ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގެނައުމުގެ ކަންކަން ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ފަރުމާކޮށް، އާންމުންނަށް ހުޅުވާލާފައިވާއޮންލައިން ޕޯޓަލްނަކަލުކޮށް ޕޯޓަލްތަކެއް ހަދަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ގިނަފަހަރަށް މިފަދަ ޕޯޓަލް ނުވަތަ ވެބްސައިޓްތަކަކީ އޮޅުވާލައިގެން ޔޫޒާ އެކައުންޓްގެ ޒާތީ މައުލޫމާތު ހޯދައި، އޭގެ ބޭނުން ނަހަމަގޮތުގައި ހިފުމަށް ފަރުމާކުރާ ޕޯޓަލްތަކެއްކަމަށެވެ.

މިހާތަނަށް އެ މިނިސްޓްރީން ވަނީ އެފަދަ ހަ ޕޯޓަލްއެއް ފާހަގަކޮށްފައެވެ.

ފޭކް ޕޯޓަލްތައް

http://immigrationgovmv.org .1
http://xpat-egovmv.com .2
https://xpategov.com .3
https://www.xpat-gov.com .4
https://www.xpat-egov.online .5
http://xpategovmv.org .6

އިކޮނޮމިކް މިނިސްޓްރީން ވަނީ ޚިދުމަތް ހޯދުމުގައި ހުރިހާ ވަގުތަކުވެސް ބްރައުޒް ކުރެވެމުންދަނީ ރަނގަޅު ޕޯޓަލްގައިކަން ކަށަވަރުކުރަން އިލްތިމާސްކޮށްފައެވެ.

އަދި އެހެން އެއްވެސް ޕޯޓަލް އަކަށް ނުވަތަ ވެބްސައިޓަކަށް އެއްވެސް މައުލޫމާތެއް ނުދިނުމަށާއި އެފަދަ ޕޯޓަލްއަކަށް ނުވަތަ ވެބްސައިޓަކަށް ލޮގިންކުރެވިފައިވާކަމަށް ޝައްކު ކުރެވޭނަމަ ޕާސްވޯޑު ރިސެޓްކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.