10 Jul 2022, 13:14
ރާއްޖޭގައި އިންޓަނޭޝަނަލް ޔޯގާ ދުވަސް ފާހަގަކުރުމާ ދެކޮޅަށް ހިންގި ހަރަކާތްތަކާ ގުޅިގެން ހައްޔަރުކުރި ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު އިސްމާއީލް ވަނީ ފްރޭމްކޮށްފައި ކަމަށާއި އޭނާގެ މައްޗަށް ކުރާ އެއްވެސް ތުހުމަތެއް ސާބިތުކުރުމަށް ހެއްކެއް ނެތް ކަމަށް އޭނާގެ ގާނޫނީ ވަކީލު ޢަލީ ޝާހު ވިދާޅުވެއްޖެއެވެ.
ޔޯގާ އިވެންޓުގައި ހަމަނުޖެހުން ހިންގި މީހުންގެ ގޮތުގައި ހައްޔަރުކުރި މީހުންގެ ވަކީލުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހު ވިދާޅުވީ މުޙައްމަދުގެ މައްޗަށް ކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.
"މުޙައްމަދުގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް ބަލާއިރު އޭނާ ޓެރެރިޒަމްގެ އަމަލެއް ހިންގުމަށް ކުރި އެއްވެސް ކަމެއް ފުލުހުންނަކަށް ބުނެ ނުދެވޭ. "ލޯފުލް އެސެންބްލީއެއް އަންލޯފުލް އެސެންބްލީ"އަކަށް ބަދަލުކުރުމަށް އޭނާ ކުރިކަމެއްވެސް ބުނެ ނުދެވޭ،" ޝާހު ވިދާޅުވިއެވެ.
ޝާހުގެ ވާހަކާގައި އެ މައްސަލާގައި މުޙައްމަދުގެ މައްޗަށް ކުރާ ތުހުމަތަކުތަކަށް ބަލާއިރު އެއީ އޭނާގެ މައްޗަށް ހަރުކަށިކޮށް ގާނޫނު ހިންގާ އަދި ވަރަށް ނޭދެވޭ ގޮތަކަށް އޭނާ ފްރޭމްކޮށް ބަންދުކުރުމަށްޓަކައި ފުލުހުންގެ ފަރާތުން ތަކުރާރުކޮށް ކެނޑިނޭޅި ކުރަމުންދާކަމެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
އެންމެ ފަހުން މުޙައްމަދުގެ ބަންދުގެ މުއްދަތު 30 ދުވަހަށް އިތުރުކޮށްފައިވާއިރު ޝާހު ވިދާޅުވީ މުޙައްމަދުގެ ބަންދުގެ މުއްދަތު 30 ދުވަހަށް ޖަހާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ. އަދި ޖިނާއީ އާންމު އިޖުރާއަތަށް ބަލާއިރު މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރެވޭނެ ހާލަތްތައް ބުނެފަ އޮންނަ ކަމަށާއި މުޙައްމަދުގެ ބަންދުގެ މުއްދަތު އިތުރުކުރީ ގާނޫނާ ޚިލާފަށްކަމަށް އޭނާ ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުން އެކަން ކޮށްފަ އޮތް ގާނޫނީ ހަމައަކީ ކޮބައިތޯ ދެނެގަތުމަށްޓަކައި، އެ ކޯޓުން އެންމެ ފަހުން ނެރުއްވާފައިވާ ކޯޓު އަމުރު އިސްތިއުނާފް ކުރުމަށް ހޯދަން ބެލިއިރު، އަދިވެސް އެ އަމުރު ލިބިފަނުވާ ކަމަށާއި ފުލުހުން މެދުވެރިކޮށްވެސް އެ ކޯޓު އަމުރު ހޯދުމަށްކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށް ޝާހު ވިދާޅުވިއެވެ.
"ކްރިމިނަލް ކޯޓުގެ އެ އަމުރު ނުލިބިގެން ޕްރެސްއާ ހަމައަށްވެސް މަސައްކަތް ކުރިން އެ ލިބޭތޯ. އަދި ޕްރެސް ގެ ކުރިން ފުލުހުން މެދުވެރިކޮށްވެސް ބެލިން އެ އަމުރު ލިބޭނެތޯ. ނަމަވެސް ފުލުހުންގެ ފަރާތުން އެ މައްސަލައިގައި އުޅުއްވާ އައިއޯ ވެސް ބުނީ އެ ކޯޓު އަމުރު ލިބިފައި ނުވާ ކަމަށް،" އޭނާ ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ އެންމެ ފަހުން އޮތް ޝަރީއަތުގެ މަޖިލީހުގައި ޕީޖީގެ ފަރާތުން ބައިވެރިވެވަޑައިގެން ދެއްކި ވާހަކައާ މެދު ހިތާމަކުރާ ކަމަށެވެ.
"ޕީޖީގެ ފަރާތުން ޝަރީއަތުގެ މަޖިލީހުގަ ބުނީ މައްސަލައިގައި ޖަވާބު ހޯދަން ޖެހޭ ދެކަމެކޭ ވަނީ. އެއީ މުޙައްމަދުގެ ކުށުގެ ރިކޯޑު އޮތްތޯއާ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކިރިޔާވެސް ކަމެއް އޮތްތޯ. އެމިންވަރަށް ހުރެއްޖެކަމުގައި ވާނަމަ ބަންދުގެ މުއްދަތު އިތުރުކުރެވޭނެ ކަމަށް،" ޝާހު ވިދާޅުވިއެވެ.
ޝަރީއަތުގައި މުޙައްމަދު ވަނީ ފުލުހުން ކުރާ އެއްވެސް ތުހުމަތެއް ނުކުރާ ކަމަށް އަދި އެއްވުމުގައިވެސް ބައިވެރިނުވާ ކަމަށް މާތްﷲ ގަންދީ ހުވާކޮށްފައިކަމަށް ޝާހު ވިދާޅުވިއެވެ. ނަމަވެސް ފުލުހުން ވަނީ މުޙައްމަދު އެ އެއްވުން ރާވާ ހިންގުމުގައި އިސްކޮށް ހަރާކާތްތެރިވިކަމަށް ބެލެވޭ ކަމަށް ބުނެފަ ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ގާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވީ ޖީނާއީ ތަހުގީގެއް ނުކޮށް ޔޯގާ އިވެންޓުގެ ހަމަނުޖެހުމުގެ ފަހަތުުގައި ތިބީ ވަކި ބައެކޭ ބުނެގެންވެސް ނުވާނެ ކަމަށާއި އެއީ ވަރަށް "އަންޕްރޮފެޝަނަލް" ކަމެއް ކަމަށެވެ.
ގާނޫނީ ވަކީލު އާދަމް އާސިފް --- ސަން ފޮޓޯ
އެ މައްސަލައަކީ ވަރަށް ބޮޑަށް ސިޔާސީ ކުރެވިގެން ކުރިއަށްދާ މައްސަލައެއް ކަމަށާއި އެންމެ ފުރަތަމަވެސް ފުލުހުން އެކަން ސިޔާސީ ކޮށްގެން ފެށިކަން ދޭހަވީ މައްސަލައިގެ ތަހުގީގު ރަނގަޅަށް ފެށުމުގެ ކުރިން ޔޯގާ އިވެންޓު ހަމަނުޖެހުމުގެ ފަހަތުގައި ތިބީ އިދިކޮޅު ކޯލިޝަނުން ކަމަށް ދޭހަވާގޮތަށް ނޫސްބަޔާނެއް ނެރުމުންކަމަށް ވެސް އާސިފް ވިދާޅުވިއެވެ.
"މި ކަމަކީ ވަރަށް ބޮޑަށް ސިޔާސީ ކުރެވިގެން ކުރިއަށްދާ ކަމެއް. އެންމެ ފުރަތަމަ މައްސަލަ ބަލަން ފެށީވެސް މީތި ސިޔާސީކޮށްގެން. އޭރު ކަންތައް ވި ގޮތުންނާއި އަދި މިހާރު ކަންތައް ވާގޮތުން އެކަން ދޭހަވާނެ،" އޭނާ ވިދާޅުވިއެވެ.
އާސިފް ވިދާޅުވީ އޭގެންވެސް އެނގެނީ އެ މައްސަަލައިގެ ތަހުގީގެ ބިންގާވެސް ގޯސް ކަމަށެވެ.
މިދިޔަ މަހުގެ 21ގައި ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނޫ މަހާވަރްއާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.
ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ.
އެކަމާ ގުޅިގެން އެ މައްސަލައާ ގުޅޭ ސީރިއަސް ތަހުގީގެއް ހިންގަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހަމަނުޖެހުމުގައި ބައިވެރިވި މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ޓުވީޓެއް ކުރައްވާފައިވާއެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް ކެބިނެޓްގެ ސަބް ކޮމިޓީއެއް ވަނީ އުފައްދާފައެވެ.
އެ މައްސަލާގެ ތުހުމަތަށް ދެ ޝެއިހެއް ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރު ކޮށްފައެވެ.