11 Jul 2022, 18:17
އިންޑިއާގެ މީހަކު ރާއްޖެއަށް ދަތުރުކުރުމަށް ފަހު އެކަން ފޮރުވަން ޕާސްޕޯޓުގެ ގަނޑުތަކެއް ވީދާލުމުން އެގައުމުން އެ މީހާ ހައްޔަރުކޮށްފިއެވެ.
އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން 32 އަހަރުގެ އެ މީހާ ރާއްޖެއަށް ކުރި ދަތުރަށް ފަހު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިންޑިއާއަށް ދިޔައިރު، އޭނާގެ ޕާސްޕޯޓުގެ ބައެއް ގަނޑުތައް މަދުކަން މުމްބާއީގެ އިމިގްރޭޝަން އޮފިޝަލުންނަށް ފާހަގަކުރެވުނެވެ.
އެ ގަނޑުތަކާ ބެހޭ ގޮތުން އިމިގްރޭޝަން އޮފިޝަލުން އޭނާއާ ސުވާލު ކުރުމުން އޭނާ ބުނީ އޭނާ ގައުމުން ބޭރަށް ދިޔައީ އޭނާގެ އަނބިމީހާއަށް ސިއްރުން، އޭނާގެ ލޯބިވެރިޔާއާ ބައްދަލުކުރަން ކަމަށެވެ.
އެ ދަތުރާ ބެހޭ ގޮތުން އަނބިމީހާއަށް އެނގިދާނެތީ ޕާސްޕޯޓުގެ ގަނޑުތައް ވީދާލީ ކަމަށާއި އެއީ ކުށެއްކަން ނޭނގޭ ކަމަށް އޭނާ ބުނި ކަމަށް މުމްބާއީގެ ފުލުހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައިވެއެވެ.
"ޕާސްޕޯޓުގެ މަދުވެގެން ދިހަ ގަނޑު އޭނާ ވީދާފައިވޭ. އެގޮތުން ތިންވަނަ ސަފުހާއިން ހަވަނަ ސަފުހާއަށް އަދި 31 ވަނަ ސަފުހާއިން 34 ވަނަ ސަފުހާއާ ހަމައަށް އޭނާގެ ޕާސްޕޯޓުގެ ގަނޑުތައް މަދު،" ފުލުހުންނާ ހަވާލާދީ ނޫސްތަކުގައިވެއެވެ.
އިންޖިނިއަރެއްގެ ގޮތުގައި މަަސައްކަތް ކުރާ އެ މީހާ ހައްޔަރުކޮށްފައި ވަނީ އޮޅުވާލުމާއި ގާނޫނީ ލިޔުމަކަށް ގަވާއިދާ ހިލާފަށް ބަދަލު ގެނައުމުގެ ތުހުމަތުގައެވެ.