06 Jul 2022, 21:25
މާސްޓާ ޝެފް ސޮސައިޓީ އޮފް ދަ ވޯލްޑްގެ ފަރާތުން ދޭ މާސްޓާ ޝެފްގެ ލަގަބު ލިބުނު ފުރަތަމަ ދިވެހި ޝެފަކަށް އޮގާ ރިސޯޓުގެ ކްރިއޭޓިވް ކަލިނަރީ ޑިރެކްޓާ ޝެފް މަހާ ނަސީރު ވެއްޖެއެވެ.
މަހާ އަކީ ސިންގަޕޫރުގެ ކްރިއޭޓިވް ކަލިނަރީ އިން ކަލިނަރީ އާޓްސް އެންޑް ކުއިޒިން އިން ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭކަނބަލެކެވެ. އަދި އޭނާއަކީ މިހާރު ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވާ އަދި ވޯލްޑް ޝެފްސް އެޕްރޫވްޑް ޕޭސްޓްރީ ރޫކީ ޖަޖެކެވެ. މަހާ ވަނީ ފާއިތުވީ އަހަރުތަކުގެ ތެރޭގައި ގައުމީ އަދި ބައިނަލްއަގްވާމީ އެތައް އެވޯޑުތަކެއް ހާސިލްކޮށްފައި އެވެ.
ފަންސާސް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ވޯލްޑް މާސްޓާ ޝެފްސް ސޮސައިޓީއަކީ ވޯލްޑް މާސްޓާ ޝެފްގެ ލަގަބު ދިނުމަށް ސެޓްފިކެޓް ލިބިފައިވާ ހަމައެކަނި ސޮސައިޓީ އެވެ. މަހާއަކީ މިހާރު ރާއްޖޭގައި ތިބި މަދު އަންހެން އެގްޒެކެޓިވް ޝެފުންގެ ތެރެއިން އެކަކެވެ.
ވޯލްޑް މާސްޓާ ޝެފްސް ސޮސައިޓީ އަކީ 50 ގައުމެއްގައި 200 އަށް ވުރެ ގިނަ މެމްބަރުން ތިބި ޚާއްސަ ހުނަރުވެރި ޕްރޮފެޝަނަލް ޝެފްންނަށް ޚާއްސަކޮށްގެން އުފައްދާފައިވާ ދުނިޔޭގެ މަޝްހޫރު ޝެފް ސޮސައިޓީއެކެވެ.