ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިންމާލައިފިއެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ފަށާފައިވަނީ މޭ މަހުގެ 16 ވަނަ ދުވަހުއެވެ.

ދެވަނަ ދައުރުގެ ފަހު ޖަލްސާ މިއަދު ބާއްވާފައިވާއިރު ޖަލްސާ ނިންމަވާލަމުން ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވީ ހުރިހާ މެންބަރުންނަށް ވެސް މަރުހަބާ އާއި ޝުކުރު ދަންނަވާ ކަމަށެވެ.

"މެންބަރުން ޖަލްސާތަކަށް ބަހައްޓަވާ ފަރުވާތެރިކަމާއި، ބިލުތައް ކިޔުއްވާ މިންވަރާއި، އެ މުޠާލިއާ ކުރައްވާ ދަރަޖައާއި، އަދި މިތަނަށް ހުށަހަޅުއްވާ ތަނަވަސް ބަހުސްއާއި އިސްލާހުތަކަކީ އަޅުގަނޑު ހިތުން އަންނަން އޮތް ޖީލުތަކަށް، ދިވެހިރާއްޖެއަށް މިސާލަކަށް ވެގެން ދާނެ ކަންކަން."

މި ދައުރުގައި އަށް ބިލެއްގެ މަސައްކަތް މަޖިލީހުން ވަނީ ނިންމާފައެވެ. މިއަދު ފާސްކޮށްފައިވަނީ ހެއްކާ ބެހޭ ބިލާއި ފަންނީ އުފެއްދުންތައް މިންތި ކުރުމާއި ދަރަޖަ ކުރުމުގެ ބިލާއި ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ވިޔަފާރި ކުރުމުގެ ބިލާއި މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތިރުން ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

ދެ ގަރާރެއްގެ މަސައްކަތް ނިންމާފައިވާއިރު ހުށަހެޅުނު ތިން މައްސަލައެއްގެ މަސައްކަތް މި ދައުރުގައި ވަނީ ނިންމާފައެވެ. މީގެ އިތުރުން ރިޔާސަތުން ހުށަހެޅި އެއް ކަމެއް ނިންމާފައިވާއިރު ދެ ކުއްލި މައްސަލައާއި، މެންބަރުން ހުށަހެޅި ފަސް މައްސަލައިގެ މަސައްކަތް ނިންމާފައިވެއެވެ.

ދައުރު ނިންމާލާފައިވާއިރު ވަޒީރުންނާ 30 ފަހަރު ސުވާލު ކޮށް ކޮމިޓީތަކުން ހުށަހެޅި ހަ ރިޕޯޓެއްގެ މަސައްކަތް ވަނީ ނިންމާފައެވެ.