12 Jul 2022, 22:54
ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މިންވަރު މަދު ކުރުމަށް ބާރު އެޅުމުގެ މަޤްޞަދުގައި އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިޔަފާރި ކުރާ މީހުންނަށް ކޮތަޅު ވިއްކަން ނިންމައިފިއެވެ.
އެސްޓީއޯއިން މިގޮތަށް ނިންމުމާއެކު އަންނަ ހޯމަ ދުވަހުން ފަށައިގެން ކޮތަޅުން އަގު ނަގަން ފަށާނެއެވެ. އެދުވަހުން ފަށައިގެން އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިޔަފާރި ކުރާ ކަސްޓަމަރުންގެ އަތުން ޕްލާސްޓިކް ކޮތަޅަކަށް 2.5 ރުފިޔާ އަދި ކަރުދާސް ކޮތަޅަކަށް ދެރުފިޔާ ނަގާނެއެވެ.
އެސްޓީއޯގެ މީޑިއާ އޮފިޝަލް އަބްދުﷲ މުޙައްމަދު، "ސަން"އަށް ވިދާޅުވީ ގެއިން ކޮތަޅު ހިފައިގެން އަންނަ ފަރާތްތަކަށް ކުޑަ ޑިސްކައުންޓެއް ދީގެން ވެސް ކަސްޓަމަރުން، ޕްލާސްޓިކް ކޮތަޅާ ދުރުވޭތޯ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ. އަދި ވިދާޅުވީ އެވަރުން ވެސް ދިވެހީންގެ ތެރޭގައި އެ ސަގާފަތް އަށަގެންފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ބޭނުމަކީ ތިމާވެއްޓަށް ގެންލުންދޭ ޒާތުގެ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުމުގެ އާދަ ވީހާވެސް ކުޑަކުރަން. އެހެން ވެގެން ޕްލާސްޓިކް ކޮތަޅަށް ކޮންމެ ވެސް އަގެއް ނަގަން މި ނިންމީ. ނިސްބަތުން ބަލާއިރު ކުޑައެއް ވެސް ނޫން. އެހާ ބޮޑެއް ވެސް ނޫން. ނަމަވެސް މިހާރު ވެސް އެބައޮތް އޮޕްޝަނެއް. އެއީ ގެެއިން އަންނަމުން ކޮތަޅެއް ގެނައުމުން އެއްވެސް އެއްޗެއް ދައްކާކަށް ނުޖެހޭނެ،" އަބްދުﷲ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދިވެހީންގެ ތެރޭގައި ނެތް ސަގާފަތެއްގެ ތެރެއަށް ދާން މަސައްކަތްކުރާއިރު ކޮންމެވެސް ވަރެއްގެ ފާޑުކިޔުމެއް ވެސް އަންނާނެކަން ޤަބޫލު ކުރައްވާ ކަމަށެވެ.