04 Jul 2022, 11:27
މޮސްކޯ (4 ޖުލައި 2022): ޔޫކްރެއިނުގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ ދޮންބާސްގެ ހުރިހާ ބިންތަކެއް ރަޝިއާއިން ހިފައިފިއެވެ.
މިކަން ކަށަވަރުކޮށްދެމުން ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނީ ދޮންބާސްގައި މިހާތަނަށް ރަޝިޔާގެ އަތް ދަށަށް ނުގޮސްއޮތް ހަމައެކަނި ސިޓީކަމަށްވާ ލިސިޗެންކްސް ރަޝިއާ ސިފައިންގެ ކޮންޓްރޯލްގެ ދަށަށް އިއްޔެ ދިޔުމާއެކު މިހާރު މުޅި ދޮންބާސް ވަނީ ރަޝިޔާ ސިފައިންގެ އަތްދަށުގައި ކަމަށެވެ.
ދޮންބާސްއަކީ ގާތްގަނޑަކަށް ޔުކްރެއިންގެ ބިމުގެ 18 އިންސައްތައެވެ. މި ސަރަހައްދުގެ އާބާދީގެ ބޮޑު އަޣްލަބިއްޔަތު އޮންނަނީ ޔުކްރެއިންގެ ރަޝިއާ ދަރިކޮޅުގެ މީހުންނަށެވެ. އެ މީހުން ގެންދަނީ 2014 ވަނަ އަހަރުން ފެށިގެން ޔުކްރެއިންއިން ވަކިވެގަތުމަށްޓަކައި ޔުކްރެއިންއާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. ދުންބާސް އެކުލެވިގެންވަނީ އިދާރީ ދެ ސަރަހައްދު ކަމަށްވާ ދޮނިޔެސްކްއާއި ލުޣާންސްކްގެ މައްޗަށެވެ.
ރަޝިއާ ދަރިކޮޅުގެ މީހުން ވަނީ މި ދެ ސަރަހައްދަކީ މިނިވަން ދެ ޖުމްހޫރިއްޔާ ކަމަށް މިއަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު އިއުލާނުކޮށްފައެވެ. މިއާއެކު ރަޝިއާ ވަނީ މިދެ ޖުމްހޫރިއްޔާގެ މިނިވަންކަމަށް އިއުތިރާފުވެފައެވެ. ރަޝިއާ ބުނާގޮތުން މުޅި ދޮންބާސް ސަރަހައްދަކީ ކުރީގެ ސޮވިއެޓް ޔުނިޔަން އުފެދުމުގެ ކުރިން ރަޝިއާގެ ސަރަހައްދުތަކެކެވެ.
ޔުކްރެއިންއަކީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ އިއްތިހާދީ ދައުލަތުގައި ރަޝިއާއާއެކު އިއްތިހާދުވެފައިވާ ގައުމަކަށްވާތީ ސޮވިއެޓް ޔުނިޔަންގެ ޒަމާނުގައި ދުންބާސް ސަރަހައްދު ޔުކްރެއިންގެ ބައެއްގެ ގޮތުގައި ހަމަޖެއްސީކަމަށް ރަޝިއާ ބުނެއެވެ.
ދޮންބާސްގެ ހުރިހާ ބިންތަކެއް ރަޝިއާ ހިފުމުން ޔުކްރެއިންއާ ދެކޮޅަށް މިދިޔަ ފެބްރުއަރީ މަހު ރަޝިއާ ފެށި ހަނގުރާމައިގެ އެންމެ މުހިއްމު މަގްސަދު ރަޝިއާއަށް ހާސިލްވީއެވެ. އެއީ ދުންބާސް ސަރަހައްދުގައި ދިރިއުޅޭ ރަޝިއާ ދަރިކޮޅުގެ މީހުން ޔުކްރެއިންގެ އަތްދަށުން ސަލާމަތް ކުރުމެވެ. ނުވަތަ އެ ސަރަހައްދު ޔުކްރެއިންއާ ވަކިކޮށްލުމެވެ.
މިކަން ކުރެވޭނީ އެ ސަރަހައްދު ރަޝިއާ ސިފައިންގެ އަތްދަށަށް ގެނަސްގެންކަމަށް ރަޝިއާ ބުނެފައިވެއެވެ. ޔުކްރެއިންގެ ގައުމީ ފިކުރުގެ ހަރުކަށި މީހުން 2014އިން ފެށިގެން ދުންބާސް ސަރަހައްދުގައި ދިރިއުޅޭ ރަޝިއާ ދަރިކޮޅުގެ މީހުންގެ ހައްގުތަކަށް އަރައިގަނެ އެ މީހުންނަށް ބޮޑެތި ގެއްލުންތަކެއްދީ މީހުން މަރައި ގަތުލުއާންމުވެސް ހިންގާފައިވާ ކަމަށް ރަޝިއާ ބުނެފައިވެއެވެ. ނަމަވެސް ޔުކްރެއިންއިން މިކަމަށް އިންކާރު ކުރެއެވެ.
ދޮންބާސް ސަރަހައްދު ހިފުމަށް ރަޝިޔާ ސިފައިން އިސްކަން ދިނީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިއާއިން ޔޫކްރެއިންއާ ދެކޮޅަށް ފެށި ހަނގުރާމައިގާ އެ ގައުމުގެ ވެރިރަށް ކީޔެވް ހިފައި ޔުކްރެއިންގެ ވެރިކަން ބަދަލުކުރަން ކުރި މަސައްކަތްތައް ނާކާމިޔާބުވުމާ ގުޅިގެންނެވެ.
ރަޝިއާއިން ބުނާގޮތުން ޔުކްރެއިންއާ ދެކޮޅަށް ފެށީ ހަނގުރާމައެއް ނޫނެވެ. އަސްކަރީ އޮޕަރޭޝަނަކެވެ. ނަމަވެސް ރަޝިއާއިން ޔުކްރެއިން އާ ދެކޮޅަށް ކުރަނީ ހުރިހާ މާނައެއްގައިވެސް ހަގީގީ ހަނގުރާމައެކެވެ. ރަޝިއާ ބުނާގޮތުން މި ހަނގުރާމައިގެ ބޭނުމަކީ ނޭޓޯގެ މެންބަރަކަށް ވުމަށް ޔުކްރެއިން ކުރާ މަސައްކަތަށް ހުރަސްއެޅުމާއި ޔުކްރެއިން މެދުވެރިކޮށް ރަޝިއާގެ ގައުމީ ސަލާމަތަށް ނުރައްކާކުރަން ނޭޓޯ ކުރާ މަސައްކަތް ހުއްޓުވުމެވެ.
މީގެއިތުރުން ދޮންބާސް ސަރަހައްދުގައި ދިރިއުޅޭ ރަޝިއާ ދަރިކޮޅުގެ މީހުން ހިމާޔަތް ކުރުމެވެ. ނަމަވެސް ހަނގުރާމަ ހުއްޓާލަން މިހާރު ރަޝިއާ ޔުކްރެއިންއަށް ކުރިމަތިކުރާ ޝަރުތުތަކުގެ ތެރޭގައި މި ނޫންކަންކަން ވެސް ހިމެނެއެވެ.
ރަޝިއާ ވަނީ 2014 ވަނަ އަހަރު ޔުކްރެއިންގެ ކްރައިމިޔާވެސް ހިފާފައެވެ. ކްރައިމިޔާއަކީ ކުރިން ރަޝިއާގެ ސަރަހައްދެކެވެ. އެ ސަރަހައްދު ޔުކްރެއިން ތަނަކަށް ހެދީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރުއެވެ. ކްރައިމިޔާގެ އާބާދީގެ ގާތްގަނޑަކަށް 85 އިންސައްތަ އަކީ ރަޝިއާ ދަރިކޮޅުގެ މީހުންނެވެ. އެ ސަރަހައްދު ރަޝިއާ އާ ގުޅާލީ އެ ސަރަހައްދުގެ އާންމުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން އަޣްލަބިއްޔަތު އެކަމަށް އެއްބަސްވެެގެންނެވެ.