07 Jul 2022, 10:18
ލަންޑަން (7 ޖުލައި 2022): އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ސަރުކާރުން އަނެއްކާވެސް ބައެއް ވަޒީރުންނާއި ބައެއް މަސްއޫލުވެރިން އިސްތިއުފާ ދެއްވައިފިއެވެ.
މިފަހަރު އިސްތިއުފާ ދެއްވި ވަޒީރުންގެ ތެރޭގައި ކުޑަކުދިންނާއި އާއިލާގެ ކަންކަމާބެހޭ ވަޒީރު ވިލް ކުއިންސްއާއި ޖޫނިއާ ހޯމް މިނިސްޓަރު ވިކްޓޯރިއާ އަޓްކިންސް އާއި ވޭލްސް އާބެހޭ ވަޒީރު ސިމޮން ހާޓްގެ އިތުރުން ބޮޑުވަޒީރުގެ ޕާލަމެންޓާ ބެހޭ ސެކްރެޓަރީ ލައުރާ ޓްރޮޓް ހިމެނެއެވެ.
އިނގިރޭސި ދާޚިލީ ވަޒީރު ޕްރިޓީ ޕަޓޭލްވަނީ ޖޯންސަންގެ އިސްތިއުފާއަށް ފާޅުގައި ގޮވާލައްވާފައެވެ. ޕަޓޭލްއަކީ މިހާތަނަށް ބޮޑުވަޒީރު ޖޯންސަންގެ ދިފާއުގައި އެންމެ ބޮޑަށް ވާހަކަދެއްކެވި ވަޒީރެވެ.
ޖޯންސަންގެ ސަރުކާރުން އެންމެ ފުރަތަމަ އިސްތިއުފާ ދެއްވި ދެވަޒީރުންނަކީ މާލީ ވަޒީރު ނުވަތަ ޗާންސެލާ އޮފް އެކްސްޗެކާ ރިޝީ ސުނާކް އާއި ސިއްހަތާބެހޭ ވަޒީރު ސާޖިދު ޖާވިދުއެވެ. މީގެއިތުރުންވެސް ޖޯންސަންގެ ސަރުކާރުގެ ބައެއް ސްޓޭޓް މިނިސްޓަރުންނާއި އެއަށްވުރެ ދަށު ލެވެލްގެ ބައެއް މަސްއޫލުވެރިންނާ އަދި އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ކޮންޒަވެޓިވް ޕާޓީގެ ބައެއް އިސް ބޭފުޅުންވެސްވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ޖޯންސަންވަނީ ކޯފާވެގެން އޭނާގެ ސަރުކާރުގެ ހައުސިންއާބެހޭ ވަޒީރު މައިކަލް ގޮވް މަގާމުން ދުރުކުރައްވާފައެވެ. އެއީ ގޮވް ތަންކޮޅެއް ހަރުކަށިކޮށް ޖޯންސަންގެ އިސްތިއުފާއަށް ގޮވާލެއްވުމުންނެވެ.
މި އިސްތިއުފާތަކާއެކު ޖޯންސަންގެ ސަރުކާރު ސިޔާސީ ގޮތުން ވަރަށް ބޮޑަށް ބަލިކަށިވެ އާންމުންގެ ކުރިމަތީގައި ފަޟީހަތް ވެފައިވީނަމަވެސް ޖޯންސަން ވިދާޅުވަނީ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމުގައެވެ. ޖޯންސަން މިހާރު ގެންދަވަނީ އިސްތިއުފާ ދެއްވި ބޭފުޅުންގެ މަގާމު ތަކަށް އެހެން ބޭފުޅުން އައްޔަން ކުރުމުގެ ކަންތައް ކުރައްވަމުންނެވެ. ޖޯންސަން ވިދާޅުވާގޮތުގައި މިފަދަ ދަނޑިވަޅެއްގައި އޭނާ އިސްތިއުފާ ދެއްވުމަކީ މަސްއޫލިއްޔަތުން ރެކުމެވެ. އެއީ ވަރަށް ފިނޑި ކަމެއްކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.
ޖޯންސަންގެ ސަރުކާރުން އިސްތިއުފާ ދެއްވި ބޭފުޅުން ވިދާޅުވަނީ އިނގިރޭސިވިލާތުގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތިތަކާއި މައްސަލަތަކުގެ ހަގީގަތް ހާމަކުރުމުގެ ބަދަލުގައި ޖޯންސަން އުޅުއްވަނީ އެކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލާށެވެ. އޮޅުވާލައިގެން ސިޔާސީ މަންފާ ހޯދަން މަސައްކަތް ކުރައްވަމުންނެވެ. ޖޯންސަންގެ އަމަލުތަކާއި ވާހަކަތައް މިފަހަކަށް އައިސް ހުންނަ ގޮތުން އޭނާއަށް އިތުބާރު ނުކުރެވޭ ކަމަށް އެބޭފުޅުން ވިދާޅުވެފައިވެއެވެ.
އިނގިރޭސި އިގްތިސާދަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ތެރޭގައި ތަކެތީގެ އަގު އާދަޔާ ޚިލާފަށް ބޮޑުވާން ފެށުމާއި ބައެއްތަކެތި ބާޒާރުން ހުސްވުމާއި ވަޒީފާނެތް މީހުންގެ އަދަދު އިތުރުވުމާއި ކުދި ވިޔަފާރިތައް ބަނގުރޫޓްވުމާއި އިނގިރޭސި ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ބާޒާރު ނުލިބުންފަދަ އެތައް ކަމެއް ހިމެނެއެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަދަ ޕޮޕިއުލިސްޓް ސްޓައިލްގެ ބޭފުޅެއް ކަމަށްވާ ބޮރިސް ޖޯންސަން މިފަހަކަށް އައިސްވަނީ ސިޔާސީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ބޮޑެތި ގޯސްތަކެއް ހައްދަވާފައެވެ. މީގެތެރޭގައި ކޮވިޑްގެ ދުވަސްވަރު ކޮވިޑްގެ އުސޫލުތަކާއި ގަވައިދުތަކާ އެތައް ފަހަރަކު އޭނާ ޚިލާފުވެވަޑައިގަތުމާއި ރާނީ އެލިޒަބަތަށް އޮޅޭގޮތަށް މައުލޫމާތު ދެއްވި މައްސަލާގައި އޭނާ "ހޫނުފެނަށް" ވެއްޓި މައާފަށް އެދެންޖެހުން ހިމެނެއެވެ.
މީގެއިތުރުން ބްރެކްސިޓްގެ ވޯޓަށް ކޭންޕޭން ކުރި ދުވަސްވަރު ޖޯންސަން އިނގިރޭސިވިލާތުގެ ބައެއް ތަފާސްހިސާބުތައް އޮޅުވާލައިގެން ޔޫރަޕްގެ އިއްތިހާދާ މެދު އިނގިރޭސި ރައްޔިތުން ބިރުގަންނަވަން އުޅުއްވި މައްސަލާގައިވެސް އޭނާގެ މައްޗަށްވަނީ ސިޔާސީ މަގްސަދުތައް ހާސިލް ކުރުމަށްޓަކައި ފާޅުގައި ދޮގު ހެދިކަމުގެ ތުހުމަތު ކުރެވިފައެވެ. މިފަހަކަށް އައިސް ޖޯންސަން ދައްކަވާ ވާހަކަތައް ދިމާނުވާ މައްސަލަވެސްވަނީ އެތަށް ފަހަރަކު ފެންމަތިވެފައެވެ.
އިނގިރޭސިވިލާތުގައި އެންމެފަހުން ބޭއްވި ލޯކަލް އިންތިޚާބުގައި ޖޯންސަންގެ ކޮންޒަވެޓިވް ޕާޓީއަށްވަނީ ފަހުގެ ތާރީޚެއްގައި އެޕާޓީއަށް ކުރިމަތި ނުވާވަރުގެ ބޮޑު ނާކާމިޔާބަކާ ކުރިމަތިލާން ޖެހިފައެވެ.
ރިޕޯޓްތައް ބުނާގޮތުން ކޮންޒަވެޓިވް ޕާޓީގެ ތެރޭގައި ޖޯންސަންގެ އިތުރުބާރުވަނީ ގެއްލިފައެވެ. އެހެން ކަމުން ޕާޓީގެ ތެރޭގައި ޖޯންސަންގެ މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓެއް ނެގުން ވަރަށް ގާތެވެ.
ޖޯންސަންގެ ބޮޑުވަޒީރު ކަމުން ބޭރުކޮށްލުމަށް އިނގިރޭސި ޕާލަމެންޓްގައި އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ދާދިފަހުން ކުރިމަސައްކަތްވަނީ ނާކާމިޔާބުވެފައެވެ. ނަމަވެސް އެވޯޓުގައި ޖޯންސަން އަށް ތާއީދު ކުރެއްވި އެތައް ބޭފުޅަކު މިހާރު އޭނާއަށް ތާއީދު ނުކުރާކަަމަށް މައުލޫމާތު ލިބެއެވެ.