05 Jul 2022, 00:15
މިއަދު އިރުއޮއްސުނުއިރު ކުޅިވަރު އެކުވެނި ކައިރިން ހިނގި ނުރައްކާތެރި އެކްސިޑެންޓަކީ ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރު ކޮންޓުރޯލް ނުވެ ބަހުގައި ޖެހިގެން ހިނގި އެކްސިޑެންޓެއްކަން ހާމަވެއްޖެއެވެ.
އެ އެކްސިޑެންޓްގެ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ބޮޑުތަކުރުފާނު މަގުން ހެންވޭރާވީ ކޮޅަށް މޭރީ ބްރައުން ކައިރިން ރަތް ކުލައިގެ ކާރެއް ފެން ބޮޑުވެފައިވެފައިވާ މަގުގެ ފެންގަނޑު ކަފަމުން ބާރު ސްޕީޑުގައި އަންނަތަން ފެނެއެވެ.
ވަކި ހިސާބަކުން އެ ކާރު އެނބުރެމުން އައިސް ބުރިޖުން ފައިބައިގެން މާފަންނާ ވީކޮޅަށް ދުއްވާފައި އައި ބަހުގައި ޖެހި ކާރު ހުއްޓޭތަން އެ ވީޑިއޯއިން ފެނެއެވެ.
އެ އެކްސިޑެންޓު ހިނގި ވަގުތަކީ ކަސްރަތަށް ދުވާ ދެ މީހަކު އެ ބަހާ ހަމައަށް އެރި ވަގުތެވެ. އެހެންކަމުން އެ އެކްސިޑެންޓު ހިނގުމާއެކު އެ ދެމީހުން ކާރާ ދިމާލަށް ދުއްވައިގަނެ މީހުން ކާރުން ނެރުމުގެ މަސައްކަތް ކުރާތަން ވެސް އެ ވީޑިއޯއިން ފެނެއެވެ.
އެ ކާރު އެނބުރެމުން އައި އިރު އެ ދެމީހުންގެ ގައިގައި ނުޖެހި އައީ ވެސް ހަމަ ކިރިޔާއެވެ. އެ މީހުންނާ ދިމާލަށް ކާރު އެނބުރެމުން އަންނަތަން ފެނުމުން ކުއްލިއަކަށް އެމީހުން އެއްފަރާތަށް ވެސް ގޮސްފައިވެއެވެ.
އެކްސިޑެންޓުގައި ބަހުގައި ޖެހިފައިވަނީ ކާރުގެ ފަހަތުކޮޅެވެ. ކާރުގެ ފަހަތް އެއްކޮށް ވަނީ ފުނޑު ފުނޑު ވެފައެވެ. އަދި ބަހުގެ ކުރީކޮޅު ވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައިކަން ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެނެއެެވެ.
އެ އެކްސިޑެންޓުގައި ޖުމްލަ ހަ މީހަކަށް ވަނީ އަނިޔާވެފައެވެ. އެއީ ކާރުގައި އިން ހަތަރު މީހަކާއި ބަސް ދުއްވަން އިން ޑުރައިވަރާއި، ބަސް ކޮންޑަކްޓަރެވެ.
ބަހުގައި ތިބި ދެމީހުނަށް ކުދި އަނިޔާތަކެއް ލިބުނު ނަމަވެސް ކާރުގައި ތިބި މީހުން ތިބީ ވަރަށް ސީރިއަސް ހާލުގައެވެ.
ކާރު ތެރޭގައި ތިބީ ދެ އަންހެނުންނާއި ދެ ފިރިހެނުންކަމަށް ފުލުހުން ބުނެއެވެ.
އެ މީހުންނަށް އަވަސް ފަރުވާ ދެމުން ދަނިކޮށް އެކްސިޑެންޓު ހިނގިތާ ކުޑަ އިރުކުޅެއްގެ ތެރޭގައި ކާރުގައި ދަތުރުކުރި އަންހެނަކު ވަނީ މަރުވެފައެވެ.
ކާރުގައި ބާކީ ތިބި ތިން މީހުންގެ ހާލު ވެސް ސީރިއަސް ކަމަށާއި އެ މީހުން އަދިވެސް ހޭނާރާކަމަށް "ސަން"އަށް ވަނީ އެނގިފައެވެ.