03 Jul 2022, 23:56
މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ ހިންގުމުގެ ހުއްދަ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން މިއަދު ދީފިއެވެ.
އެކަމާ ގުޅިގެން އައިލެންޑް އޭވިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މޯލްޑިވިއަން ފްލައިން އެކެޑެމީ ގާއިމްކޮށް ހިންގުމަށް ބޭނުންވާ ހުރިހާ މަސައްކަތްތައް ފުރިހަމަކޮށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ހަދަންޖެހޭ އިންސްޕެކްޝަންތައް ހަދާނިމި، ސްކޫލު ހިންގުމުގެ ހުއްދަ މިއަދު ދޫކޮށްފައިވާ ކަމަށެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީއަކީ އައިލެންޑް އޭވިއޭޝަން ސާވިސްއާއި ޗެކްރިޕަބްލިކްގެ ފްލައިޓް ޓްރެއިނިން ސްކޫލެއް ކަމުގައިވާ ފްލައިން އެކެޑެމީއާ ގުޅިގެން ގާއިމްކުރަމުންދާ ފްލައިން ޓްރެއިނިން ސްކޫލެކެވެ.
އަންނަ ހޮނިހިރު ދުވަހު ދަރިވަރުންގެ ފްލައިން ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޕައިލެޓް ޓްރެއިނިން ހަދަމުންދިޔަ އެންމެ ފަހު ބެޗްގެ ދަރިވަރުން ހިމެނޭ، ރިފްރެޝާ ޕްރޮގްރާމް ނިންމާފައިވަ 35 ދަރިވަރުންގެ ފްލައިން ފަށާނެއެވެ. ދެވަނަ ބެޗްގެ 39 ދަރިވަރުންގެ ރިފްރެޝާ ޕްރޮގްރާމް މިހާރު ފެށިގެން ކުރިއަށް އެބަ ދެއެވެ. ފުރަތަމަ ބެޗްގެ ދަރިވަރުންގެ ފްލައިން ނިމެމުންދާ ވަރަކުން ދެވަނަ ބެޗްގެ ދަރިވަރުންގެ ފްލައިން ފަށާނެއެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކެޑެމީއަކީ ޗެކްރިޕަބްލިކްގެ، ފްލައިން އެކެޑެމީއާއި ގުޅިގެން ގާއިމްކުރެވޭ ސްކޫލެއްކަމުގައިވާތީ، މޯލްޑިވިއަން އޭވިއޭޝަން އެކެޑެމީ ހިންގަމުން ގެންދާނީ މޯލްޑިވްސް ސިވިލް އޭވިއޭޝަންގެ ގަވާއިދުތަކުގެ އިތުރުން ޔޫރަޕިއަން އޭވިއޭޝަން ސޭފްޓީ އެޖެންސީ (އިއާސާ) ސްޓޭންޑާޑް ތަކާ އެއްގޮތަށެވެ.