ދެ ފަހަރެއްގެ މަތީން ފަހަތުން އަރައި އީގަލްސް 3-2 އިން ބަލިކޮށް، ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތަށި ވިކްޓަރީ ހޯދައިފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ކަޓުވާލުމަށް ފަހު ތަށި ހޯދި އިރު ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު އަށް ވަނީ މުބާރާތުގެ މޮޅު ކޯޗުގެ މަގާމު ވެސް ލިބިފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންނަކީ އީގަލްސްގެ އަހުމަދު އިމާޒާއި އީގަލްސްގެ ހަސަން ޝިފާޒާއި މުހައްމަދު ތަސްނީމުގެ އިތުރުން މުހައްމަދު ފަސީލެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ފުރަތަމަ ގޯލު ޖެހީ އީގަލްސް އެވެ. ސޯޅަ ވަނަ މިނިޓްގައި މި ލަނޑު ޖެހީ އީގަލްސްގެ ދެ ވަނަ ލަނޑު ވެސް ޖެހި އަހުމަދު ހުޝާމެވެ. ފޯރިގަދަވި މެޗުގައި ވިކްޓަރީގެ ފުރަތަމަ އަދި ފަހު ގޯލު އަހުމަދު ރަޝީދު ޖެހި އިރު އަނެއް ގޯލު ޖެހީ އަހުމަދު ޒިހާނެވެ.

މިދިޔަ އަހަރު ބާއްވަން ފެށި ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އަތޮޅު ތެރޭގެ ދެ ޓީމާއެކު މި އަހަރު ޖުމުލަ 10 ޓީމު ބައިވެރިކޮށްފައިވެ އެވެ. މަހިބަދޫ އާއި ކެލާ ވެސް ހިމަނައިގެން ކުޅުނު މުބާރާތުގެ ސެމީ އަށް ހޮވުނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމެވެ. ފައިނަލަށް ނުގޮސް ކެޓީ މާޒިޔާ އާއި ވެލެންސިއާ އެވެ.