"ޒުލް ހިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަސް އެހެން ދުވަސްތަކާއި ތަފާތުވާ ސަބަބެއްކަމުގައި ބެލެވެނީ މި ދުވަސްތަކުގައި އެންމެ މާތް އަޅުކަންތައް ޖަމާވެފައިވާތީއެވެ. އެއީ ނަމާދާއި ރޯދައާއި ސަދަގާތާއި އަދި ހައްޖެވެ. މިހުރިހާ އަޅުކަމެއް މި ނޫން އެހެން ދުވަސްތަކެއްގައި ޖަމައައެއްނުވާނެއެވެ."< އަލްހާފިޒު އިބްނު ހަޖަރު ރަހިމަހުﷲ>

***

ފިނީގެ ސަބަބުން ރަތްވެފައިވާ އެރިކްގެ މޫނު ހުދުވެ އަނބުރައިގެންފާނެހެން ހީވިއެވެ. އެރިކް މިނިޓެއްވާންދެން އަޑުއަހަން ހުއްޓާ ފޯނު އަތުން ދޫވިއެވެ.

"އަސްލަން...އަސްލަން......."އެރިކް ހާސްކަމާއެކު އަސްލަންގެ އަތުގެ މުލައްދަނޑީގައި ހިފެހެއްޓިގޮތުން އަސްލަންގެ ސިކުނޑީގައި ނުރައްކާތެރި ރަގަބީލެއް ޖެހި އަޑު ބާރުވާންފެށިއެވެ.

"ވަރަށް ބޮޑު........ނުރައްކާތެރި ހާދިސާއެއް....ގޭގައި....ވިކްޓިމްސްތައް އެބަގެނޭ....އެކަކު........" އެރިކްއަށް ވާހަކަވެސް ނުދެއްކުނެވެ. އަސްލަން އެންމެ ނުބައި ހާލަތަށްވެސް ހިތް ތައްޔާރުކޮށްފައިވާތީ އެފަދަ ވަގުތެއްގައި އަމިއްލަ ނަފުސްގެ ލަގަން އަތުން ދޫވެގެން ދިޔަކަނުދެއެވެ. އޭނަ އެރިކް ކައިރީ ބުނީ ހަމަޖެހުމަށެވެ. ހަމަޖެހިގެން ނޫނީ އެހެން މީހުންނަށް އެހީތެރި ނުވެވޭނެކަމުގައެވެ. މާގިނައިރެއްނުވެ އެމްބިއުލެންސްތަކުން އެބުނާ ހާދިސާގެ ޝިކާރައަކަށްވި މީހުން ގެނެވުނެވެ. އަސްލަންގެ ހިތް ފައިތިލައިގެ ދަށަށް ވެއްޓުނުފަދަ އިހުސާސް ވިއެވެ. އެމްބިއުލެންސުން ނެރުނު ފުރަތަމަ ސްޓްރެޗާގައި އޮތީ ލެއިން ކަޅިވެފައިވި ސިއާރާ ފިޔަވާ ދެވަނަ މީހެއްނޫނެވެ. ގައިމަތީ އަޅާފައިވާ ފޮތިގަނޑުވެސް ލެއިން ފޭދެމުންދިޔައެވެ. ސިއާރާގެ ހުދު މޫނާއި މެރިފައިވާ ލޯ ފެނުމުން އަސްލަންގެ މޫނަށް އަނދިިރިވާގޮތްވިއެވެ. ސިއާރާއަށް ވީ ކީއްބާވައެވެ. "ގޯޑް ހެލްޕް ހާރ.."އަސްލަންގެ ހިތުގެ ފުންމިނުން އެވަގުތު ގޮވައިލެވުނީ ހެއްދެވި ފަރާތަށެވެ.

އެ ސުވާލުގެ ޖަވާބު ލިބުނީ ކެތްރީންގެ ފަރާތުންނެވެ. މާކްއާއި ކެތްރީން އެކީގައި ކަހަލަގޮތަކަށް އެތަނަށް އައުމާއެކު ކެތްރީންއަށް ގޮސް ހިފައިގަނެވުނީ އެރިކްގެ ގައިގައެވެ. ކެތްރީންއަށް ރޮއިގަނެވުނެވެ.

"ދަރިފުޅާ އެރިކް. ސިއާރާ ސަލާމަތްވާނެހެން ހިޔެއްނުވޭ. އެނުލަފާ މީހުން ކޮއްކޮގެ މެޔަށް ބަޑިޖެހީ. އެލިޔަސް....." އެހިސާބަށް އެހިއިރު އަސްލަންގެ ހަށިގަނޑަށް ރޫހާނީ ބާރެއްލިބުނުފަދައެވެ. އޭނަގެ ހުރިހާ ވިސްނުމަކާއި ސަމާލުކަމެއް ދޫކޮށްލެވުނީ މަރުގެ ތުންފަތްމަތީގައި އޮތް ފުރާނަފަދަ ލޯބިވާ އަންހެންކުއްޖާ ސަލާމަތްކުރުމަށެވެ. އަސްލަންއަށް ލިބިފައި ހުރި އިލްމާއި ހުރިހާ ހުނަރެއް ހިފުމަށް މިހާ އެކަށީގެންވާ ދަނޑިވަޅެއް ހަޔާތުގައި އައިހެނެއް ހިޔެއްނުވެއެވެ.

އެހެން ސްޓްރެޗާތައްވެސް ގެނެވުނެވެ. ސިއާރާމެންގެއަށް ވަދެ އެ އާއިލާއަށް ހަމަލާދިން މީހުންގެ ތެރެއިން ފަސްވަރަކަށް މީހުން ވަރަށް ބޮޑަށް ޒަޚަމްވެފައިވިއެވެ.

"އެލިޔަސްގެ ބޮލަށް ވަޒަން އެރީ. އެކުއްޖާގެ އެއްވެސް ހަރަކާތެއްނެތް. އެރިކް.......މަންމައަށް ހީވަނީ އެދެކުދިން އަބަދަށްޓަކާ ވަކިވެގެން ދިޔައީހެން............." ކެތްރީން ގޮވައިގެންގޮސް އެތަނުން ސީޓެއްގައި ބައިންދައިގެން އެރިކް އޭނަގެ މަންމައަށް ހިތްވަރުދޭން މަސައްކަތްކުރިއިރު އޭނަގެ ހިތްވެސް ގެނބެނީއެވެ. އެސްފިޔަތަކުގެ ފުރަގަހުގައި ފިލާ ހުރި ކަރުނަތައް ދެންމެ ދެންމެ އޮހިގެންފާނެފަދައެވެ. އެސްފިޔަތައްވަނީ ތެމިފައެވެ. ލޮލުގައި އުދާސްކަމެވެ. ހާސްވިލެއް ބޮޑުކަމުން އެއްމާބަނޑު ކޮއްކޮ ހާރިސްއަށް ވީގޮތަކާއިމެދު މަންމައާއި ސުވާލުކުރާކަށްވެސް ނުކެރުނެވެ. ނާއުއްމީދީ ޖަވާބެއް އަޑުއިވިއްޖެއްޔާ އޭނައަށް ކެތްނުކުރެވޭނެއެވެ. އެންމެން މަރުވިޔަސް ހާރިސްއާއި ނުލާ އޭނަ އުޅޭނީ ކިހިނެއްހެއްޔެވެ؟ އެއީ އޭނަގެ ހަށިގަނޑުގެ އެއްބަޔެވެ. ކިތަންމެ ޚިޔާލު ތަފާތުވުންތަކެއް ހުއްޓަސް އެއަށްވުރެ ލޯބިވާ އެހެން ފަރާތެއްނެތެވެ.

"އެރިކް. ....." ފަހަތުން ހާރިސްގެ އަޑު އިވުމުން އެނބުރި ބަލައިލިއިރު ހާރިސް ހުރީ ދާދި ގާތުގައެވެ. އޭނަ ލައިގެން ހުރިހެދުންވެސް ލެޔާ ތަތްތެޅިފައެވެ. އެރިކްއަށް ކޮއްކޮގެ ގައިގާ ބައްދައިލެވުނީ ހިތުން ޓަނެއްގެ ބުރަދަން ލުއިވިފަދަ އިހުސާސަކާއެކުގައެވެ. ހާރިސް ސަލާމަތްވިކަމަށްޓަކާ ﷲއަށް ހަމްދުކުރެވުނެވެ.

"އާ ޔޫ އޯކޭ؟"

"އައިމް ފައިން. އެކަމަކު......ސިއާރާގެ ހިތަށް ކަން ނޭގޭ ވަޒަން އެރީ........މިތަނުން.....ޑޯނާރ ހިތެއް ނުލިބޭނެތަ؟ މޭ ﷲ ސޭވް ހާރ...................."

"މި ބަލަނީ.........."

އެރިކްއަށް ދުއްވައިގަނެވުނީ ތިއޭޓަރާއި ދިމާލަށެވެ.

ހާރިސްއަށްވެސް ގޮނޑިއެއްގައި ޖައްސައިލެވުނެވެ. އޭނަގެ ފަޔަށް ވަޒަން އަރާފައިވާއިރު އަމިއްލައަށް ފަރުވާ ހޯދުމެއްނެތި ކެތްތެރިކަމާއެކު އޭނަ އިންތިޒާރުކުރީ އެހެން މީހުންގެ ހާލު އެހުމަށެވެ. ނަމަވެސް އިރުގަނޑެއްފަހުން ޒަޚަމްތަކުން އޮހެމުން ދިޔަ ލޭތަކުން ހާރިސް އަނބުރައިގަންނަގޮތްވިއެވެ.

***

ހިތުގެ އޮޕަރޭޝަންކުރާ އެންމެ މޮޅު ޑޮކްޓަރ އެވަގުތު އެތާނެތުމުން އަސްލަން ޖެހިލުމެއްނެތި އޭނަގެ މަސްއޫލިއްޔަތު އަދާކޮށް އެ ޒިންމާ ކޮނޑުގައިއެޅިއެވެ. ހުރިހާ ޖަޒުބާތުތަކާއި އިހުސާސްތައް އެއްފަރާތްކޮށްފައި ސިއާރާ ސަލާމަތްކުރަން އަތުކުރި އޮޅައިލިއިރު އޭނަގެ ހިތުން ހުރިހާ ބިރެއް ފިލާ މުޅި ހަށިގަނޑަށް ލިބިފައިވަނީ ޖާދުވީ ބާރެކެވެ. އޭނަ ހާސްވިނަމަ އަތްވެސް ތުރުތުރުލީހެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއްނެތެވެ. ސިއާރާ ދިރިއޮތީ ހާޓް ލަންގް މެޝިންގެ އެހީގައި ލޭ ހަށިގަނޑަށް ދައުރުވަމުން ދާތީއެވެ. ސިއާރާއަށް ހިތް ދިން މީހާގެ ހަށިގަނޑުން އެ ހިތް ނަގަން މާގިނައިރެއް ނުނެގިއެވެ. އެކަމަށް ހޭދަވީ ފަސްވަރަކަށް މިނިޓެވެ. މެޒް ކަތުރަކުން ރީއްޗަށް އެއޯޓާއާއި ޕަލްމަނަރީ އާޓްރީ ކަނޑައިލުމުން ހިތް އެ ހަށިގަނޑުން މިނިވަންވީއެވެ. ދެން އޮތީ އެ ހިތް ސިއާރާގެ ހަށިގަނޑަށް ލެއްވުމެވެ. އެ ލައްވާފައި ފަހަން ތަންކޮޅެއް ގިނައިރުވެއެވެ. ފަރުވާތެރިކަމާއެކު ލޭ ހޮޅިތައް ގުޅުވަން ޖެހޭތީއެވެ. އެއަށްފަހު ހާޓް ލަންގް މެޝިނުން ކަނޑާލާފައި ހަށިގަނޑުގެ ތެރެއަށް ލެއްވި ހިތަށް ޝޮކްދިންއިރު އަސްލަންގެ ހިތަށް ފިނިކަމެއް އިހުސާސްވިއެވެ. ފުރަތަމަ ފަހަރު ޝޮކް ދިނުމުން އެއްވެސް ހަރަކާތެއްނުކުރިއެވެ. ނަސީބަކުން ދެވަނަ ފަހަރު ޝޮކް ދިނުމާއެކު ހިތް ތެޅެންފެށިއެވެ. އަސްލަންއަށް އެފަދަ ރީތި މަންޒަރެއް ދުވަހަކުވެސް ނުފެންނަ ފަދައެވެ. ސިއްހަތު ރަގަޅު އެހާ ރީތި ހިތެއްގެ ވެރިއަކީ ކާކުތޯ ދެނެގަންނަންވެސް ބޭނުންވިއެވެ. ނަމަވެސް އޭރު އެއަށްވުރެ ބޮޑަށް ޚިޔާލު ހުރީ ސިއާރާގެ ސަލާމަތާއިމެދުގައެވެ. ހިތް ރަގަޅަށް މަސައްކަތްކުރާކަން ޔަގީންވުމުން ދެން އޮތީ މޭކަށިގަނޑުން ފަޅައިލިތަން ފެހުމުގެ މަސައްކަތެވެ.

އަސްލަންގެ މަސައްކަތް ފުރިހަމަކަމާއިމެދު ޕްރޮފެސަރުވެސް ތައުރީފުކުރިއެވެ. އޭނަ ނެތުމާއެކު އެހާ ނާޒުކް ކޭސްއެއް އެހާ ރަގަޅަށް ފަރުވާތެރިކަމާއެކު ހެންޑްލްކުރީ ކިތަންމެހާވެސް ފުރިހަމައަށެވެ.

ނަމަވެސް އޮޕަރޭޝަން ކާމިޔާބުވިޔަސް ސިއާރާ ހޭނާރާ ލަސްވާން ފެށުމުން އުއްމީދުގެ ހުޅުކޮޅު ކަނިވާންފެށިއެވެ. ހޭނެއްތި ޑޮކްޓަރަށްވެސް އުއްމީދު ކަނޑައިލަން މަޖުބޫރުވާ ހިސާބަށް ދިޔައެވެ. އަބަދަށްޓަކާ ސިއާރާ ނިދީކަމާއިމެދު ޝައްކުވެ އެންމެން އެވާހަކަދައްކަންފެށިއެވެ.

***

އަސްލަން ކޮފީތަށްޓެއް ހިފައިގެންގޮސް ލައުންޖްގައި ޖައްސައިލިތަނާ އޭނަގެ ބައްޕަ ގާތަށް އައިސް އިށީނެވެ. އަސްލަންގެ މޮޅުކަމުގެ ވާހަކަ އެންމެން ދައްކާތީ އެކަމާއި ފަޚުރުވެރިވާކަމުގައި ބުނެލިއެވެ. އަސްލަން ބުނީ އޭނައަކީ ޑޮކްޓަރަކަށްވީތީ ވާޖިބު އަދާކުރީކަމުގައެވެ.

"ދަރިފުޅާ. މިހާރު ސިއާރާއާއި ދަރިފުޅާއި ދޭތެރޭ އެއްވެސް ހުރަހެއްނެތް. އެކަމުގެ ތެރޭގައި ސިއާރާއަށް އަނިޔާވިކަމީ ބަދުނަސީބު." މާކް ތަންކޮޅެއް މަޑުމަޑުން ބުނެލިއެވެ.

"ތިބުނީ ކީކޭ ޑޭޑް.."އަސްލަންގެ ހިތް ތެޅިލިއެވެ.

"ބައްޕަގެ އޯޑަރަށް އެގެއަށް ހަމަލާދިނީ އެލިޔަސް މަރައިލަން...ހާރިސްވެސް.. އެކަމަކު އެމީހުން ހާރިސްއާއި ހަމަޔަށް ދިޔަނުދޭންވެގެން އެލިޔަސް ގޮސް ކުރިމައްޗަށް އެރީ. އޭނައަކީ ނުރައްކާތެރި މީހެއް. ބޮލަށް ބަޑީގެ ވަޒަން އެރިއިރުވެސް އޭނަގެ ރައިފަލުން ހަމަލާދީ ބައެއް މީހުން މަރައިލި. ހާރިސްއަށްޓަކާ ނޫންނަމަ ފަހަރެއްގައި އެލިޔަސްއާއި ހަމަޔަށް ނުވެސް ދެވުނީސްކަން ނޭގޭ. އަދި ސިއާރާވެސް ހެދީ އެހެން. ބިރެއްނެތި ވަޒަންތަކުގެ ތެރެއަށް ނުކުތީ. ހާރިސްއައި އެލިޔަސްވެސް ނާންނާށޭ ކިޔާ ހަޅޭއްލަވަނިކޮށް އެކުއްޖާ ނުކުތީ...."

ބައްޕަގެ ދުލުން ކުށަށް އެއްބަސްވަމުން ދިޔައިރު އަސްލަން އިނީ ބަސްހުއްޓިފައެވެ. އޭނަގެ މޭގެ ތެރޭ އޮތް ހިތް ހުސްވިއެވެ.

"ދަރިފުޅުގެ އުފަލަށްޓަކާ ބައްޕަ މިކަން ކުރުވީ. ސިއާރާ ނުލިބި ދަރިފުޅުގެ ހަޔާތަށް އުފާވެރިކަން ނާންނާނެކަން ޔަގީންވި.އެހާ ބޮޑު ކުށަކަށް އަރައިގަނެވުނީ އެހެންވެ. އެކަމަކު ނަސީބަކުން އެލިޔަސްއަކީ ނިރުބަވެރިއެއް. ފުލުހުން އަނގަ ބަންދުކުރުމުގައާއި ކުށް ފޮރުވުމުގައި އެއީ ބައްޕައަށް ލިބުނު އެޑްވާންޓޭޖެއް. ސިއާރާގެ އޮޕްރޭޝަން ކާމިޔާބު. އެހެންވީމަ ދަރިފުޅު ދެން ސިއާރާއައި ކައިވެނިކުރޭ....." މާކް އަސްލަންގެ ބޮލުގައި ފިރުމައިލިއެވެ.

"ކީއްވެ ބައްޕާ ކީއްވެ އެހެން ހެދީ؟ ބައްޕަ އަހަންނަށްޓަކާ މީހަކު ގަތުލުކުރީ ކިއްވެ؟ އެކަމުގެ ސަޒާ ބައްޕަ އަށް ނުލިބުނަސް އަހަންނަށް ލިބުނީ. ސިއާރާ އެމަރުވަނީ.........."އަސްލަންގެ ހިތް ހަޅޭއްލަވައިގަތެވެ. ނަމަވެސް އޭނަގެ ކަރު ބެދިފައިވާވަރުން އެއްޗެކޭ ބުނެވޭވަރެއްނުވިއެވެ. އަސްލަންގެ ހިތް ރޮމުން ދިޔައެވެ. މި ހަގީގަތް އެނގިއްޖެއްޔާ ސިއާރާ ދުވަހަކު އޭނައަށް މާފެއް ނުދޭނެއެވެ. ޔަގީނެވެ. ކުރިއަށްވުރެ ބޮޑަށް ސިއާރާ އޭނައަށް ނަފްރަތުކުރާނެއެވެ. ކުރިން އޮތް އުއްމީދުގެ ކަނިވެސް ނިވި އޭނަގެ ވުޖޫދުވެސް އަނދިރިކަމުގެ ތެރެއަށް ގެނބިގެން ހިގައްޖެއެވެ.

***

އަސްލަން އަމިއްލަ ނަފުސަށްވެސް މަލާމާތްކޮށް ކުށްވެރިކުރިއެވެ. ބައްޕައަކު ދަރިއަކު ދެކެ ލޯބިވާވަރުން ދަރިއަކަށްޓަކާ ކޮންމެފަދަކަމެއްވެސް ކޮށްފާނެއެވެ. އޭނަގެ ކުށަކީ ބައްޕައާއި އޭނަގެ ސިއްރުތައް ހިއްސާކުރެވުނުކަމެވެ. ސިއާރާ އެނބުރި އައި ވާހަކަ ބައްޕަ އޭނަ ގާތު ބުނުމުން އޭނަ އެލިޔަސްދެކެ ނަފްރަތުކުރާވާހަކައާއި ހަސަދައިން ހިތްފުރިފައިވާ ވާހަކަ ބުނެވުނީއެވެ. އެލިޔަސްއަކީ ސިއާރާގެ ފުރަތަމަ ލޯތްބެވެ. ސީދާ ލޯތްބަށް ނުވިޔަސް ފުރަތަމަ ގަޔާވެވުނު ކުއްޖާއެވެ. އޭރުވެސް އޭނަ އެލިޔަސްދެކެ ނަފްރަތުކުރިއެވެ. އެކަމަކު ފަހަރެއްގައިވެސް މިފަދަ ގޮތަކަށް އޭނަގެ ސަބަބުން އެލިޔަސް ދުނިޔެއާއި ވަކިވެގެންދާން ޖެހިދާނެކަމަށް ހީކޮށްފައެއްނުވެއެވެ.

***

ސްނޯގެ ވަރުގަދަ ތޫފާނެއް އައިގޮތަށް އެތައް ޓަނެއްގެ ސްނޯއެއް ޝަހަރަށް އޮއްސާލައިފިއެވެ. ކިތަންމެ ރީއްޗަސް އަދި ފަހުން އިތުރު އުދަގޫތަކާއި ޖެހޭނެކަން ޔަގީނެވެ. ނަމަވެސް ބަލައިލަން އަޖައިބެއްފަދަ ރީތިކަމަކާއެކު ގަނޑުފެނުން ހުރިހާތަނެއް ހިސާރަކޮށްލައިފިއެވެ. އަސްލަންއާއި އެރިކް ހޮސްޕިޓަލް ކެފެޓީރިއާއަށް އައީ އެއްޗެއް ކާލުމަށެވެ. ތަންކޮޅެއް ހޫނު ކުޅި އިންޑިއަން ކާއެއްޗެއް ހިފައިގެން އައިސް މޭޒުމަތީގައި ބެހެއްޓިއެވެ.

"ރާއްޖެ މަތިން ހަނދާންވާކަހަލަ ކެއުމެއް މިއަދު ކާން ހިތަށް އެރީ..."

"އަހަރެން ކާހިތެއްނެތް..."

"އަހަންނަށް އެނގޭ. އަދިވެސް ގަބޫލެއްނުކުރެވޭ. އަސްލަން އަމިއްލަ އަތުން އެލިޔަސްގެ ހިތް ސިއާރާގެ މެޔަށް ލެއްވީ. އަންބިލީވަބްލް.....އެލިޔަސްގެ ސިކުނޑި މަރުވިއިރުވެސް ހިތް ބީޓްކުރަމުން ދިޔަކަން ނަސީބެއް. އެވަގުތު ހަމަ ﷲ ލެއްވި ރަހުމަތެއްކަން ނޭގޭ. ސިއާރާ ސަލާމަތްވާން ހުރީމަ އެލިޔަސްގެ ހިތް އެ ލިބުނީ.." އެރިކް އަށް ނޭގުނީ މިއީ އަސްލަންއަށް އަދި އެނގިފައިވާކަމެއް ނޫންކަމެވެ. އަސްލަންގެ ސިކުނޑީގައި ފްލޭޝްވެލީ ތިއޭޓަރުގެ މަންޒަރުތަކެވެ. އެލިޔަސްގެ ހިތް ކަން ނޭގި އޭނަ ސިއާރާގެ މެޔަށް އެހިތް ލައްވާފައި ޝޮކް ދިން ވަގުތު އެހިތް ތެޅެންފެށިގޮތުން ތައުރީފުވެސް ކުރެވުނެވެ. ވަރަށް ގިނަ ހިތްތައް ލޮލުން ދެކުމުގެ ފުރުސަތު ލިބިފައިވީއިރު އެހާ ރީތި ހިތެއް ދުވަހަކު ނުދެކެއޭ ހިތް ބުނެލި ވަގުތެކެވެ. އަސްލަންއަށް ލިބުނު ޝޮކާއެކު ދިރުވައިލި ކޮފީ ކޯވަރުންވެސް ކޮށި އަރައިގަތެވެ.

"ކިހިނެއްވީ؟"އެރިކް މަޑުމަޑުން އަސްލަންގެ ބުރަކަށީގައި ޖަހާލައިފިއެވެ.

އޭރު އެހެން ލޯތައްވެސް އެދިމާލަށް ހުއްޓިފައިވިއެވެ.

އެވަގުތު ޚައިރާވެސް އަވަސް ހިނގުމެއްގައި އެދިމާލަށް އައެވެ. ޚައިރާ މޫނުގައި ފޮތިކޮޅުއަޅައިގެން ހުއްޓަސް އޭނަ ރޮމުން ދާކަން އަޑުން އެނގުނެވެ."ދޮންބެ....ސިއާރާ ހޭއަރާނެކަމުގެ އުއްމީދެއް ނެތޭ ޑޮކްޓަރ ބުނަނީ. މިހާރު ހާލު ދަށަށް ދަނީޔޯ.........."

"لا حَوْلَ وَلا قُوَّةَ إِلا بِالله........."އެރިކްވެސް ތެދުވެގެން ހިނގައިގަތީ އެތަނުން ނިކުތުމަށެވެ.

"ޑޯންޓް ވޮރީ ސިސް. ހުރިހާކަމެއް ރަގަޅުވާނެ..."

"އިންޝާﷲ..."

އަސްލަންއަށް ހީވީ ހަތަރު އުދަރެސްފެނު ޖެހުނުހެންނެވެ. ދާންވީ ދިމާލެއް ނޭގި ހުއްޓުން އަރާފައި ހުރެފައި އެކަނިވެރި މަންޒިލަކަށްދާން ހިތްއެދުނެވެ. އެފަދަ ތަނަކަށް ފެނުނީ ހޮސްޕިޓަލް ކައިރީގައި ހުރި މިސްކިތެކެވެ. ބޯ ސްނޯއިން ފޮރުވިފައިވާ މަގުތަކުގައި ބޫޓްގެ ނިޝާން ދޫކުރަމުންގޮސް މިސްކިތާއި އަރާ ހަމަވުމުން ބޫޓު ބޭލިއެވެ. އެތެރެއަށްވަނުމުން އެކަނިވެރިކަމައެކު އެހެން ކަހަލަ އިހުސާސެއް ކުރެވުނެވެ. އަމާންކަމާއި ހިމޭންކަމެވެ. ރޫހާނީ ހަމަޖެހުމެކެވެ. އަސްލަންއަށް ގޮސް ސަޖިދައަށް ތިރިވެވުނީ ކިހިނެއްކަމެއްވެސް ނޭގުނެވެ. އެވަގުތު އޭނައަށް އަމިއްލަ ނަފުސް ފެނުނީ ނިކަމެތިކަމުން ބިމުގައިވާ ސޫތްޕެއްގެ މިސާލުގައެވެ. މީހުންގެ ފުރާނަތައް ސަލާމަތްކުރުމަށްފަހު ތިމާގެ މޮޅުކަމާއިމެދު ބޮޑާވެ ފަޚުރުވެރިވިޔަސް ހަގީގަތުގައި ފުރާނަތަކުގެ މައްޗަށް އޭނަގެ އެއްވެސް ބާރެއްނެތްކަން މިއަދު އިހުސާސްވެއްޖެއެވެ. އޭރު އަސްލަންގެ ލޮލުން ކަރުނަ ފައިބަމުން މުސައްލާ ތެންމަމުން ދިޔައެވެ.

"ގޯޑް. ޕްލީޒް ސޭވް ހާރ......އައި ބެގް ޔޫ........."

އަސްލަން މިވީހާތަނަށް އޭނަގެ ބަލިމީހަކު މަރުވެގެން މިގޮތަށް ކަރުނަ އޮއްސި ހަނދާނެއްނުވެއެވެ. ބައެއްފަހަރު އެމީހުންނާއި ހަމަޔަށް އަންނައިރުވެސް ބަލިމީހާގެ ހާލަތު ގޯސްކަމުން އުއްމީދެއް ނޯވެއެވެ. އަނެއްބައި ފަހަރު ތިއޭޓަރުގެ މޭޒަށްވެސް ބަލިމީހުންގެ ފުރާނަ ދޫކޮށްލާފައިވިއެވެ. އެފަދަ ހާލަތުގައިވެސް އޭނަ ހިތްވަރުގަދައެވެ. ބަލިމީހުންގެ އާއިލާއާއި ބައްދަލުކޮށް ހިތްވަރުދީހަދައެވެ. މިއަދު އޭނަ ދުނިޔެއިން އެންމެ ލޯބިވީ އަންހެންކުއްޖާއަށްޓަކާ އޭނަގެ ހިތް ކުދިކުދިވެގެން ދިޔައިރު އޭނައަށް ހެއްދެވި ފަރާތެއްވާކަން އެނގިއްޖެއެވެ.

މިސްކިތުގައި އެހެން އިނދެވުނީ ކިހާއިރެއްވާންދެން ކަމެއް ނޭގެއެވެ.

އެރިކް ނަމާދަށް އެ މިސްކިތަށް އަރާފައި އަސްލަން ފެނުމުން ހައިރާންވިއެވެ. ސުވާލުކުރަން އުޅެފައިވެސް ނަމާދުކޮށް ނިމެންދެން ކެތްތެރިކަމާއެކު އިންތިޒާރުކުރިއެވެ.އެއަށްފަހު ދެމީހުން އެކީ ކަހަލަ ގޮތަކަށް މިސްކިތުން ނިކުމެވުނީ ސްނޯތަކުގެ ތެރެއަށެވެ."އަސްލަން..............ޝީ ޑައިޑް އެކަމަކު އަންއެކްސްޕެކްޓެޑް އެއްނޫން. ސަވައިވް ނުވާނެކަން އެނގުނު ކުރިންވެސް....." އެރިކް އެ ޖުމްލަ ބުނެލީ އެއްވެސް ޝުއޫރެއް ފައުޅުކުރުމެއްނެތި ވަރަށް އާދައިގެ ގޮތަކަށެވެ. ސިއާރާގެ ވަކިވުމުން އެހިތަށް މާ ބޮޑު އަސަރެއްކުރިހެނެއް ހިޔެއްނުވެއެވެ. އެރިކްއަށްވުރެ ސިއާރާ ބޮޑަށް ގުޅުން ރަގަޅީ ހާރިސްއާއި ކަން ނޭގެއެވެ.

އަސްލަންއަށް ލޯ މަރައިލެވުނެވެ. އެރިކް އަސްލަންގެ ކޮނޑުގައި އަތް ބޭއްވިއެވެ."ސޮރީ.........."

ނުނިމޭ