ރާއްޖޭގައި ހިންގާ ފުރަތަމަ ސްޕޭސް މިޝަނަށް ކިޔާނެ ނަމެއް ހޯދުމަށް ނަން ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން އާންމުންނަށް ހުޅުވާލައިފިއެވެ.

ސްޕޭސް މިޝަންގެ މެއިން ޕާޓްނަރު ކަމަށްވާ އެޗްޑީސީއިން ކުރި ޓުވީޓެއްގައި ވަނީ ސްޕޭސް މިޝަންއަށް ދޭނެ ރަނގަޅު އަދި އެހެން މީހުންގެ ލޮލުގައި އަޅައިގަންނަ ކަހަލަ ރީތި ނަމެއް ހޯދަމުން އަންނަ ކަމަށެވެ.

އެކަހަލަ ނަމެއް އޮތް ނަމަ މި މަހުގެ 16 ވަނަ ދުވަހުގެ ކުރިން ފޯމު ފުރައި ނަން ހުށަހެޅުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

ސްޕޭސް މިޝަންގެ ޓީމުގައި 30 އަހަރުން ދަށުގެ ހަތް ޒުވާނުން ހިމެނޭއިރު އެއީ ދެ އަންހެނަކާއި ފަސް ފިރިހެނުންނެވެ. އެ ޓީމުގައި ހިމެނޭ ޒުވާނުންނަކީ އެރޯސްޕޭސް އިންޖީނިއަރުންނާއި އިލެކްޓްރޯނިކްސް އަދި މެކޭނިކަލް އިންޖީނިއަރުންގެ އިތުރުން ކޮމްޕިއުޓާ ސައިންސް ދާއިރާގެ ގްރެޖުއޭޓުންނެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށްގެންދާ ސްޕޭސް މިޝަން ހިންގާ އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް)އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ސްޕޭސް މިޝަންގައި ބައިވެރިވާ ޓީމަކީ، ސެޓަލައިޓް ހަދައި ލޯންޗުކޮށް އަދި ސައިންޓިފިކް ރިސާޗް ހަދަން ދަސްކޮށްދޭ ކޯހެއް ކަމަށްވާ ނެނޯ ސެޓަލައިޓް އިންޖިނިއަރިން ޕްރޮފެޝަނަލް ކޯސް ފުރިހަމަކޮށްފައިވާ ޓީމެކެވެ.

ސްޕޭސް މިޝަންގެ މަގުސަދަކީ ރާއްޖޭގެ ފުރަތަމަ "ޕްރޮޓޯޓައިޕް ސެޓެލައިޓް" ހަދައި ޓެސްޓްކުރުމަށްވާއިރު، އެ ސެޓްލައިޓަކީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން އަޖުމަ ބެލުމަށް ހަދާ ސެޓެލައިޓެކެވެ.