04 Jul 2022, 15:41
ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ގިނަ ކައުންސިލުތަކެއް ތިބީ ސަރުކާރުގެ ކުންފުނިތަކުގެ ދަށުވެފައި ކަމަށް މާލޭ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ ކައުންސިލަރު މުޙައްމަދު ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައިފް ވިދާޅުވީ މިހާރު އޮތް ލާމަރުކަޒީ ގާނޫނު ތައާރަފް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނާ ގުޅޭ ކަންކަން ރައްޔިތުންނާ މަޝްވަރާކޮށްގެން ކުރުން ކަމަށެވެ.
ނަމަވެސް ލާމަރުކަޒީ ނިޒާމު "ފުނޑޭ" ގޮތަށް ސަރުކާރުގެ ބާރު މިހާރު ހުރިހާ ކަމަކަށް ވަންނާތީ އެކަމާ ކަންބޮޑުވާ ކަމަށް ސައިފް ވިދާޅުވިއެވެ. އެގޮތުން އަމީނީ މަގު ހެދުމުގެ މަޝްރޫއު އާރުޑީސީއަށް 39 މިލިއަން ރުފިޔާއަށް ދޭން ސިޓީ ކައުންސިލުން އެ ކުންފުންޏާއެކު އެއްބަސްވުމެއް ހަދާފައި ވަނިކޮށް އެ ކައުންސިލުގެ މަޝްވަރާއަކާ ނުލައި، ހަމަ އެ މަޝްރޫއު އަނެއްކާވެސް އާރުޑީސީއަށް 84 މިލިއަން ރުފިޔާއަށް ހަވާލު ކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަރަށް ގިނަ ކަންކަން އެބަ ކުރޭ ކުރަން ނުޖެހޭ ގޮތަށް. ލާމަރުކަޒީ އުސޫލުން ބޭރުން އެކަންކަން ކުރާތީ އިތުރަށް ކަންބޮޑުވޭ. ގާނޫނުގައި ސީދާ ސިޓީ ކައުންސިލުން ކުރަން ޖެހޭ ކަންކަން އެއްވެސް މަޝްވަރާއަކާ ނުލައި އެބަ އެހެން ބަޔަކު ކުރޭ. މިއީ ދެރަކޮށް ވާ ކަމެއް،" ކައުންސިލަރު ވިދާޅުވިއެވެ.
ސައިފް އިތުރަށް ވިދާޅުވީ މިހާރު ވެސް ކައުންސިލުތަކަށް ވުރެ ސަރުކާރުގެ ކުންފުނިތަކުގެ ބާރު ގަދަކަމަށާއި މިއަދު ކައުންސިލުތައް ވެސް ތިބީ ސަރުކާރު ކުންފުނިތަކުގެ ދަށުވެފައި ކަމަށެވެ.
"ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ގިނަ ކައުންސިލުތައް ތިބީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާސީގަ. އެމީހުން ކަމެއް ކުރަން ފުރުސަތު ދިނިއްޔާ ނުވަތަ ދޫ ދުނިއްޔާ އެއްވެސް ކަމެއް ވަނީ. އެއީއެއް ނޫން އެކަން އޮންނަން ޖެހޭނެ ގޮތަކީ. އެއެއް ނޫން ލާމަރުކަޒީ ނިޒާމުގެ ތަޞައްވުރަކީ. މިކަމާ އިންތިހާއަށް ކަންބޮޑުވޭ،" ސައިފް ވިދާޅުވިއެވެ.
މީގެ އިތުރުން މާލޭ ސިޓީ ކައުންސިލަރުންގެ ޚިޔާލު އެކި ކަންކަމުގައި ކިތަންމެ ތަފާތު ނަމަވެސް މާލޭ ސިޓީ ކައުންސިލަކީ އެއް ޓީމެއް ކަމަށާއި ރައްޔިތުންގެ ހައްގުގައި ގާނޫނުގައި އޮންނަ ގޮތަށް ކުރަން ޖެހޭ ކަންކަން ކުރަން ތެދުވާނެ ކަމަށް ސައިފް ވިދާޅުވިއެވެ.
ތަފާތު ޕާޓިތަކުގެ ކައުންސިލަރުން ކައުންސިލުގައި ތިބުމަކީ ސަރުކާރުން ގޯސްކޮށް ކުރާ ކަންކަމަށް ވާގިވެރިވެ ލާމަރުކަޒީ ނިޒާމު އެއްކޮށް އެއްފަރާތް ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ސައިފް ވިދާޅުވިއެވެ. އަދި މާލޭ ސިޓީ ކައުންސިލުން ކުރަން ޖެހޭ ކަންކަމަށް ހުރަސް އެޅުން ހުއްޓާލައި އޮންނަ އުސޫލުގެ ތެރެއިން ކަންކަން ކުރުމަށް ސައިފް ސަރުކާރަށް ގޮވާލެއްވިއެވެ.