04 Jul 2022, 23:35
އިޖުތިމާއީ ރައްކާތެރިކަން ވަރުގަދަކޮށް، ވަޒީފާ އަދާކުރުމުގެ ގާބިލުކަން އިތުރުކުރުމަށާއި، ތަރައްގީ އާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާ ދެމެދު ޖުމްލަ 34 މިލިއަން ޑޮލަރު (524 މިލިއަން ރުފިޔާ)ގެ ހިލޭ އެހީގެ ދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ވޯލްޑު ބޭންކުން ނިންމާފައިވަނީ ރާއްޖެއަށް ދޭ ހިލޭ އެހީ ދެ މަޝްރޫއަކަށް ދިނުމަށެވެ. އެއީ "ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބާ ސާވިސަސް (ސެއިލްސް)" މަޝްރޫއާއި، "ޑިޖިޓަލް މޯލްޑިވްސް ފޮ އެޑަޕްޓޭޝަން، ޑިސެންޓްރަލައިޒޭޝަން އެންޑް ޑައިވަސިފިކޭޝަން ޕްރޮޖެކްޓް" މަޝްރޫއެވެ.
ސެއިލްސް މަޝްރޫއަށް ދޭ 24 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ސަބަބުން ވަޒީފާ ނެތް މީހުންގެ އިންޝުއަރެންސް ސްކީމަކާއި ވަޒީފާގެ ހިދުމަތުގެ ސްކީމެއް ގާއިމްކުރުމަށް ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވޯލްޑު ބޭންކުން ބުނެއެވެ.
އެ މަޝްރޫއު މެދުވެރިކޮށް ކައުންސެލިން ފޯރުކޮށްދީ އަދި ވަޒީފާ ހޯދުމުގައި އެހީތެރިވެދިނުމުގެ އިތުރުން، ވަކި އަމާޒަކަށް ވާސިލްވުމަށް ދެވޭ ހާއްސަ ތަމްރީނުތަކާއި ކޯޗިން މެދުވެރިކޮށް ވަޒީފާ ހޯދާ ފަރާތްތަކަށް އެކަށީގެންވާ ވަޒީފާ ހޯދުމަށް އެހީތެރިވެދޭނެއެވެ.
'ޑިޖިޓަލް މޯލްޑިވްސް ފޮ އެޑަޕްޓޭޝަން، ޑިސެންޓްރަލައިޒޭޝަން އެންޑް ޑައިވަސިފިކޭޝަން ޕްރޮޖެކްޓް'އަށް ދޭ 10 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން، ބްރޯޑްބޭންޑް އިންޓަނެޓް މާކެޓުގައި ވާދަވެރިކަން އިތުރުކޮށްދެވޭނެއެވެ.

މަސައްކަތްތެރިންގެ އިޖްތިމާއީ ރައްކާތެރިކަން އިތުރުކުރުމަށް ވޯލްޑު ބޭންކުން 34 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން---
އޮންލައިންކޮށް ދެވޭ ހިދުމަތްތަކާއި މުޢާމަލާތްތައް ފަސޭހަކުރުމަށްޓަކާ ގައުމީ އައިޑެންޓިފިކޭޝަން ނިޒާމުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ މިންވަރު ދެނެގަނެ، ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކުރުމާއި، ގުދުރަތީ ވަސީލަތްތައް މެނޭޖްކުރުމުގެ އިތުރުން މުރަކަ ފަރުތައް ފަދަ ނާޒުކު ވަސީލަތްތައް ހިމާޔަތްކުރުމުގައި ސަރުކާރާއި ވިޔަފާރިތަކަށް މިހާރަށް ވުރެ ބޮޑަށް އިލްމީ ނިންމުންތައް ނިންމުމަށް މަގުފަހިކޮށްދެވޭނެއެވެ.
މިއަދު އެ ހިލޭ އެހީގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް އެވެ.
ހިލޭ އެހީގެ ދެ އެއްބަސްވުމުގައި ސޮއިކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ އެ އްބަސްވުމުގެ ސަބަބުން އިޖުތިމާއީ ރައްކާތެރިކަމުގެ އިތުރު ޕްރޮގްރާމްތައް ފެށުމަށް މާލީ ގޮތުން ޖާގަ ލިބޭނެކަމަށެވެ.
މީގެ އިތުރުން އެކަމުގެ ސަބަބުން ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީ ހަލުވިކުރުމަށް އާ ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް މަގުފަހިވެގެންދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މަސްވެރިކަމާއި އިއާދަކުރަނިވި ހަކަތަ އާއި ތައުލީމާއި މާލީ ނިޒާމު މެނޭޖުކުރުން ފަދަ ގިނަ ދާއިރާތަކަކުން ރާއްޖެ އާއި ވޯލްޑް ބޭންކާ ދެމެދު ވަނީ ވަރަށް ވަރުގަދަ ޕާޓްނަޝިޕެއް 40 އަހަރަށް ވުރެ ގިނަ ދުވަހު ގާއިމްކޮށްފައި،" އަމީރު ވިދާޅުވިއެވެ.
'ސެއިލްސް' މަޝްރޫއު ކުރިއަށް ގެންދާނީ، އިކޮނޮމިކް މިނިސްޓްރީއާއި ޕެންޝަން އޮފީހާ ގުޅިގެންނެވެ. 'ޑިޖިޓަލް މޯލްޑިވްސް ފޮ އެޑަޕްޓޭޝަން، ޑިސެންޓްރަލައިޒޭޝަން އެންޑް ޑައިވަސިފިކޭޝަން ޕްރޮޖެކްޓް' ކުރިއަށް ގެންދާނީ، ކޮމިއުނިކޭޝަން އޮތޯރިޓީއާއި އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަންގެ އެހީތެރިކަމާ އެކު، އެންވަޔަރްމަންޓް މިނިސްޓްރީންނެވެ.