"ހުކުރު ދުވަހާއި ހައްޖު ދުވަސް ދިމާވުމަކީ ވަރަށް ބަރަކާތްތެރި ފުރުސަތެކެވެ. ރޯދަ ހިފައި ގުރުއާން ކިޔަވައި ޒިކުރުކޮށް ދުޢާކުރުން ގިނަކޮށް ތަކްބީރު ކިޔައި އެދުވަހުގެ ސަވާބު އެންމެ ފުރިހަމަގޮތުގައި ހޯއްދަވާށެވެ."

***

އޭރު ވޭޓަރުން ސަޔާއި އެހެން އެއްޗެހި ގެނެސް އަތުރަން ފަށައިފިއެވެ. ސައިއަޅަން ބަހައްޓާފައި ހުރި އުސް ޓީސްޓޭންޑް ކައިރީ ކޭކާއި ހޫނު އަދި މީރުވަސްދުވާ ޕޭސްޓްރީސްތައް އަތުރަމުން ދިޔައީ ވަރަށް ނަލަކޮށެވެ. ސައިތަށިތަކުގެ ޑިޒައިންތައްވެސް ހާދަ ރީއްޗެވެ.

"އިށީދޭ. ސަޔަށްފަހު ވަގުތުން ގެއަށް ގެންގޮސްދޭނަން...."

މާގިނައިރުތަކެއްނުވެ އަލްވާގެ ހަގީގީ މިޒާޖު އަލުން ވުޖޫދަށް އައީ އޭނަގެ ހާސްކަމާއި ނުތަނަވަސްކަން ފިލުމުންނެވެ. މިހާ މީރު ބާވަތްބާވަތުގެ ކެއުމެއް އޭނައާއި އަދި މިވީހާތަނަށް ދިމާވެފައެއްނެތެވެ. ސުފިޔާން މަޖާވެފައި ބަލަން އިނީ ކޮފީތަށިން ކޯވަރުތައް ބޮމުންނެވެ. އަލްވާ ޗޮކްލެޓް ފްރޮސްޓިން ކޮޅު ލޮވެލާފައި ހީލިއިރު އަނގަޔާއި ދަތްތަކުގައި ހޭކިފައި ހުރީ ޗޮކްލެޓެވެ. ޅަކުއްޖެއްހެން ހީވާ އަލްވާއަށް ބަލައިލަމުން ސުފިޔާން ހީގަތީ އަލްވާގެ ލަދާއި ހާސްކަން ދުރުކޮށްލިލެއް ފަސޭހަކަމުން އެކަމާއި މަޖާވެފައެވެ. އަލްވާ އެހާ ހަމަޖެހުނީ ސުފިޔާންގެ ހިތްތިރިކަމާއި އޯގާތެރިކަމުންނެވެ.އެ އަޑުގައިވެސް ކިބުރުވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތެވެ. އަދި އޭނަގެ މުއްސަދިކަން ދައްކާ ލިބިފައިވާ އިމްތިޔާޒުތަކުގެ ވާހަކަ ދައްކާ ފޮނި ކަނޑާކަށް ނޫޅުނެވެ. އޭގެ ބަދަލުގައި ޚިޔާލުތައްވެސް ހުރީ އަލްވާގެ އުމުރުގެ ކުއްޖެއްހެންނެވެ.

އަލްވާ މާކެންގެ އެކި ވާހަކަތަކާއި އާއިލާ އަދި ސްކޫލްގެ ދިރިއުޅުމާއި އަދި މި އަންނަ މަހު ގްރެޖުއޭޓް ވާތީ އެކަމާއި ފޯރިއާއެކު ވާހަކަދެއްކިއެވެ. އަދި އޭނަގެ ޚާއްސަ އެކުވެރިއެއް ހުންނަ ވާހަކައާއި މަރުބައްޔެއްކަމަށް ޑޮކްޓަރުން ނިންމާފައިވަނިކޮށް ފަހުން އެނގުނީ އެހުރިހާ އަލާމަތްތަކަކީ މާބަނޑުވުމުން ދިމާވި ކަންތައްކަމަށެވެ. އުފާވެރި ހަނދާންތަކުގެ ވާހަކަތަކުން އަލްވާގެ ލޯ ވިދައިލާ ގޮތާއި އަޑުގައި ހުންނަ ޖޯޝަކުން އަދި އުފާވެރިކަމުން އަބަދަށް އެ އަޑުއަހަން ސުފިޔާންއަށް އިނދެވިދާނެއެވެ. އެކި މުހިއްމު މީހުންގެ ފޯނުކޯލްތަކަށްވެސް ސަމާލުކަމެއްނުދީ އޭނަ އިނީ އަލްވާގެ ވާހަކައިގެ ޖާދޫގައި ޖެހިފައެވެ. އެންމެފަހުން އަލްވާ ކައިފާ ބާކީވީ އެއްޗެހި އާއިލާއަށް ގެންދިޔަސް ރަގަޅުހެއްޔޭ އަހައިލުމުން ސުފިޔާންބުނީ އާއިލާއަށް ވަކިން ޕާރުސަލް ދޭނެކަމުގައެވެ.

އަލްވާއާއި ސުފިޔާން އެކީ ރެސްޓޯރެންޓުން ނިކުމެ ހިނގައިގެންފާ އަލްވާގެ ފިޔަވަޅުތައް ހުއްޓުނެވެ. އަދި ސުފިޔާންގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ."އަދިވެސް މިތަނަށް ގެނައި ހަގީގީ ސަބަބު ނުބުނަމެއްނު. އެކަނި އަހަރެން......"

އަލްވާގެ ލޮލަށް ބަލަން ހުރެ ސުފިޔާން ހީލައިފިއެވެ."އަލްވާއަށް އެނގޭތަ؟ މިހެން ބުނީމަ ވަރަށް ރޫޑްއޭ ހީވެދާނެ. އެކަމަކު އަހަންނަކީ މީހުންނާއި އެހާ ގަޔާވާ މީހެއްނޫން. މީހުންނާއި ދުރުން އުޅެން ވަރަށް މަސައްކަތްކުރަން. މި ދާއިރާގައި މަސައްކަތްކުރާއިރު އަނެއްހެން ވަރަށް ގިނަ މީހުންނާއި ދިމާވޭ. އެކި މިޒާޖުގެ އެކި ޝަޚުސިއްޔަތު އަދި އުޅުންހުންނަ މީހުންނާއިވެސް ބައްދަލުވޭ. އޭގެ ތެރެއިން ގިނަމީހުންގެ ދަހިވެތިކަމާއި ފައިސާގެ ފަހަތުން ދުވުން އޮވޭ. މިދާއިރާގައި އުޅޭއިރު ވަރަށް ހުޝިޔާރުވާން ޖެހޭ، މީހަކު ފަހަތުން އައިސް ވަޅި ހަރައިލާނީ ކޮންއިރަކުން ކަމެއް ނޭގޭނެ."

"އަހަރެންގެ ހުރި ވަރަށް ގާތް އެކުވެރިއެއް. އަހަރެމެން އެކީ އުޅެ ބޮޑުވީ. ދެން ކުޑަ ވިޔަފާރިއެއް އެއްކޮށް ފެށީ. އެ ވިޔަފާރިން ފައިދާވެ މަޝްހޫރުވާންފެށީމަ އަހަރެން މަރައިލަން އޭނަ ބޭނުންވީ މުޅި ވިޔަފާރި އޭނަގެ މިލްކަކަށް ވާނެތީ. އެތައް ދުވަހެއްވާންދެން ހޮސްޕިޓަލުގައި އޮތްއިރު ޑޮކްޓަރުން ބިރުގަތް. އަހަރެންގެ އަތް ދުވަހަކު ބޭނުން ނުކުރެވޭނެކަމަށް ހީކުރީ.."ސުފިޔާން އޭނަގެ ކަނައަތްތިލަ ދިއްކޮށްލުމުން އަލްވާއަށް ބަލައިލެވުނެވެ. ފުން ޒަޚަމެއްގެ ލަކުނު ކޮންމެވެސް ވަރަކަށް ފާހަގަވިއެވެ.

އަލްވާއަށް އަނގަމަތީ އަތް އަޅައިލެވުނެވެ.

"މަރައިލަން؟ ސީރިޔަސްކޮށް؟"

"ދެން ތިހިރީ އަލްވާ. އަލްވާގެ ހުރިހާކަމެއް ވަރަށް ޝައުވުގުވެރިވަނިވި ގޮތެއް ހުރޭ. އަހަންނާއި ވާހަކަދައްކަނީ އެހެން ނިޔަތެއްގައިހެން ހިޔެއްނުވޭ. އެކަމާއި ވަރަށް ރުހޭ..." ސުފިޔާން ކޮނޑު އަރުވައިލިއެވެ." އަލްވާގެ ވަރަށް ސާފު ހިތެއްލިބިފައިވޭ. ކޮންމެ ކަމަކާއި ކުރިމަތިލަން ޖެހުނަސް އެކަން ބަދަލުވިޔަ ނުދެއްޗޭ..."ސުފިޔާން މާދުރަށް ނަޒަރު ހުއްޓާލައިގެން އިނދެ ސީރިޔަސް ގޮތަކަށް ބުނެލިއެވެ. އެހާ ޒުވާން އުމުރު މާ ސްމާޓްވެފައި ބުއްދިވެރިއަކަށް ވީ މާޒީގައި ކޮންފަދަ އުދަގޫ އަދި ހިތްދަތި ތަޖުރިބާތަކެއް ކުރެވިފައިވާތީހެއްޔޭ އޭނަގެ ހިތަށް އެރިއެވެ.

"ތިވާހަކަތައް ހިއްސާކުރީތީ ވަރަށް ޝުކުރުވެރިވަން.."އަލްވާ މަޑުމަޑުން ބުނެލިއެވެ. ސުފިޔާން ކާރުގެ ދޮރު ހުޅުވައިލަދިނެވެ. އަލްވާގެ ސީޓެއްގައި ހަމަޖެހިލުމުން ދޮރުވެސް ލައްޕާލަދިނެވެ. އަދި އަލްވާއަށް ފެނުނީ ސުފިޔާން މަޑުމަޑުން އަތް ހޫރައިލިތަނެވެ. އަލްވާ އަލުން ދޮރު ހުޅުވާލާފައި އޭނައަށް ބުނެވުނުހާ އަވަހަށް އެ ޖުމްލަތައް ބުނެ ނިންމައިލިއެވެ."އަހަރެން ގްރެޖުއޭޓް ވަންދެން އިންތިޒާރުކޮށްފައި ދެން ޕޭރެންޓުންނަށް ވިޒިޓްކޮށްލައްޗޭ.."

ސުފިޔާންގެ މޫނަށް އެއްވެސް ކުލަވަރެއް ވެރިވުމުގެ ކުރިން އޭނަ ދޮރު ލައްޕާލާފައި ޑްރައިވަރު ގާތު އެދުނީ އަވަހަށް ކާރު ދުއްވައިލުމަށެވެ. ސީޓުގައި ރަގަޅަށް ބުރަކަށި ޖައްސައިލިއިރުވެސް އޭނައަށް ހެވެނީއެވެ. އެކަނިމާއެކަނި އިނދެ ރަކި ހިންޏެއް ހީލާތީ ޑްރައިވަރުވެސް އަޖައިބުވިއެވެ. މި އަންހެންކުއްޖާ މޮޔަވީހެއްޔެވެ؟

މިފަހަރު ހެލިކޮޕްޓަރުގައި އަނބުރާ ދިޔަ ދަތުރުގައި އޭނަ އިނީ މަޖާވެފައެވެ. ގަސްތަކުގެ ފެހިކަންގަދަ ކުރިއާއި އިމާރާތްތަކުގެ އަލިތައް އެހާ އުހުން ފެންނައިރު އެކި ކުލަތައް އެކުވެ ބުނަން ނޭގޭފަދަ ރީތިކޮށް ފެނެއެވެ. ސުފިޔާންފަދަ މުއްސަދި ޒުވާނަކު އޭނައާއި ގަޔާވީތީ އޭނައަށް އަދިވެސް އެކަން ގަބޫލުކުރުން ދަތްޗެވެ. އޭނަގެ ކޮން ކަމެއް ހެއްޔެވެ؟ ނޭގިވެސް އޭނައަށް ނާނާއެއް އެޅުވުނެވެ. ހެލިކޮޕްޓަރގެ ގަދަފަދަ އަޑުފަށްގަނޑާއެކުގައިވެސް މެއެވެ. ހޫނު މޫސުމްގެ ނޫކުލަތައް ފޭދި މަޑު އޮރެންޖްކުލައާއި ރަންކުލައިން އުޑުމަތީގައި ރޮގުތައް ދެމެންފެށިއެވެ.

އަލްވާއަށް އެމްސްޓަޑަމްއިން އޭނަގެ ޝަހަރަށް އާދެވުނީ ބުކްސްޓޯރގެ ވަޒީފާ ނިމޭ ގަޑިއަށެވެ. އެހެންވެ ބުކްސްޓޯރގެ ބަދަލުގައި އޭނަ ހޮސްޕިޓަލަށް ގެންގޮސްދޭން އަލްވާ އެދުނެވެ. ޑްރައިވަރު އެކަމާއި އެހާ ބޮޑަށް ގަބޫލުވީ ބުކްސްޓޯރއަށްވުރެ ހޮސްޕިޓަލް ކައިރިވީމައެވެ. އަލްވާ އޭނަގެ މައިންބަފައިންނާއިމެދު ޚިޔާލުކުރިއެވެ. އެމީހުން އޭނައަށް ހާދަ އިތުބާރެއްކުރެއެވެ. އޭނަ އެއްވެސް ނުރައްކަލަކާއި ކުރިމަތިނުވެ އެމްސްޓެޑަމްއަށް ގޮސް އައިސް ހަދަންފެށުމުން މަންމަމެންގެ ހަރުކަށި ގަވާއިދުތަކަށްވެސް ދޫދިނެވެ. އަދި ހުއްޓުމެއްނެތް ސުވާލުތަކާއި ފިކުރުބޮޑުވުންތައްވެސް ނެތިގެން ދިޔައެވެ.

އަލްވާ ހައިރާންވީ އެތަނުން ނަވޫދުއާއި ނަމްރާއާއި ދިމާވުމުންނެވެ. ފަހަރެއްގައި ނަމްރާ މަޑުކޮށްލައިގެން ހުރީ އެޕޮއިންޓްމެންޓަށްޓަކާ ކަމަށް ވެދާނެއެވެ. އަލްވާ ކުއްލިއަކަށް އޭނަގެ "މިޝަން"މަތިން ހަދާންވެ ނަމްރާއިން ގޮނޑިއާއި ދިމާލަށް ހިނގައިގަތެވެ. އޭނަ ނަވޫދު ފެނުނުކަމަށްވެސް ހަދައިނުލިއެވެ. ނަމްރާ މޫނު ކުނިކޮށްލިއެވެ.

"ހޭއި..."

"ކޮންކަމެއް ބޭނުމީ؟" ނަމްރާ ފިނިގޮތަކަށް ސުވާލުކުރުމުން އަލްވާއަށް ކަޅި ހިންގައިނުލެވުނީ ކިރިޔާއެވެ. މިދެބެންގެ މިހުންނަނީ ކޮން މިޒާޖެއްހެއްޔެވެ؟ އެ ފިނި މިޒާޖު މީހުންނަށް ނުދައްކާވެސް ނުތިބެވެއެވެ.

"އަހަރެން ކުރީ ދުވަހު އެހީވިން. އެހެންވީމަ ތަންކޮޅެއް ރީތިކޮށް ވާހަކަދެއްކިދާނެދޯ......." އަލްވާ އެހެން ބުނުމުންވެސް ނަމްރާ އެއްވެސް ޝުއޫރެއް ނެތި ބަލަން އިންގޮތުން އަލްވާ ލަދުގަންނަގޮތްވިއެވެ.

"އެނީވޭ ސިލްވާގެ މަތިން ހަނދާން އެބަހުރިތަ؟ ބުނީމެއްނު އެކުއްޖާ......މަރައިލެވުނުތަން ދެކުނީމޯ......"އަލްވާ ތަންކޮޅެއް އަޑުމަޑުކޮށްލިއެވެ.

"ބުނިންތަ؟"

އަލްވާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ނަމްރާއާއި ވާހަކަދެއްކުން ހީކުރިވަރަށްވުރެ މާ އުދަގުލެވެ."ބުނަން. ސިލްވާ މަރައިލި މީހުންގެ މައުލޫމާތު އަހަރެންގެ އަތުގައި އެބަހުރި. އެހެންވީމަ ނަމްރާއަށް ފެނުނުހާކަމެއް ކިޔާދީފިއްޔާ އަދި ކުޑަ ކްލޫއެއް ނަމަވެސް.....އެމީހުން އަތުލައިގަތުމުގައި އެހީއަކަށް ވެވިދާނެ.." އަލްވާގެ އެ ޖުމްލަ ނަމްރާގެ ޝައުގު އަތުލިއެވެ."ކޮން މައުލޫމާތެއް؟"

ނަމްރާގެ އަނެއް ފަރާތުގައި އިށީދެލައިގެން އިން ނަވޫދުވެސް ކުޑަކޮށް އަރިވެލީ އަލްވާ ބުނި ކޮންމެ ޖުމްލައެއް އަޑުއެހުމުގެ ނިޔަތުގައެވެ. އަލްވާ ނަމްރާއަށް އަދި ނުސީދާކޮށް ނަވޫދުއަށް ކިޔާދިނީ މޭރީގެ ވާހަކައެވެ. މޭރީ އަންހެންދަރިއަކު ގެންގުޅެމުންދަނިކޮށް އެކުއްޖާ މަރައިލެވުނުގޮތެވެ. އެދެބެން ހިމޭންކަމާއެކު ހުރިހާ ވާހަކަތަކެއް އަޑުއެހިއެވެ.

"އެހެންވީމަ އެއީ ޔަތީމްކުދިން......" ނަމްރާ މަޑުމަޑުން އެޖުމްލަ ކިޔައިލީ މާނަވީ ގޮތަކަށެވެ. ކޮންމެވެސް ކަމެއް ޔަގީންވެގެންފަދަ ގޮތަކަށެވެ." އެމީހުން އަހަރެންވެސް ކިޑްނެޕް ކުރަން އުޅުނު.. އެކަމަކު ނަވޫދުއެއްނޫން. ނަވޫދު ނުނަގާ އަހަރެން ނަގަން އައީ ކީއްވެތަ؟"

"އެމީހުން ނަމްރާ ކިޑްނެޕް ކުރަން އުޅުނީތަ؟" އަލްވާ ލޯ ބޮޑުކޮށްލުމުން ނަމްރާ ބޯ ޖަަހައިލިއެވެ.

"ހަތް އަހަރުކުރިން އަހަރެންގެ ދެފައި އެމީހުންނާއިހެދި ނެތިގެން ދިޔައީ..."

"އެއީ ހަމަ މިމީހުންކަން ޔަގީންވޭތަ؟" އަލްވާ ސުވާލުކުރުމުން ނަމްރާ ބޯ ޖެހިއެވެ.

"އެހާ ޔަގީންކަމެއް އޮތީއެއްނޫން އެކަމަކު އިހުސާސްވަނީ ހަމަ އެއްބަޔަކުކުރާނެ ކަމެއްހެން.."

"އެކަމަކު އެމީހުން މަރަމުން ދަނީ އެކުދިން ގެއްލުނަސް އެކަމަށް ޖަސްޓިސް ހޯދަން މަސައްކަތްކުރާނެ ބަޔަކު ނެތް ކުދިންނަށް ނޫންތަ؟ ނަމެއް އާއިލާއެއްނެތް ކުދިން.އެކުދިން ގެއްލުނަސް ނެތަސް އެކަން ދަންނާނެ މީހަކުވެސް ނެތްކުދިން..."

"ސިލްވާގެ ނަމެއް އެބައޮތް..."އަލްވާ ބުނެލިއެވެ.

"ސިލްވާއަކީ އެމީހުން ޚަބަރު ގެނެސްދޭންވީމަ އެކުއްޖާއަށް ދިން ނަމެއް. އެމީހުންނަކަށްވެސް ހަގީގަތުގަިއ އެއީ ކޮންކުއްޖެއްކަމެއް އޮޅުމެއް ނުފިލާ. އެމީހުން ސިލްވާއޭ ކިޔާ ނަން ދިނީ އެކުއްޖާގެ އިސްތަށިގަނޑު ސިލްވާއިން ޑައިކޮށްފައި އޮތީމަ.."ނަވޫދު ޖަވާބުދިނެވެ.

"އެކުއްޖާގެ ރިހިކުލައިގެ އިސްތަށިގަނޑެއް އޮތްކަން ނަވޫދުއަށް އެނގުނީ ކިހިނެއް؟ ޚަބަރު ގެނެސްދިންއިރު އެކުއްޖާގެ ފޮޓޯއެއް ދެއްކީއެއްނޫން.."އަލްވާ ގޮނޑީގައި އިނދެ ގުދުވެލުމަށްފަހު ނަވޫދުއަށް ބަލައިލީ ލޯ ހަނިކޮށްލަމުންނެވެ. ނަމްރާއަށްވެސް އޭނަގެ ބޭބެއަށް ބަލައިލެވުނީ އެސުވާލުގެ ޖަވާބު ބޭނުންވި ފަދައިންނެވެ.

"ފުލުހުންގެ މަރުކަޒަށް ގެންގޮސް އެމީހުން ބުނީ."ނަވޫދު ނިކަން ހަމަޖެހިލާފައި ހުރެ ގޮނޑިން ތެދުވުނެވެ."އަލްވާ. އެންމެ ފަހު ފަހަރަށް މިބުނީ. އަހަންނަކީ ގާތިލެއްކަމަށް ތުހުމަތު ނުކުރޭ.."

"އެންމެ ރަގަޅު. އަޑުއަހާބަލަ. ދެން ކިހިނެއް އަހަރެމެން ހަދަންވީ؟ އެ މީހުން އަތުލައިގަންނަން ތިކުދިންގެ އެއްވެސް ޚިޔާލެއް އެބައޮތްތަ؟"އަލްވާގެ މޫނަށް ވެރިވި ސީރިޔަސް ކުލަ ފެނި ނަވޫދުއަށް ނުހެވުނީ ކިރިޔާއެވެ. އޭނަގެ ކޮއްކޮއެކޭ އަލްވާ އެއްވެސް ތަފާތެއްނެތެވެ. ގާތިލުން އަތުލައިގަތުމަކީ އެހާ ފަސޭހަކަމެއްކަމަށް ހަގީގަތުގައިވެސް މިކުދިންނަށް ހީކުރެވެނީހެއްޔެވެ؟

"އެމީހުން. ނަމްރާގެ ފަހަތުން އަންނަން އެފަހުން މަސައްކަތެއް ނުކުރޭތަ؟" އަލްވާގެ ސުވާލުން ނަމްރާ ބޯ ޖަހައިލީ އަލްވާގެ ލޮލަށް ބަލައިލަމުންނެވެ.

"ތި ލޯ..ވިހޭއިރުވެސް ތިހެންތަ؟"ނަމްރާ ކުއްލިއަކަށް އަހައިލިއެވެ.

"ހޫމް އެހެންހެން ހީވަނީ..."އަލްވާ ކޮނޑު އަރުވައިލިއެވެ."ކީއްވެ ތިހެން އެހީ؟

"ވަރަށް ރީތި.."ނަމްރާގެ ތައުރީފުން އަލްވާ ހިނިތުންވެލިއެވެ. އަދި އުއްމީދު އާވިއެވެ. ފަހަރެއްގައި ދެކުދިންނަށް އެކުވެރިންނަށް ވެވިދާނެއެވެ. ހީކުރިހެން ނަމްރާ ގޯހެއް ނޫނެވެ.

"މޭރީގެ ދަރިފުޅު ސޯފިއާއާއި ބެހޭ ހުރިހާ މައުލޫމާތެއް ހޯދަބަލަ. އެކުއްޖާގެ ސްކެޗެއް ނަމަވެސް ލިބިއްޖެއްޔާ އިތުރު އެހީއަކަށްވާނެ. މި ގަތުލުތަކުގައި އެއްވެސް ޕެޓަން އެއްހުރިތޯ...."ނަމްރާ އެދުނެވެ. އަލްވާ ވަގުތުން އެއްބަސްވިއެވެ.

"އާދެވޭފަދަ ގޮތެއް ވެއްޖެއްޔާ އަހަރެމެން އުޅޭ ގެއަށް ޖައްސައިލާތި....."

އަލްވާއަށް ބަލައިލެވުނީީ ނަވޫދުއަށެވެ. އޭނަ ހުރި ނަމްރާގެ ދައުވަތުން ނުރުހިފައިކަން ޔަގީނެވެ. މޫނުމަތިން އުފާވެރިކަމުގެ ބަދަލުގައި ފެނުނީ އެހެން ކުލައެކެވެ.

"ނަމްރާގެ ވާހަކަތައް އަޑުނާހައިފިއްޔާ ރަގަޅު އިނގޭ އަލްވާ.އާދޭ ނަމްރާ. ޑޮކްޓަރަށް ދައްކައިލަން......" ނަވޫދު ފުރޮޅުލީ ގޮނޑި ދުއްވަންފެށިއެވެ. ނަމްރާ އަލްވާއަށް ނަޒަރު ހިންގައިލުމުން އަނގަޔަށް ހަދައިލިގޮތުން އެބުނީ އަންނާނަމޭކަން ނަމްރާ ދެނެގަތެވެ.

***

ޖެހިގެން އައި ދުވަހު އަލްވާ މޭރީގާތުން ސޯފިއާއާއި ބެހޭގޮތުން ހުރިހާ މައުލޫމާތެއް އޮޅުންފިލުވިއެވެ. ފޮތް ފިހާރައިގެ މަސައްކަތް ނިންމާލުމަށްފަހު އޭނަ މެހެކްއަށް އޭނައާއި އެކު ނަމްރާގެ ގެއަށް އައުމަށް މަޖުބޫރުކުރުވިއެވެ. އެގެއަށް ދިޔަ މަގުމަތީގައި އަލްވާ މެހެކްއަށް އެކަމާއި ބެހޭގޮތުން އޭނައަށް އެނގި ހުރި މައުލޫމާތު ކިޔާދިނެވެ. މެހެކްއަށް ބިރުވެރިކަމެއް ލިބުނެވެ. އަދި އެންމެ ކަންބޮޑުވީ މިފަދަ ނުރައްކާތެރިކަމެއްގެ ތެރެއަށް އަލްވާ ވަނުމުންނެވެ.

"މޮޔަވީތަ؟ އަލްވާ. އަލްވާއަށް ގާތިލުން ފަހާ ނުދުވޭނެ. ތިއީ ފުލުހެއްނޫން..." މެހެކް އަލްވާގެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ތޫނުކޮށް ހަޅޭއްލަވައިގަތެވެ."އަދި އެނގޭތަ؟ އަންނަ ހަފްތާގައި އަހަރެމެންގެ އިމްތިހާނު..."

"މިހަފްތާގައި އިތުރު ކުދިން މަރާލައިފިއްޔާ؟އަހަރެމެންނަށް އެންމެ ދުވަހެއްވެސް ބޭކާރުކޮށެއްނުލެވޭނެ. މެހެކް.އެންމެ ރަގަޅު. މެހެކް ބޭނުން ނެތިއްޔާ ދިޔަސް ހެޔޮ އެކަމަކު އަހަރެންގެ ބައްޕައާއި މަންމައަށް މިކަން ސިއްރުކޮށްދޭތި...." އަލްވާގެ ވާހަކަތަކާއެކު މެހެކްއަށް ލޯބޮޑުކޮށްގެން ބަލަން ހުރެވުނެވެ.

"މިކަމަށް ތިހާ ބޮޑަށް ވަދެގަތީ ކީއްވެ؟ ކޮންމެ އަހަރަކު އެތައް ޖަރީމާއެއް ހިންގާ....."މެހެކްގެ އަޑުގައިވީ ބޭގަރާރުކަމެވެ.

އަލްވާއަކީވެސް ޔަތީމުކުއްޖެކެވެ. އަދި މަރައިލެވުމުންދާ ހުރިހާ ކުދިންވެސް މެއެވެ. ވީއިރު ދެން އެމީހުންގެ އަމާޒަކަށް އަލްވާ ވެއްޖެއްޔާ ހަދާނީ ކިހިނެއްހެއްޔެވެ؟ ނަވޫދުއާއި ނަމްރާ މަރާލައިފިއްޔާ އޭނަ ކީއްކުރާނީހެއްޔެވެ؟ އެކަމާއި އަޅާނުލާ ދޫކޮށްލާވަރަށްވުރެ ބޮޑަށް މި ތަހުގީގުގެ ތެރެއަށް އޭނައަށް ވަދެވިއްޖެއެވެ.

އަލްވާ ނަވޫދުމެން ދިރިއުޅޭ ގޭގެ ދޮރުގައި ޓަކިދީފައި ފަހަތަށް ބަލައިލިއިރު މެހެކް ހަށަން ބަދެލައިގެން ފަހަތުގައި ހުރިތަން ފެނުނެވެ. އެމޫނުމަތިން ފެންނަނީ ކަންބޮޑުވުމުގެ ކުލަވަރެވެ. މެހެކް މި "ސޭވް އޯފަންސް މިޝަން"އާއި ކިތަންމެ ދެކޮޅަށް ހުއްޓަސް އަލްވާ އެކަނި އެކަން ކުރަން ދޫކޮށެއްނުލާނެކަން ސާބިތުކޮށްދީފިއެވެ.

ނަމްރާ ދޮރު ހުޅުވައިލިއިރުވެސް އޭނައިނީ ފުރޮޅުލީގޮނޑީގައެވެ. ހިނިތުންވުމަކާއި ނުލާ އޭނަ ގޮނޑި އެއްފަރާތަށް ދުއްވައިލީ އަލްވާ ވަންނަން ތަން ދެއްކުމަށެވެ. އޭނަ ޝައްކުން ފުރިގެންވާ ނަޒަރަކުން ސްޓައިލިޝް ހެދުމެއްގައި ހުރި މެހެކްއަށް ބަލައިލިއެވެ.

"މިއީ މަގޭ އެންމެ ގާތް އެކުވެރިޔާ. މެހެކް...." އަލްވާ ނަމްރާއަށް ކަރުދާސްގަނޑެއް ދިއްކޮށްލަމުން އެކުވެރިޔާގެ ތައާރަފެއް ދިނެވެ. އޭނަ އެދިނީ ސޯފިއާގެ އުފަން ދުވަހުގެ ސެޓްފިކެޓެވެ. އަދި މޭރީ އެކުއްޖާގެ ބެލެނިވެރިއަކަށްވުމުގެ ކުރިން އެކުއްޖާ ހުރި ޔަތީމްޚާނާގެ މައުލޫމާތެވެ.

"އަހަރެމެންނަށް އެ ޔަތީމުޚާނާއަށް ދެވިއްޖެއްޔާ އިތުރު ހެކިތައް ލިބިދާނެ. އެތަނުން އިތުރު ކުދިން ގެއްލިފައިވޭތޯވެސް ބެލިދާނެ..." ނަމްރާ އެ ކަރުދާސްތައް ބަލައިލަމުން ބުނެލިއެވެ. އަލްވާ ނަޒަރު ހިންގައިލީ އެ ކުޑަ ގޭގެ ތެރެއަށެވެ. ކިތަންމެ ކުޑަވިޔަސް ސާފުތާހިރު އަދި ކޮންމެ އެއްޗެއް ތަރުތީބުން ބެހެއްޓިފައިވެއެވެ. އޭނަ ކުޑަކޮށް އަރިވެފައި ބަލަން ފެށީ ބަދިގޭގެ ކައުންޓަރުމަތީގައި އޮތް ފިޔާތޮށިކުލައިގެ ޕާރުސަލް ކަރުދާސްގަނޑަކަށެވެ. އެއީ އަލްވާ ދިން ބްރައުނީޒް ހަދިޔާ ޕެކެޓެވެ. އޭނަ އެތަނަށް ގޮސް ބަލައިލިއިރު އެ ޕެކެޓްއޮތީ ހުސްކޮށްލާފައެވެ. އަލްވާއަށް އެސްފިޔަ ތަޅުވައިލެވުނީ ހައިރާންވެފައެވެ. މިހެންވާންވީ ކީއްވެހެއްޔެވެ؟ އޭނައަށް އެ ޕެކެޓް ޑަސްބިނުން ފެނުނު ނޫންހެއްޔެވެ؟ ނަވޫދު އެ އެއްލާނުލަނީހެއްޔެވެ؟ މި ފޮށި މިތާ ކީއްކުރަނީހެއްޔެވެ؟

"އަލްވާ ފޮށި ބޭނުންވެދާނެއޭ ހީކޮށް އެއްލާނުލާ ބޭއްވީ..ގެންދޭ..."ނަވޫދުގެ އަޑު އިވުނެވެ. އޭނަ ގެއަށް އައިއިރު ގެއިން ފެނުނު މެހުމާނުންނާއިހެދި އޭނަގެ ތަބީއަތު ގޯސްވިހެން މޫނަށް ބަލާލާފައި ހީވިއެވެ. މިގެއަކީ އަންހެންކުދިންގެ ބައްދަލުވުންތައް ބާއްވާތަނަކަށް ވާން އޭނަ ނޭދެއެވެ. ބޯ ހޫރާލާފައި ނަވޫދް މިސްރާބުޖެހީ ސިޑިއާއި ދިމާލަށެވެ. އަލްވާ އެނބުރިބަަލައިލިއިރު ނަވޫދު ފެންނާކަށް ނެތެވެ. ބްރައުނީޒް ކެއިތޯވެސް އަހާނުލެވުނެވެ.

"އޯ. އެއީ އަލްވާ ދިން އެއްޗެއްތަ؟ އެ ހަމަ ވަރަށް ރަގަޅު. ނަވޫދު ބުނީ ތަންކޮޅެއް ލޮނުގަދަކަމަށް އެކަމަކު ގިނަ އެއްޗެހި ކެއީ އޭނަ...."ނަމްރާ އެހެން ބުނުމުން އަލްވާ އިތުރަށް ހައިރާންވިއެވެ. ވީއިރު އެ ޑަސްބިނުގައި ވި ބްރައުނީޒް ފޮށްޓަކީ ކާކަށް ދިން އެއްޗެއްހެއްޔެވެ؟ ސުފިޔާންއަށެވެ. ސުފިޔާންއަށް އޭނަ ބްރައުނީޒް ފޮށްޓެއް ދިންކަން އޭނައަށް ހަނދާން ނައްތައިލެވުނީއެވެ.

ނުނިމޭ