ސްޓެލްކޯގެ ލީގަލް މެނޭޖަރުކަން ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުޙައްމަދު ހަލީމަށް ދީފިއެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަން "ސަން"އަށް މިއަދު ވިދާޅުވީ ހަލީމް އެ މަގާމަށް ހަމަޖެއްސީ ވަރަށް ފަހުން ކަމަށެވެ. އޭނާ އެ މަގާމަށް ހޮވުނީ އިއުލާން ކޮށްގެން ކުރިމަތިލި މީހުންގެ ތެރެއިން ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ މަގާމުން ހަލީމަށް ލިބޭ މުސާރައާއި އިނާޔަތްތަކުގެ ތަފްސީލެއް ސްޓެލްކޯއިން ހާމައެއް ނުކުރެއެވެ.

ގާޒީކަމުން އިސްތިއުފާ ދެއްވުމަށް ފަހު ހަލީމް އުޅުއްވަނީ ސިޔާސީ ކަންކަމުގެ ތެރޭގައެވެ. އެގޮތުން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ އެމްޓީޑީގެ ހަރަކާތްތަކުން އޭނާ ފެނެއެވެ.

"އިންޑިއާ އައުޓް" ހަރަކާތާ ދެކޮޅަށް ދާދި ފަހުން ރައީސް ޢަބްދުﷲ ޔާމީންގެ ގެކޮޅު ކައިރިއަށް އެއްވިއިރު ވެސް އިސްކޮށް ހުންނެވީ ހަލީމެވެ.

އިސްލާމިކް ބޭންކުން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކާތީ ދާދި ފަހުން ހަލީމްގެ މައްޗަށް ވަނީ ހުކުމެއް ވެސް ކޮށްފައެވެ. ހުކުމް ކުރީ އެ ފައިސާ ދެއްކުމަށެވެ.