01 Jul 2022, 22:23
މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް ސަރަހައްދުތަކުން މިއަދު ހަތް އަތޮޅަކަށް އުދައަރައި، ބައެއް ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.
އެންޑީއެމްއޭއިން ބުނީ އުދަ އަރައިގެން މިހާތަނަށް ރިިޕޯޓުކޮށްފައިވަނީ އދ، އަތޮޅާއި، ތ. އަތޮޅާއި، ލ. އަތޮޅާއި، ގއ. އަތޮޅާއި، ގދ. އަތޮޅާއި އައްޑޫ ސިޓީގެ އިތުރުން ޅ. އަތޮޅުން ކަމަށެވެ.
އދ. އަތޮޅުން ފެންފުއްޓަށް އުދަ އަރައިފައިވެއެވެ. ތ. އަތޮޅުން އަށް ރަށަކަށް އުދައިގެ އަސަރު ކޮށްފައިވާއިރު އޭގެ ތެރެއިން ކިނބިދޫއިން އަށް ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންވަނީ ލިބިފައެވެ. އަދި ގުރައިދޫން މީހުން އުޅޭ ހިސާބަށް އުދައިގެ އަސަރު ކުރި ނަމަވެސް އެއްވެސް ގެއަކަށް ލޮނު ވަދެފައިނުވާކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
އެ އަތޮޅު ގާދިއްފުށިން 35 ގެއަށް، މަޑިފުށިން 69 ގެއަށް، ދިޔަމިގިލިން ފަސް ގެއަކަށް، ވޭމަންޑޫއިން 10 ގެއަކަށް އަދި އޮމަދޫއިން 15 ގެއަކަށް އުދައިގެ އަސަރުކޮށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ. ތިމަރަފުށްޓަށް އުދައިގެ އަސަރު ކުރި ނަމަވެސް އެއްވެސް ގެއަކަށް ގެއްލުން ލިބިގެން ރިޕޯޓު ކޮށްފައި ނުވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ތ. އޮމަދޫއަށް އުދައިގެ އަސަރު ކޮށް ފެންބޮޑުވެފައި--- ފޮޓޯ/ އޮމަދޫ ކައުންސިލް
ލ. އަތޮޅުން މާވަށަށް އުދައަރައި ހަތަރު ގެއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.
ގދ. އަތޮޅަށް ބަލާއިރު އެ އަތޮޅުން ފަސް ރަށަކަށް ވަރަށް ބޮޑަށް އުދައިގެ އަސަރު ކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ފާހަގަކުރިއެވެ. އެގޮތުން މަޑަވެލީގެ 98 އިންސައްތަ ގޭގެއަށް ލޮނުވަދެ އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ. އަދި ފަރެސްމާތޮޑާއަށް އުދައަރައި މީހުން ދިރިއުޅޭ އެއް ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ހޯނޑެއްދޫ، ފިޔޯރީ އަދި ރަތަފަންދޫއަށް ވެސް އުދައަރައި ގެއްލުން ލިބިފައިވެއެވެ.

ގދ. މަޑަވެއްޔަށް އުދައަރައި، ފެންބޮޑުވެފައި--- ފޮޓޯ/ ގދ. މަޑަވެލީ ކައުންސިލްގެ ރައީސް ފިޔާޒް ޙަސަން
އައްޑޫ ސިޓީއަށް ބަލާއިރު އެ ސިޓީގެ މަރަދޫގައި 50 ގެއަކަށް ލޮނުވަދެ ގެއްލުން ލިބިފައިވާއިރު ދެ ގެއަކުން މީހުން އެހެން ގެއަކަށް ބަދަލުކޮށްފައިވެއެވެ. އަދި މަރަދޫފޭދޫއަށް އުދައަރައިގެން 30ހަކަށް ގެއަށް ލޮނުވަދެ ގެއްލުން ލިބުނު ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
ޅ. އަތޮޅު ކުރެންދޫއަށް އުދައިގެ އަސަރު ކޮށްފައިވާއިރު ނައިފަރަށް ވާރޭވެހި ފެންބޮޑުވެގެން ފެން ހިންދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
މިކަމާ ގުޅިގެން އެންޑީއެމްއޭއިން ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިއަށް އޮތް ދެ ދުވަހު ހުޅަނގާއި މެދުރާއްޖެތެރޭގެ ރަށްރަށަށް ވައި ގަދަވެ، ކަނޑުތައް ގަދަވެ، ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ކަމަށެވެ. އެހެންކަމުން އާންމު ރައްިޔތުންގެ މުދަލާއި އިމާރާތްތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.