25 Mar 2012, 23:40
ކީރިތި ގުރާއާނާބެހޭ މަރުކަޒުގެ ނަން ކީރިތި ގުރުއާނާއި ސުންނަތާއި ބެހޭ މަރުކަޒަށް ބަދަލުކުރުމަށް ނިންމަވާފައިވާކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނސްޓަރު ވިދާޅުވީ ގުރުއާނާބެހޭ މަރުކަޒުގެ ނަން ކީރިތި ގުރުއާނާއި ސުންނަތާބެހޭ މަރުކަޒަށް ބަދަލުކުރަން ނިންމާފައިވަނީ އިލްމުވެރިންގެ މަހާސިންންތާއިން ކަމަށާއި އެ ނިންމެވުން ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރައްވާނެ ކަމަށެވެ.
"މިއަދު އެކަންކަން ތަންފީޒުކުރަން ހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާނީ އިލްމު ވެރިންގެ އެ ނިންމުން ތަންފީޒްކުރާނަމޭ. ސަބަބަކަށް ވަނީ ކީރިތި ގުރުއާނާ އެއްގޮތަށް ރަސޫލާްގެ ސުންނަތަށް އަޅުގަނޑުމެން އެބަޖެހޭ ހިދުމަތް ކުރަން، އަދި އެ ސުންނަތް އޮޅުން ފިލުވަން އެބެޖެހޭ މުސްލިމުންނަށް. އެއީ ދެތިން ކަމެއް ނޫންކަމަށާއި އެއީ އިންސާނެއްގެ މުޅި ހަޔާތް ކަމަށާއި އެކަލޭގޭފާނުގެ ސަހުސިއްޔަތުގައި ހުރި ރިވެތި ސިފަތައް އަޅުގަޑުމެންގެ ދަރިވަރުންނަށް ދަސްކޮށްދެން އެބަޖެހޭ،" ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރަސޫލާގެ ސަހުސިއްޔަތަށް ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވަނީ އިސްލާމް ދީނުގެ ދިރުން ކަމަށްވާތީ ކަމަށާއި ސުންނަތާމެދު ޝައްކު އުފެދިއްޖެނަމަ އިސްލާމްދީނުގެ ރޫހު ނެތިގެންދާނެ ކަމަށެވެ.
މިނިސްޓަރު ޝަހީމްގެ ވާހަކަފުޅުގައި ކީރިތި ގުރުއާނާބެހޭ ފަންނު އުފެދުމުގެ އަސްލަކީ މައުހަދާއި އަރަބިއްޔާއަށް ފަހު ރައްޖޭގެ އަމިއްލަ ފަރާތްތަކުން އުފެއްދި ގުރުއާން ކުލާސްތައް ކަމަށާއި ކީރިތި ގުރުއާނަށް އެންމެ ބޮޑު ހިދުމަތެއް ކުރާ އެއްތަނަކީ ކީރިތި ގުރުއާނާބެހޭ މަރުކަޒުކަމަށާއި އެތަނުގައި 2000 އެއްހާ ދަރިވަރުން ތައުލީމް ހާސިލްކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ގުރުއާނާއި ބެހޭ މަރުކަޒު ހުރީ އެންމެ އެކަށީގެންވާ އިމާރާތެއްގައި ނޫންކަމުން އެ މަރުކަޒަށް ޖާގައިގެ ދަތިކަން ވަރަށް ބޮޑު ކަމަށާއި މަސައްކަތް ކުރަމުން ދަނީ އެކުވެރި އިސްލާމީ ދައުލަތްތަކުގެ އެހީގައި އެކަށީގެންވާފަދަ އިމާރާތެއް ބިނާކުރަން ކަމަށެވެ.
މިރޭގެ ޖަލްސާގައި ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުން ބޭއްވި ގުރުއާން މުބާރާތުން ވަނަވަނައަށް ދިޔަ ދަރިވަރުންނަށް އިނާމްތައް ހަވާލްކޮށް ދިނުން ވެސް އޮތެވެ. އަދި އޭގެތެރެއިން މިއަހަރުގެ ގައުމީ ގުރުއާން މުބާރާތުގައި ތަމްސީލްކުރަން ފުރުސަތު ލިބުނު ދަރިވަރުންނަށް ވަނީ އެކަމުގެ ހަދާނީ ލިޔުން ވެސް މިރަސްމިއްޔާތުއި ވަނީ ދެއްވާފަ އެވެ.