25 Mar 2012, 23:09
މަޖިލީހުގެ ގަވާއިދަށް ގެންނަ އިސްލާހުތަކުގެ މަޝްވަރާތަކުން ކޮންމެ ނަތީޖާއެއް ނުކުތަސް އަންނަ ހަފުތާގެ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
ދިޓީވީގެ ހަބަރުތެރެއިން ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ އަންނަ ހަފުތާގެ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވާނެ ކަމުގެ ޔަގީންކަން ދިނަސް ވެސް މިހަފްތާގެ ބުރާސްފަތި ދުވަހު ވެސް މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ނާޒިމް ވިދާޅުވީ މަޖިލީހުގެ ގަވާއިދަށް ގެންނަ އިސްލާހުތަކުގެ ޑްރާފްޓަށް ޕާޓީތަކުން ހިޔާލު އެއްގޮތްވެއްޖެނަމަ ބުރާސްފަތި ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވާނެ ކަމަށެވެ. ހިޔާލު އެއްގޮތް ވިޔަސް ނުވިޔަސް އަންނަ ހަފުތާގެ ހޯމަ ދުވަހު ޖަލްސާ ބާއްވާނެ ކަމަށެވެ.
"އިސްލާހުތައް ނުގެނެވުނު ކަމަށްވިޔަސް ވެސް ޖަލްސާތައް ފަށައިގަންނަން ބޭނުން ހޯމަ ދުވަހު. ބަދަލުތަކެއް ގެނެސްގެން ބުރާސްފަތި ދުވަހު ޖަލްސާއެއް ބޭއްވޭތޯ ވެސް މަސައްކަތް ކުރަމުން މިދަނީ. މަޖިލިސް ފެށިގެން ނޫނިއްޔާ މިއޮތް މައްސަލަތަކަށް ހެއްލެއް ނުލިބޭނެ. މިއޮތް ހިސާބުގައި މަޖިލިސް އޮތުން އެއީ ގައުމު ފަހަތަށް ދިއުން،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ ގަވާއިދަށް އިސްލާހުތަކެއް ގެންނަން އެއްބަސްވާއިރު މަޖިލީހުގެ ޖަލްސާތައް ފަށައިގަތުމަށް ވެސް އެމްޑީޕީ ވެސް ތާއީދު ކުރާ ކަމަށެވެ. މިއަދު ބޭއްވި ޕާޓީތަކުގެ މަޝްވަރާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެހެން ވިދާޅުވެފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް އަދި ވިދާޅުވީ މަޖިލިސް ޖަލްސާތައް ގަދަބާރުން ހުއްޓުވުމުގެ ފުރުސަތު ދެން މަޖިލީހުގައި ނުދެއްވާނެ ކަމަށާއި ގަދަބާރުން މަޖިލިސް ހުއްޓުވުމަށް މަސައްކަތް ކުރާނަމަ އެއީ ދައުލަތުގެ މަގާމަކަށް އައްޔަންކޮށްފައިވާ މަޖިލީހުގެ ރައީސްގެ ވާޖިބަށް ހުރަސް އެޅުން ކަމަށެވެ.
"މިގޮތަށް މަޖިލިސް ގަދަބާރުން މެދުކަނޑާލުމުގެ ފުރުސަތު ދެން ދެވޭކަން ނެތް. ރިޔާސަތު ބަލަހައްޓާ މީހެއްގެ ހައިސިއްޔަތުން މިދަންނަވަނީ މަޖިސް ހިންގުމަށް ހުރަސް އެޅުމަކީ ދައުލަތުގެ މަގާމަކަށް އައްޔަންކޮށްފައިވާ މަޖިލީހުގެ ރައީސްގެ ވާޖިބަށް އެޅޭ ހުރަހެއް އެއީ. އެގޮތަށް ހުރަސްއެޅުމުގެ ފުރުސަތު ކުރިއަށް އޮތް ތާނގައި އެއްވެސް ގޮތަކަށް ދޭކަން އަޅުގަނޑުމެން ގަސްތެއް ނުކުރަން،" މަޖިލިސް ހުޅުވުމަށް ހުރަސްއެޅުވުމުގެ ގޮތުން އެމްޑީޕީގެ މެންބަރުން ކުރެއްވި އަމަލުތައް ދެން ތަކުރާރުވިޔަ ނުދޭނެ ކަމަށް އިޝާރާތް ކުރައްވައި ނާޒިމް ވިދާޅުވި އެވެ.