12 Jul 2022, 22:48
ކޮލަންބޯ (12 ޖުލައި 2022) : ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ވައިގެ މަގުންނާ އަދި ކަނޑުގެ މަގުން ގައުމުންބޭރަށް ފިއްލަވަން އުޅުއްވާކަމަށާ ނަމަވެސް ސްރީލަންކާގެ މުއައްސަސާތަކަށް އޭނާގެ ބާރު މިހާރު ނުހިނގާތީ އެކަން އަދި ނާކާމިޔާބުވެފައިވާކަމަށް ބައިނަލްއަގްވާމީ މީޑީއާ ރިޕޯޓްތައް ބުނެފިއެވެ.
އެޖެންސީ ފްރާންސް ޕްރެސް އާއި ރޮއިޓާސް އަދި އަލްޖަޒީރާ ބުނާގޮތުން މާދަމާ މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން އާއިލާއާއެކު ގައުމުން ބޭރަށް ވަޑައިގަތުމަށް ރައީސް ގޮތަބަޔަ ރާޖަޕަކްސަ ބޭނުންފުޅުވެގެން އެއާޕޯޓުންނާ ކަނޑުގެ ބަދަރަކުން ފިއްލަވަން އޭނާ ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން އެބަގެންދަވައެވެ. ނަމަވެސް ސްރީލަންކާގެ އެއާޕޯޓްގެ މުވައްޒަފުންނާ އިމިގްރޭޝަން މުވައްޒަފުންނާ އަދި ޓްރިންކޮމަލީގެ ކަނޑުގެ ބަނދަރުގެ މުވައްޒަފުންވަނީ ގޮތަބަޔަ އަށް ނުފުރޭނެކަން އަންގާފައެވެ.
ރިޕޯޓްތައް ބުނާގޮތުން ގޮތަބަޔާ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިސްތިއުފާ ދެއްވިކަން ރަސްމީ ސިފައެއްގައި އިއުލާނުކުރާގޮތަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު ފަހުގެ ވަގުތެއްގައެވެ.
އިސްތިއުފާ ދެއްވުމާއެކު ސްރީލަންކާގެ ރައީސްކަމާ ވަގުތީގޮތުން ހަވާލުވެ ވަޑައިގަންނަވާނީ ޕާލަމެންޓްގެ ރައީސް މަހިންދަ ޔާޕާ އަބޭވަރުދަނާއެވެ. އެއަަށްފަހު ސްރީލަންކާގެ ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނޭގޮތަށް ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރަކާއި އެސަރުކާރުގެ ބޮޑުވަޒީރު އިއުލާން ކުރާނެއެވެ.
ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރަކާމެދު ޕާޓީތައް މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. މިއައު ސަރުކާރުގެ ބޮޑުވަޒީރަކަށް ހަމަޖައްސާނީ ކޮންބޭފުޅެއްކަން އަދި ސާފެއް ނުވެއެވެ.
ގޮތަބަޔަ ސްރީލަންކާގެ ރައީސްކަމުން އިސްތިއުފާ ދެއްވުމާއެކު ޕާލަމެންޓްގެ ރައީސް މަހިންދަ ޔާޕާ އަބޭވަރުދަނާ ސްރީލަންކާގެ ރައީސްކަމާ ވަގުތީ ގޮތުން ހަވާލުވެ ވެވަޑައިގަތުމާއެކު ގޮތަބަޔަ ހައްޔަރުކުރާނެކަމަށް ވަނީ ބެލެވިފައެވެ. ހައްޔަރު ކުރުމުގެ ކުރިން ގޮތަބަޔަ ބޭނުންވަނީ ގައުމުން ބޭރަށް ވަޑައިގަތުމަށެވެ.
ގޮތަބަޔަ ފުރަތަމަ ބޭނުންފުޅުވީ އެމެރިކާއަށް ވަޑައިގަތުމަށެވެ. ނަމަވެސް އެމެރިކާއިން ވިސާ ނުލިބުމުން ޔޫއޭއީ އަށް ވަޑައިގަންނަވާގޮތަށް ގޮތަބަޔަ ވަނީ ރާއްވަވާފައެވެ. ގަލްފުގެ އަރަބި ގައުމެއް ކަމަށްވާ ޔުނައިޓެޑް އަރަބި އިމަރޭޓްސް (ޔޫއޭއީ) ގެ ސަރުކާރުން ގޮތަބަޔަ އަށް ހިމާޔަތްދޭނެކަމުގެ ޔަގީންކަން ދީފައިވާކަމަށް ޚަަބަރުތައް ބުނެއެވެ.
ނަމަވެސް ސްރީލަންކާގެ ބަދަރުތަކުގެ މުވައްޒަފުންނާއި އިމިގްރޭޝަނުން ގޮތަބަޔައަށް ހުރަސްއަޅުއްވާތީ ގައުމުން ފިއްލަންވަން އޭނާއަށް ދެން ކުރެވޭނެ މާބޮޑުކަމެއް ނެތެވެ.
ސްރީލަންކާގެ ރިޔާސީ ގަނޑުވަރަށާއި ރިޔާސީ އޮފީހަށް މިދިޔަ ހުކުރުދުވަހު ރައްޔިތުން އަރައިގަނެ އެތަންތަން އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނައުމުން ގޮޔަބަޔަ ވަނީ ސިފައިންގެ އެހީގައި ސިއްރިޔާތުގައި ގަނޑުވަރުން ނުކުމެވަޑައިގެން ފިއްލަވާފައެވެ. ބުނެވޭގޮތުގައި ސިފައިން ގޮތަބަޔަ އާއި އޭނާގެ އާއިލާ ގެންދިޔައީ ކޮލަންބޯގެ ބޭރުގައިވާ ސިފައިންގެ މަރުކަޒަކަށެވެ. ގޮތަބަޔައަކީ އަދި ސްރީލަންކާގެ ރައީސްކަމަށް ވީނަމަވެސް އޭނާ ބާރު ސިފައިންގެ މައްޗަށްވެސް އަދި އެހެން މުއައްސަސާތަކަށްވެސް މިހާރު ނުހިނގައެވެ.
އިތުބާރު ހުރި މަސްދަރަކާ ހަވާލާދީ ރޮއިޓާސް ބުނާގޮތުން ގޮތަބަޔާ ގައުމުން ފުރާވަޑައިގަތުމަށްޓަކައި އާއިލާއާއެކު ކޮލަންބޯ އެއާޕޯޓްގެ ވީއައިޕީ އަށް ވަޑައިގަތެވެ. ނަމަވެސް ޕާސްޕޯޓްގައި ފުރާ ތައްގަނޑުޖަހަން ގެންދިޔުމުން އިމިގްރޭޝަންގެ އޮފްސަރުން އެކަމާ ދެކޮޅު ހެދީއެވެ. އެއަށްފަހު ޓްރިންކޮމަލީގެ ކަނޑުގެ ބަދަރުންވެސް ފުރޭނެ ގޮތެއް އޮތްތޯ ސިފައިންގެ އެހީގައި ގޮތަބަޔަ ބެއްލެވިކަމަށް ވެއެވެ. ނަމަވެސް އެކަންވެސް ވާގޮތްނުވީއެވެ.
ގޮތަބަޔަ އަށް ހުރަސްއެޅި އިމިގްރޭޝަންގެ އޮފްސަރުންނާ ދެކޮޅަށް ސްރީލަންކާ ސަރުކާރުގެ އެއްވެސް ފަރާތަކުން ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. މިއީ ގޮތަބަޔަގެ އަމުރު ސްރީލަންކާގެ މުއައްސަސާތަކަށް މިހާރު ނުހިނގާ ކަމުގެ ހެއްކެއްކަމަށްވަނީ ބެލެވިފައެވެ.
ކުރިޔަށް އޮތް ވަގުތުތަކުގައި ކުޑަ ބޯޓެއްގައި ސްރީލަންކާގެ ކޮންމެވެސް ހިސާބެއްގެ ކަނޑުގެ ބަނދަރެއް ބޭނުންކޮށްގެން ގަވައިދާ ޚިލާފަށް ނަމަވެސް ގައުމުން ބޭރަށް ފިއްލެވޭނެ ފުރުސަތެއް އޮތްތޯ ގޮޔަބަޔަ އަށް ވަފާތެރި ސިފައިންގެ އެހީގައި އޭނާ ބައްލަވަމުން ގެންދަަވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ގޮތަބަޔަގެ ކޮއްކޯފުޅު އަދި ކުރީގެ މާލީ ވަޒީރު ބާސިލް ރާޖަޕަކްސަވެސް ޔޫއޭއީ އަށް ފުރާވަޑައިގަންނަވަން އުޅުއްވަނިކޮށް އިމިގްރޭޝަންގެ އޮފްސަރުން ވަނީ އެކަމަށް ހުރަސްއަޅާފައެވެ.
ސްރީލަންކާގެ ރިޔާސީ އޮފީހާއި ރިޔާސީ ގަނޑުވަރު އަދިވެސް ވަނީ އެތަނަށް ހުކުރުދުވަހު ގަދަބާރުން ވަދެގަތް އާންމުންގެ ކޮންޓްރޯލްގެ ދަށުގައެވެ. ބާރުގެ ބޭނުންކޮށްގެން އެތަނުން އާންމުން ނެރެން ސިފައިން އަދި މަސައްކަތެއް ނުކުރެއެވެ. ސްރީލަންކާގެ ނޫސްތައް ބުނާގޮތުން ރިޔާސީ ގަނޑުވަރުންވަނީ 17.8 މިލިޔަން ސްރީލަންކަން ރުޕީސް ހުރި ދަބަހެއް ފެނިފައެވެ. އާންމުން ތުހުމަތު ކުރާގޮތުގައި މިިއީ ގަނޑުވަރުން ނުކުންނެވިއިރު ގޮތަބަޔައަށް ނުގެންދެވި ހުރި ދަބަހެކެވެ.