ސަރުކާރުން އިއްޔެ އިއުލާނުކުރިގޮތަށް، ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމުގެ ގެއްލުން ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް ވަރަށް ބޮޑަށް ކުރާނެކަމަށް މަޓާޓޯއިން ބުނެފިއެވެ.

ރާއްޖޭގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުންގެ ޖަމިއްޔާ، މަޓާޓޯއިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުގެ ސަބަބުން ސަރުކާރަށް އެތައް ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަކަން ބަލައިގަންނަ ކަމަށެވެ.

ނަމަވެސް، މި ދަނޑިވަޅަކީ ޓެކްސް ބޮޑުކުރުމަށް ރަނގަޅު ދަނޑިވަޅު ނޫންކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

"ހާއްސަކޮށް މި ފިޔަވަޅުގެ ސަބަބުން ނުކުންނާނެ ހުރިހާ ނަތީޖާއަކަށް ރިއާޔަތް ނުކޮށް މި ނިންމުން ނިންމުމަކީ [އެންމެ ރަނގަޅު ގޮތެއް ނޫނެވެ] އޭގެ ތެރޭގައި ސަރުކާރަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރާނެ އަސަރު ވެސް ހިމެނޭ،" މަޓާޓޯގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެ ބަދަލުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ސަފާރީތަކާއި، ގެސްޓްހައުސްތައް ފަދަ ކުދި ވިޔަފާރިތަކަށާއި، ބަޖެޓް ރިސޯޓުތަކަށް ކަމަށެވެ.

"އެއްވެސް މިންވަރަކަށް އަގު އުފުލުމަކީ މިހާރު ވެސް ތެލުގެ އަގާއި، ވައިގެ ދަތުރުފަތުރުގެ އަގު ބޮޑުވުމުން، ރާއްޖޭގެ އުފެއްދުންތަކަށް އޮންނަ ޑިމާންޑަށް ކުރާ ނޭދެވޭ އަސަރުތައް ބޮޑުވުމަށް މެދުވެރިވާނެ ސަބަބެއް،" އެ ބަޔާނުގައި ވެއެވެ.

މަޓާޓޯގެ ބަޔާނުގައި ބުނެފައިވަނީ ޓެކްސް ބޮޑުކޮށްގެން ރާއްޖޭގެ އެންމެ އުފެއްދުންތެރި ސިނާއަތަށް ގެއްލުންވާފަދަ ކަމެއް ކުރުމަށް ވުރެ، މި ވަގުތަށް މުހިންމީ ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުން ކަމަށެވެ.

ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރުން މިވަގުތަށް ރަނގަޅު ނޫންކަމަށް މީގެ ކުރިން ވެސް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެ ފަރާތްތަކުން ބުނަމުންދަނީ އެ ބަދަލުތަކަށް ތައްޔާރުވުމަށް ދޮޅު އަހަރު، ނުވަތަ ދެ އަހަރެއްހާ ދުވަސް ބޭނުންވާ ކަމަށެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ މި ވަގުތު ވިސްނުންހުރީ އެންމެ ގިނަ ވެގެން ވެސް ހަ މަހުގެ މުއްދަތެއްގެ ތެރޭ އެ ބަދަލުތައް ތަންފީޒު ކުރުމަށް ކަމަށެވެ. އެގޮތުން ޓީޖީއެސްޓީ ބޮޑު ކުރަން ނިންމާފައި ވަނީ 12 ޕަސެންޓުން 16 ޕަސެންޓަށެވެ.