11 Jul 2022, 22:44
ހދ. ކުޅުދުއްފުށީގައި މިފަހަރު ކުރިއަށް ގެންދިޔަ މަށި މާލި ޕެރޭޑަށް ގިނަ ބައެއްގެ ފަޑުކިޔުމާއި ނުރުހުން އަމާޒުވާން ފަށައިފިއެވެ.
މި ޕެރޭޑަށް މީހުންގެ ފާޑުކިޔުން އަމާޒުވާން ފެށީ ޕެރޭޑުގައި ހިމަނާފައިވާ ބައެއް ފްލޯޓް ތަކަށެވެ.
ކުޅުދުއްފުށީގައި މިއަދު ކުރިއަށް ގެންދިޔަ މަށި މާލި ޕެރޭޑުގައި ރާއްޖޭގައި މިހާރު ހުރި ގައުމީ ބޮޑެތި ބައެއް މައްސަލަތަކާއި މި ފަހުން ޢާއްމުވި، އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކަށް އިޝާރާތްކޮށް ހަދާފައިވާ ފްލޯޓުތައް ހިމެނެއެވެ.
މީސް މީޑިއާގައި ދައުރުވަމުން އަންނަ، މަށި މާލި ޕެރޭޑުގެ ފޮޓޯތަކުގެ ތެރޭގައި ބިޒްނަސް މީޓިން ރޫމުގެ ނަން ލިޔެގެން ތައްޔާރުކޮށްފައިވާ ފްލޯޓެއްގެ ފޮޓޯއާއި ހަށިގަނޑުގެ ވަނާތައް އެނގޭ ގޮތަށް ހެދުން އަޅައިގެން ހުރި އަންހެނެއްގެ ފޮޓޯ ހިމެނެވެ.

ކުޅުދުއްފުށީ މަށިމާލި ޕެރޭޑް: ފޮޓޯ/ އައިވެލް ޕޯޓްރެއިޓް
ކުޅުދުއްފުށީ މަށި މާލި ޕެރޭޑަށް މީހުންގެ ފާޑުކިޔުން މިފަހަރު އަމާޒުވާން ފެށީ ދީނީ ބައެއް ޢިލްމުވެރީންނަށް ޖޯކު ޖެހުމާއި ހަށިގަނޑުގެ ވަނާތައް ފައުޅުވާ ގޮތަށް ހެދުން އަޅައިގެން ހުރެ، ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ އުޅުމުންނެވެ. މީގެ އިތުރުން ވެސް އިސްލާމީ މުޖުތަމައަކުން ފެނުމަށް އެކަށީގެންނުވާ އެތައް ކަމެއް ދައްކުވައިދިން ފްލޯޓުތަކެއް ވެސް މީގެ ތެރޭގައި ހިމެނޭތީއެވެ.

ކުޅުދުއްފުށީ މަށިމާލި ޕެރޭޑް: ފޮޓޯ/ އައިވެލް ޕޯޓްރެއިޓް
މަށި މާލި ޕެރޭޑުގައި ވަޢުދު ފުއްދުމުގެ ފްލޯޓަކާއި ކުޅުދުއްފުށީ އެއާޕޯޓާ ގުޅުން ހުރި ފްލޯޓްތަކާއި ދާދި ފަހުން ބޭއްވި ޔޯގާ ހަރަކާތާ ގުޅޭ ފްލޯޓުގެ އިތުރުން "ގިރި ހަވާދު"ގެ ނަމުގައި ވެސް ކޮޓަރިއެއް ދައްކާފައިވެއެވެ.
ކުޅުދުއްފުށިން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނީ މި ފަދަ ކުޅިވަރުތަކަކީ ކޮންމެ ޢީދަކާ ގުޅުވައިގެން އެ ރަށުގައި ކުޅެމުން އަންނަ ކުޅިވަރުތަކެއް ކަމަށާއި ނަމަވެސް މިފަހަރު މިއީ ބޮޑުވަރު ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އަހަރެމެން ކުޅިވަރު ބަލަން ދިޔައީ ދަރިންނާއި މައިން ގޮވައިގެން. އެހެން ތިއްބާ ކުއްލިއަކަށް ކުޑަކުދީން ކުރިމައްޗަށް މި ނުކުތީ އޮރިޔާން ހެދުން އަޅައިގެން ހުރި ބޮޑު އަންހެނެއް،" އޭނާ ބުންޏެވެ.

ކުޅުދުއްފުށީ މަށިމާލި ޕެރޭޑް: ފޮޓޯ/ އައިވެލް ޕޯޓްރެއިޓް
ކުޅުދުއްފުށީ ކައުންސިލުން ވަނީ މަށި މާލި ޕެރޭޑުގައި ސަމާލުކަން ދޭންވީ ކަންތައްތަކެއް ކުރިން ފާހަގަ ކޮށްފައެވެ. އޭގެ ތެރޭގައި ޕެރޭޑުގައި ބައިވެރިކުރެވޭނީ އިސްލާމް ދީނާ ފުށުނާރާ މާލިތައް ކަމާއި ޢާއްމު އިޖުތިމާއީ މިންގަނޑާ އެއްގޮތަށް މާލިތައް ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ވެސް ކައުންސިލުން ވަނީ އަންގާފައެވެ.