26 Mar 2012, 02:09
މިދިޔަ އަހަރު ބެއްވި ކުލަބު މޯލްޑިވެސް ކަޕު ފުޓްސަލް މުބާރާތުގެ ފައިނަލުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެމްޕީއެލް 25000ރ. އިން ޖޫރިމަނާކޮށްފި އެވެ.
ކުލަބު މޯލްޑިވެސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެސްޓީއޯ އަތުން އެމްޕީއެލް ބަލިވި ފައިނަލް މެޗުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން މި އަހަރު ބާއްވާ މުބާރާތުގައި ބައިވެރިވެވޭނީ ޖޫރިމަނާ ފައިސާ ދެއްކުމުން ކަމަށެވެ. އެހެން ނޫންނަމަ ދެން މި މުބާރާތުގައި ކުޅުމުގެ ފުރުސަތު ލިބޭނީ 2013 ވަނަ އަހަރު ކަމަށެވެ.
މިއީ މި މުބާރާތް ބާއްވަން ފެށީއްސުރެ މިހާބޮޑު އަދަދެއް ދިން ފުރަތަމަ ފަހަރެވެ. އަދި އެމްޕީއެލް އަކީ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވެސް ކުޅޭ އޭނާގެ އޮފީސް ޓީމެވެ.
ކުލަބު މޯލްޑިވްސްއިން ފައިނަލް މެޗުގައި ހަމަނުޖެހުން ހިންގުމަށް މަސައްކަތްކޮށްފައިވާތީ އެމްޕީއެލްގެ އަހުމަދު އަފްރާދު ދެން އޮންނަ މުބާރާތުގެ ފުރަތަމަ 3 މެޗަށް ސަސްޕެންޑް ކޮށްފަ އެވެ. އަދި އެ ޓީމުގެ އޮފިޝަލް ހުސެއިން ޝާފިއު ކުޅިވަރުގެ ރޫހާއި ޚިލާފު އަމަލުތަކެއް ހިންގާ، ރެފްރީންނާއި މެޗް އޮފިޝަލުންގެ އަމުރަށް ނުކިޔަމަންތެރިވެފައި ވާތީ، 28 މެއި 2011 އިން ފެށިގެން 1 އަހަރުދުވަހުގެ މުއްދަތަށް ކްލަބް މޯލްޑިވްސް އިން ރާއްވާ ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭގޮތަށް ހަމަޖައްސާފަ އެވެ.