25 Jul 2010, 05:40
އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް ފެސްޓިވަލް 2010 ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިފްތިތާހު ކޮށްދެއްވައިފި އެވެ.
އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމުގެ މަގުސަދުގައި އަންނަ އޯގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އިންޑިއާ މޯލްޑިވްސް ފްރެންޑިޝިޕް ފެސްޓިވަލް އިފްތިތާހުކުރުމަށް ރޭ ބޭއްވި ހަފްލާގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އިންޑިއާގެ މަޝްހޫރު ފިލްމީ ބަތަލު ސަލްމާން ޚާން ބައިވެރިވި އެވެ.
ހަފްލާގައި ވާހަކަ ދައްކަމުން ސަލްމާން ޚާން ބުނީ، އިސްލާމްގެ މާނައަކީ ސުލްހަވެރިކަން ކަމަށާއި އެންމެން ވެސް ސުލްހަވެރިކަންމަތީ ދިރިއުޅެންވާނެ ކަމަށެވެ.
ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، އިންޑިއާ މޯލްޑިވްސް ފެސްޓިވަލްގައި ބައިވެރިވުމަށް ރާއްޖެ ޒިޔާރަތްކުރީތީ ސަލްމާން ޚާނަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ސަލްމާން ޚާން އަށް ދައުވަތު ދިނީ ހަމައެކަނި އޭނާގެ އެކްޓިންގެ މޮޅު ހުނަރުތަކުގެ ސަބަބުން ނޫން ކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، ސަލްމާންގެ އަމިއްލަ އިސްނެގުމާއެކު ކުރިއަށްގެންދާ އިންސާނީ އެހީތެރިކަމުގެ މަސައްކަތްތަކުގެ ސަބަބުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އިންޑިއާގައި އޭނާ ކުރަމުން އަންނަ ހިއުމެނިޓޭރިއަން މަސައްކަތްތައް ރާއްޖޭގައިވެސް މިހާރު ފެތުރިގެން ގޮސްފި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އިންޑިއަން ހައިކޮމިޝަނަރު ޑީ.އެމް މުލޭ އަށާއި މި ފެސްޓިވަލްގެ ސްޕޮންސަރު ކަމުގައިވާ ޖީއެމްއާރް ކުންފުންޏަށް ވެސް ރައީސް ނަޝީދު ޝުކުރު އަދާކުރެއްވި އެވެ.
އިންޑިއާގެ ރައްޔިތުންނާއި ދިވެހިންގެ ސަގާފީ އަދި ފަހުގެ އެކިއެކި މުނިފޫހިފިލުވައިދިނުމުގެ ހަރަކާތްތަކުން ފަޅުފިލުވާލަދިން މި ހަފްލާގައި ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ރާއްޖޭގައި ވަޒީފާ އަދާކުރާ އިންޑިއާގެ އެކިއެކި ޚިދުމަތްތެރިންނާއި ގިނަ އަދަދެއްގެ ދިވެހިން ވެސް މި ހަފްލާގައި ބައިވެރިވި އެވެ.