02 Jul 2022, 17:05
މޫސުން ގޯސްވެ ރާއްޖެއަށް މިހާރު ކުރަމުންގެންދާ ވިއްސާރައިގެ ސަބަބުން މިހާރަށްވުރެސް ބޮޑަށް ރާއްޖޭގެ ދަރަނި އިތުރުވެގެންދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުޅި ރާއްޖެއަށް މިހާރު ކުރަމުންގެންދާ ވިއްސާރާގައި ރޭ ރާއްޖޭގެ ދެކުނު އަތޮޅުތަކަށް އުދައަރައި 200 އަށްވުރެ ގިނަ ގޭގައި ފެންބޮޑުވި ކަމަށެވެ. އަދި ފެންބޮޑުވި ތަންތަނުގެ ތެރޭގައި ހޮސްޕިޓަލުތަކާއި ސުކޫލުތަކާއި އެއާޕޯޓުތައް ވެސް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ރޭގެ ވިއްސާރާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ގދ. މަޑަވެލީގެ 90 އިންސައްތަ ގޭގައި ވަނީ ފެން ބޮޑުވެފަ. އަދި ޖައްވު ހޫނުވުމުގެ ސަބަބުން އިތުރަށް މޫސުން ގޯސްވެ އައިސްފައިވާ މޫސުމީ ބަދަލުތަކުގެ ސަބަބުން މިހާރަށްވުރެ ވެސް ބޮޑަށް ރާއްޖޭގެ ދަރަނި އިތުރުވާނެ،" އެމަނިކުފާނުގެ ޓުވީޓުގައިވެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އިއްޔެ އާއި މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެންނެވެ.