ލަންޑަން (12 ޖުލައި 2022): އިނގިރޭސިވިލާތުގެ ވެރިކަމަށް އައު ބޮޑުވަޒީރަކު އައްޔަން ކުރުމުގެ ކަންތައް ކުރިޔަށް ގެންދާނީ އަންނަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައި ކަމަށް އެގައުމުގައި ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީން ބުނެފިއެވެ.

އެޕާޓީން ބުނީ އިސްތިއުފާ ދެއްވާފައިވާ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ބަދަލުގައި އެމަގާމަށް އެހެން ބޭފުޅަކު އައްޔަން ކުރާނީ އަންނަ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ. އިނގިރޭސިވިލާތަކީ ބަރުލަމާނީ ނިޒާމަށް ވެރިކަންކުރާ ގައުމެއްކަމުން އިންތިޚާބުގެ ކުރިން ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފިނަމަ ބޮޑުވަޒީރު ކަމަށް ބޭފުޅަކު ހަމަޖައްސާނީ ވެރިކަން ކުރާ ޕާޓީގެ ތެރެއިންނެވެ.

މިހާރު އިނގިރޭސިވިލާތުގައި ވެރިކަންކުރަނީ ކޮންޒަވެޓިވް ޕާޓީންނެވެ. އެޕާޓީގެ ފަރާތުން ބޮޑުވަޒީރުކަން ކުރައްވަމުން ގެންދެވި ބޮރިސް ޖޯންސަން މިދިޔަ ހަފްތާގައިވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ކޮންޒަވެޓިވް ޕާޓީގެ އިސް ބޭފުޅުންގެ ތެރެއިން 11 ބޭފުޅަކު މިހާތަނަށްވަނީ ބޮޑުވަޒީރުކަމަށް ކުރިމަތިލައްވާނެކަން އިއުލާންކުރައްވާފައެވެ. އޭގެތެރޭގައި ޖޯންސަންގެ ސަރުކާރުގެ ކުރީގެ މާލީ ވަޒީރު (ޗާންސެލާ އޮފް އެކްސްޗެކާ) ރިޝީ ސުނާކްއާއި ކުރީގެ ސިއްހަތާބެހޭ ވަޒީރު ސާޖިދު ޖާވީދު އަދި ޚާރިޖީ ވަޒީރުކަމުގައި މިހާރު ވަގުތީ ގޮތުން ހުންނެވި ލިޒް ޓްރަސްއާއި މާލީ ވަޒީރުކަމުގައި މިހާރު ވަގުތީ ގޮތުން ހުންނެވި ނަދީމް ޒަހާވީ ހިމެނިވަޑައިގަންނަވައެވެ.

ހައުސް އޮފް ކޮމަންސް (އިނގިރޭސިވިލާތުގެ ޕާލަމެންޓް ގެ ތިރިގެ)

މިހަތަރު ބޭފުޅުންގެ ތެރެއިން ސާޖިދަކީ ޕާކިސްތާން ދަރިކޮޅުގެ ބޭފުޅެކެވެ. ރިޝީ އަކީ އިންޑިއާ ދަރިކޮޅުގެ ބޭފުޅެކެވެ. ނަދީމް އަކީ އިރާގު އަރަބި ދަރިކޮޅުގެ ބޭފުޅެކެވެ. މި ތިން ބޭފުޅުންގެ ތެރެއިން އިނގިރޭސި ދަރިކޮޅުގެ ބޭފުޅަކީ ހަމައެކަނި ލިޒް ޓްރަސްއެވެ.

ކޮންޒާވެޓިވް ޕާޓީގެ ވަޒީރުން ހިމެނޭ ކޮމިޓީ ކަމަށްވާ 1922 ކޮމިޓީން މިދިޔަ ހޯމަ ދުވަހު ވަނީ އެ ޕާޓީގެ ލީޑަރަކު ހޮވުމަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގެ ތާވަލެއް އެކަށައަޅާފައެވެ. ބޮޑުވަޒީރުކަމަށް އައްޔަން ކުރަނީ ޕާޓީގެ ލީޑަރުކަމަށް އިންތިޚާބު ކުރެވޭ ބޭފުޅެކެވެ.

އެކޮމިޓީގެ މުގައްރިރު ގްރެހަމް ބްރެޑީ ވިދާޅުވިގޮތުގައި ކޮންޒަވެޓިވް ޕާޓީގެ ލީޑަރުކަމަށް ވާދަކުރައްވާ ބޭފުޅުންނަށް އެބޭފުޅުންގެ ނަންތައް ރަސްމިކޮށް ހުށަހެޅުމުގެ ފުރުސަތު މިއަދު ހެނދު ހުޅުވާލާނެއެވެ. އަދި މިއަދު ހަވީރު އެފުރުސަތު ބަންދުކުރާނެއެވެ.

އިނގިރޭސިވިލާތުގެ ޕާލަމެންޓްގެ ތިރިގެ (ހައުސް އޮފް ކޮމަންސް) ގެ ހޫނު މޫސުމުގެ ޗުއްޓީއަށްފަހު ބާއްވާ ސެޝަންތައް އަންނަ ސެޕްޓެންބަރު މަހު 5 ގައި ފެށުމުގެ ކުރިން ޕާޓީގެ ލީޑަރުގެ މަގާމަށް ބޭފުޅަކު އިންތިޚާބުކޮށް އެބޭފުޅު ބޮޑުވަޒީރަކަށް އައްޔަން ކުރާނެއެވެ. އަދި ސެޕްޓެންބަރު މަހު 5 ވަނަ ދުވަހު ބާއްވާ ހައުސް އޮފް ކޮމަންސްގެ ޖަލްސާގައި އެބޭފުޅަކަށް ޕާލަމެންޓްގެ (ހައުސް އޮފް ކޮމަންސް) ގެ އިތުބާރު އޮތްތޯ ބެލުމުގެ ވޯޓުވެސް ނަގާނެއެވެ.

ހައުސް އޮފް ކޮމަންސް ގެ ބޮޑު އަޣްލަބިއްޔަތެއް އޮންނަނީ ކޮންޒަވެޓިވް ޕާޓީއަށް ކަމުން އެޕާޓީން އައްޔަންކުރާ ބޮޑުވަޒީރަކަށް ހައުސްގެ ރުހުން ލިބޭނެއެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން މިދިޔަ ހަފްތާގައި މަގާމުން އިސްތިއުފާ ދެއްވީ އޭނާގެ އަމަލުތައް ހުރިގޮތުން އޭނާގެ ޕާޓީކަމަށްވާ ކޮންޒަވެޓިވް ޕާޓީގެ ތެރެއިންނާ އަދި އޭނާގެ ސަރުކާރުގެ އިސްވެރިންގެ ފަރާތުން ކުރިމަތިވި ފިއްތުންތަކާ ގުޅިގެން ވެރިކަމުގައި ހުންނެވޭނެ އެއްވެސް ގޮތެއް ނެތިގެންނެވެ. މި ފިއްތުންތަކުގެ ތެރޭގައި ޖޯންސަންގެ ސަރުކާރުގެ ވަޒީރުންނާއި އިސް މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުން ޖަމާޢީކޮށް އިސްތިއުފާ ދިނުމާއި ޕާޓީގެ ލީޑަރުކަމުން ޖޯންސަން ވަކިކުރާނެ ކަމުގެ އިންޒާރުތައް އައުން ހިމެނެއެވެ.

ބޮރިސް ޖޯންސަން ހެއްދެވި ގޯސްތަކުގެ ތެރޭގައި ސިޔާސީ ބޭނުމަށް ތަކުރާރުކޮށް ދޮގުުތައް ހެއްދެވުމާއި ގާނޫނާއި ގަވާއިދަށް އިހުތިރާމް ނުކުރުމާއި އަޚްލާގީ ގޮތުން ދަށުދަރަޖައިގެ އަމަލުތައް ހިންގަވާ ބޭފުޅުން ގާތް ކޮށްގެން އުޅުއްވުން ހިމެނެއެވެ.

މީގެއިތުރުން އިނގިރޭސިވިލާތް މިހާރު ވެއްޓިފައިވާ އިގްތިސާދީ އަނދަވަޅުން ސަލާމަތްކުރެވޭ ޕްލޭނެއް އެކަށައެޅުމުގައި ޖޯންސަން ނާކާމިޔާބު ވުމާއި އިގްތިސާދު ވެއްޓިފައިވާ ހާލަތު ރައްޔިތުންނަށް އަންގައި ދިނުމުގެ ބަދަލުގައި އެހާލަތު ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރާކަމުގެ ތުހުމަތު އޭނާގެ ޕާޓީގެ ތެރެއިން ޖޯންސަންއަށް ކުރިމަތިވުން ހިމެނެއެވެ.