އިންޑިއާ ސަރުކާރުން އާންމުކުރި އެ ގައުމުގެ ސަލާމަތަށް ނުރައްކާވާ ޓީވީ ޗެނަލްތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ޓީވީ ޗެނަލް، ޓީވީއެމް ހިމެނާފައިވާ ކަމަށް ހަބަރު ފެތުރުނަސް ޓީވީއެމް އެ ލިސްޓުގައި ހިމަނާފައި ވަނީ އެފަދަ ކޮންޓެންޓް ފޮނުވައިގެން ނޫން ކަމަށް މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފި އެވެ.

ޓީވީއެމްގެ މައްސަލަ އޮޅުން ފިލުވުމަށް އެ ކޮމިޝަނުން މިއަދު ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ބްރޮޑްކާސްޓިން ކޮމިޝަނުން އާންމުކުރި ބަޔާނުގައި ބުނަނީ އެ ލިސްޓުގައި ޓީވީއެމްއާ އެކު 25 ޗެނަލް ހިމަނާފައިވާ ކަމަށް "އިންޑިއަން ޓެލެވިޒަން ޑޮޓްކޮމް"ގައި ބުނެފައި ވަނީ އެ ލިސްޓުގައި ހިމެނޭ "ބައެއް ޗެނަލްތަކުން" އިންޑިއާގެ ސަލާމަތަށް ނުރައްކާވާ ކޮންޓެންޓުތައް ފޮނުވާ ޗެނަލްތައް ކަމަށެވެ. އަދި ޓީވީއެމް އެ ލިސްޓުގައި ހިމެނީ "އިންޑިޔާގެ ބްރޯޑްކާސްޓުކުރުމުގެ ލައިސަންސް ދިނުމާ ބެހޭ ޤަވާޢިދާ" ޚިލާފަށް އެ ޤައުމުގައި އެ ޗެނަލްތައް ދައްކާތީ ކަމަށް ވެސް ބުނާ ކަމަށެވެ.

އަދި ބުނަނީ އެ ލިސްޓު އެކުލަވާލާފައި ވަނީ އިންޑިއާގެ ޑިފެންސް މިނިސްޓްރީން ނޫން ކަމަށާއި އިންފޮމޭޝަން ޑިޕާޓްމަންޓުންކަމަށް ވެސް ބުނެފައިވާ ކަމަށެވެ. އެ ލިސްޓުގައި ޓީވީއެމްގެ ނަން ހިމެނުނު ސަބަބު އޮޅުން ފިލުވުމަށް އިންޑިއާ ހައިކޮމިޝަނުން މައުލޫމާތު ސާފުކޮށްފައި ނުވާކަން ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

އަދި ޕަބްލިކް ބުރޮޑްކާސްޓާ އާ ގުޅޭ ގޮތުން އެފަދަ ހަބަރުތައް އާންމުކުރާ އިރު ޒިންމާދާރު ކަމާ އެކު އެ ހަބަރުތައް ފެތުރުމަށް ބްރޮޑްކާސްޓިން ކޮމިޝަނުން ވަނީ މީޑިއާތަކަށް އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގެ މީޑިއާތަކުގައި އެ ހަބަރު ޝާއިއުކޮށްފައި ވަނީ "އިންޑިއަން ޓެލެވިޒަން ޑޮޓްކޮމް"ގައި ޝާއިއު ކުރި، އިންޑިއާގެ ސަލާމަތަށް ނުރައްކާވާ، ލިސްޓްގައި ޓީވީ މޯލްޑިވްސްގެ ނަން ހިމަނާފައިވާތީ ކަމަށް ރާއްޖޭގެ ބައެއް މީޑިއަމްތަކުން ބުނެ އެވެ.