އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރަމުންދަނިކޮށް ހިންގި ހަމަނުޖެހުންތަކުގައި ހައްޔަރުކުރި މީހުން ބަންދުގައި ބައިތިއްބާފައިވަނިކޮށް އިންޑިއާ އޮފިޝަލުން ފުލުހުންގެ ކަސްޓޯޑިއަލްއަށް ނުވަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ޕޮލިހުން ބުނީ ހައްޔަރީން ބަންދުގައި ބައިތިއްބާފައިވަނިކޮށް އިންޑިއަން ހައިކޮމިޝަނުގެ އޮފިޝަލުން ކަސްޓޯޑިއަލްއަށް ވަދެފައިވާ ކަމަށް ހައްޔަރީންގެ ވަކީލުންނާ ހަވާލާދީ ބައެއް ނޫސްތަކުގައި ލިޔެފައިވާ ވާހަކައަކީ ކަނޑައެޅިގެން ހަގީގަތާ ޚިލާފް ވާހަކަތަކެއް ކަމަށެވެ.

ފުލުހުން ބުނީ އެ ވާހަކަތަކަކީ ފުލުހުންގެ މުއައްސަސާގެ ތަސައްވަރު ކިލަނބުވެ، ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާމެދު ނަފުރަތު އުފެދި އިތުބާރު ގެއްލިދާނެފަދަ ކަމަކަށްވާއިރު، އެބާވަތުގެ ޚަބަރުތައް ގެނެސްދިނުމުގައި އިތުބާރުކުރެވޭ މަސްދަރަކުން ޔަގީން ކުރުމަށް އިލްތިމާސްކުރާކަމަށެވެ.

އެންމެފަހުން ޔޯގާ އިވެންޓުގައި ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހައްޔަރީން ބަންދުގައި ތިއްބައި ކަސްޓޯޑިއަލްއަށް އިންޑިއަން ހައިކޮމިޝަންގެ އޮފިޝަލުން ވަދެފައިވާކަމަށް ބުނެފައެވެ.

މިދިޔަ މަހުގެ 21ގައި ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނޫ މަހާވަރްއާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.

ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ.

އެކަމާ ގުޅިގެން އެ މައްސަލައާ ގުޅޭ ސީރިއަސް ތަހުގީގެއް ހިންގަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހަމަނުޖެހުމުގައި ބައިވެރިވި މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ޓުވީޓެއް ކުރައްވާފައިވާއެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ކެބިނެޓްގެ ސަބް ކޮމިޓީއެއް ވަނީ އުފައްދާފައެވެ.

އެ މައްސަލާގެ ތުހުމަތަށް ދެ ޝެއިހެއް ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރު ކޮށްފައެވެ.