ކުރިއަށް އޮތް އަޟްޙާ ޢީދު ދުވަހާއި ވަޅުޢީދު ދުވަހު މާލޭގައި ދުއްވާއެއްޗެހި ދުއްވުން ވަކިވަގުތަކަށް މަނާކޮށް، އެވަގުތު މާލޭގައި ހިނގާފައި އުޅޭގޮތަށް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 59 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ.

ޢީދު ދުވަހާއި ވަޅުޢީދު ދުވަހު މާލޭގައި ހިނގާފައި އުޅޭ ވަގުތު ކަނޑައެޅުމަށް އެދި ހުށަހަޅުއްވާފައިވަނީ ގަލޮޅު މެދު ދާއިރާގެ މެންބަރު ރީހާން ނާޒިމެވެ. މި ހުށަހެޅުން ވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާޤުން ފާސްވެފައެވެ.

ޢީދު ދުވަހާއި ވަޅުޢީދު ދުވަހު ދުއްވާއެއްޗެހި ނުދުއްވާ އެ ވަގުތު ތަކުގައި ހިނގާފައި އުޅޭ ގޮތަށް ނިންމާފައިވަނީ ހަވީރު 4:00 އިން ފަށައިގެން އިރުއޮއްސި 6:00 އާއި ހަމައަށެވެ.

ސިޓީ ކައުންސިލުން ބުނީ މި ގޮތަށް ނިންމި ނަމަވެސް މި ވަގުތުތަކުގައި ޚާއްސަ ހުއްދައިގެ ދަށުން މާލޭގައި އުޅަނދުފަހަރު ދުއްވުން ހުއްދަވާނެ ކަމަށެވެ.

ޢީދު ދުވަހުގެ ވަކިވަގުތުތަކެއް ފައިމަގުގައި އުޅުމަށް ޚާއްސަ ކުރުމުގެ ގޮތުން މިދިޔަ ފިޠުރު ޢީދުގައި ވެސް މާލެ ސިޓީ ކައުންސިލުންވަނީ ދުއްވާއެއްޗެހި ދުއްވުން މަނާ ވަގުތު ކަނޑައަޅާފައެވެ.