއާޕޯޓް ކަމަށްވާ ބަންޑާރަ ނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓްގެ މުވައްޒަފުންނާއި އިމިގްރޭޝަން މުވައްޒަފުންނާއި ޓްރިންކޮމަލީގެ ކަނޑުގެ ބަނދަރުގެ މުވައްޒަފުން ހުރަސްއެޅުމާ ގުޅިގެން ފިއްލެވޭނެ ގޮތެއް ނެތި ވަރަށް މާޔޫސްވެ ވަޑައިގެން ހުންނެވި ވަގުތެއްގައިކަމަށް ޚަަބަރުތައް ބުނެއެވެ.

އެތަންތަނުން ގޮތަބަޔަ އަށް ހުރަސްއެޅި ނަމަވެސް ސިފައިންގެ ތެރޭގައި ހިމެނޭ އޭނާއަށް ވަފާތެރި ފަރާތްތައް ވަރަށް ގިނައެވެ. ގޮތަބަޔައަކީ ކުރިން ސްރީލަންކާ ސިފައިންގެ ޖެނެރަލެކެވެ. އަދި ކުރިން ދިފާއީ ވަޒީރުކަންވެސް އަދާ ކުރައްވާފައިވެއެވެ. އެހެންކަމުން ސިފައިންގެ ތެރޭގައި ހިމެނޭ އޭނާއަށް ވަފާތެރި ފަރާތްތަކުން ގެންދިޔައީ ސިއްރިޔާތުގައި ކޮންމެ ގޮތަކުން ނަމަވެސް މިއަދު މެންދުރުގެ ކުރިން ގޮތަބަޔަ ގައުމުން ބޭރަށް ފޮނުވާލެވޭނެ ގޮތްތަކެއް ހޯދަމުންކަމަށް ރިޕޯޓްތައް ބުނެއެވެ. ސަބަބަކީ މިއަދު މެންދުރުފަހު ގޮތަބަޔަގެ އިސްތިއުފާ ރަސްމީކޮށް އިއުލާނު ކުރުމަށް ހަމަޖެހިފައިވާތީ އިސްތިއުފާއަށްފަހު ސްރީލަންކާގެ އިދާރާތަކުން ގޮތަބަޔަ ހައްޔަރު ކޮށްފާނެކަމުގެ ބިރު އޮތުމެވެ.

ރަޝިއާގައި އުފައްދާ އަސްކަރީ ޓްރާންޕޯޓް މަތިންދާބޯޓެއްކަމަށްވާ އެންޓަނޯވް -32 މަރުކާގެ މަތިންދާ ބޯޓެއް.

ސްރީލަންކާގެ ގާނޫނުތައް ބުނާގޮތުން ރައީސްކަމުގައި ހުންނެވިހާ ހިނދަކު އެގައުމުގެ ރައީސަކު ހައްޔަރެއް ނުކުރެވޭނެއެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ރައީސް ބޭރަށް ފުރުން މަނާކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން ނެރުން ސްރީލަންކާގެ ގާނޫނުތައް މަނާ ނުކުރާކަމަށް ގާނޫނީ ވަކީލުން ވިދާޅުވެފައިވެއެވެ.

ގޮތަބަޔަ ދިވެހިރާއްޖެއަށް ފިއްލަވާފައިވަނީ އޭނާ ފުރުން މަނާކުރުމުގެ އަމުރެއް ހޯދުމަށް ސްރީލަންކާގެ ބަންޑާރަ ނައިބު އެގައުމުގެ ސްޕްރީމް ކޯޓަށް ހުށަހަޅާފައި ވަނިކޮށް ކަމަށް ބައެއް ޚަބަރުތައް ބުނެއެވެ. ގޮތަބަޔަ ގޮތްހުސްވެގެން އަމިއްލަ ގައުމުން ފިއްލެވިއިރު އޭނާގެ އެއްވެސް ބާރެއް އަދި އަމުރެއް ސްރީލަންކާގެ މުއައްސަސާތަކަށް ނުހިނގާކަމަށް ވެއެވެ. ގައުމު އޮތީ ސިފައިންގެ ކޮންޓްރޯލްގެ ދަށުގައެވެ.

ސްރީލަންކާގެ ރިޔާސީ އޮފީހާއި ރިޔާސީ ގަނޑުވަރު އަދިވެސް ވަނީ އެތަނަށް ހުކުރު ދުވަހު ގަދަބާރުން ވަދެގަތް އެގައުމުގެ އާންމުންގެ ކޮންޓްރޯލްގެ ދަށުގައެވެ. ބާރުގެ ބޭނުންކޮށްގެން އެތަނުން އާންމުން ނެރެން ސްރީލަންކާގެ ސިފައިން އަދި މަސައްކަތް ކޮށްފައެއް ނުވެއެވެ.

ސްރީލަންކާގެ ނޫސްތައް ބުނާގޮތުން ރިޔާސީ ގަނޑުވަރުންވަނީ 17.8 މިލިޔަން ސްރީލަންކަން ރުޕީސް ހުރި ދަބަހެއް ފެނިފައެވެ. އާންމުން ތުހުމަތު ކުރާގޮތުގައި މިިއީ ގަނޑުވަރުން ނުކުންނެވިއިރު ގޮތަބަޔައަށް ނުގެންދެވި ހުރި ދަބަހެކެވެ.

ކުރިން ސްރީލަންކާގައި ބަތަލެއްގެ ދަރަޖަ އާންމުންގެ ހިތްތަކުން ލިބިފައިވާ މަގްބޫލު ވެރިއެއްގެ ގޮތުގައި ހުންނެވުމަށްފަހު ގޮތަބަޔައަށް މިހާލު ޖެހުނީ އޭނާ ވެރިކަން ކުރެއްވި ގޮތުން ގައުމު ބަނގުރޫޓުވެ އިގްތިސާދީ ގޮތުން އިނދަޖެހި ރައްޔިތުން ހާލުގައި ޖެހުމާއެކުވެސް އިސްތިއުފާ ދެއްވަން ތަކުރާރުކޮށް ދެކޮޅު ހެއްދެވުމާ ގުޅިގެންނެވެ.

އިސްތިއުފާ ދެއްވަން އެންމެފަހުން ނިންމެވީ ވަގުތު ފާއިތުވެ ރައްޔިތުން ރިޔާސީ ގަނޑުވަރަށް އަރައިގަތުމާއެކު ގޮތަބަޔަގެ ބާރު ސްރީލަންކާގައި މުޅިން ކެނޑި ވެރިކަމުގައި ހުންނަވައިގެން އަމިއްލަ ގައުމުގައި ގޮތަބަޔަ ހާލުގައި ޖެހުމުން ދެން ހައްދަވާނެ ގޮތެއް ނެތިގެންނެވެ.

ސްރީލަންކާއަށް އެންމެ ބޮޑަށް އެހީވަމުން ގެންދިޔަ ޗައިނާއާއި އިންޑިއާއިންވެސް މާލީގޮތުން ގޮތަބަޔަގެ ސަރުކާރު ނެގެހެއްޓޭވަރުގެ ބޮޑު މާލީ އެހީއެއް ނުދިނީ ގޮތަބަޔަ އާއި އޭނާގެ އާއިލާ ކޮރަޕްޓްވެފައި ސްރީލަންކާގެ ރައްޔިތުންގެ ރުޅި އޭނާއަށާއި އާއިލާއަށް އަމާޒުވެފައިވާތީކަަމަށް ރިޕޯޓްތައް ބުނެއެވެ.