25 Jul 2010, 09:58
14:30
މިނިވަން ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޤައުމާ މުޚާޠަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ މިނިވަން ދުވަހުގެ ހަރަކާތްތައް ފެށިގެންދާނީ މާދަމާ ހެނދުނު 6 ޖަހާއިރު ޖުމްހޫރީ މައިދާނުގައި ބާއްވަވާ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ކަމަށެވެ. އަދި އެ ރަސްމިއްޔާތަށް ފަހު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ޤައުމާ މުހާތަބް ކުރައްވައި ވާހަކަދައްކަވާނެ ކަމަށާއި އެމަނިކުފާނުގެ ވާހަކަގައި މައިގަނޑު ގޮތެއްގައި ބައްލަވާލާނީ ރާއްޖޭގެ ސިޔާސީ މަސްރަހް މިހާރު އޮތް ގޮތާއި ބިން ކުރުމުގެ މައްޗަށް ކަމަށްވެސް ޒުހެއިރު ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް މިނިވަން ދުވަހާ ގުޅިގެން ވަރަށް ގިނަ ހަރަކާތްތަކެއް މާދަމާ ކުރިއަށްދާނެ ކަމަށާއި އަދި ވަރަށް ގިނަ ކަންތައްތަކެއް ރައީސް ނަޝީދު މާދަމާ އިފްތާހުކޮށްދެއްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ. އެގޮތުން ވެލޭނާގޭގައި ހަދާފައިވާ އޮފީސް އިމާރާތް ހުޅުވާދެއްވުމާ އަލަށް ހަދާފައިވާ ޤައުމީ ދާރުލް އާސަރު ހުޅުވައިދެއްވުމުގެ އިތުރުން ސަރުކާރުން ހިންގުމަށް ހަމަޖައްސާފައިވާ ވަރަށް ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް މާދަމާ ފެށޭނެ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.