30 Jun 2022, 23:39
އިނގިރޭސި ޕްރެމިއާ ލީގުގެ އެވަޓަންއަށް ކުޅޭ ބްރެޒިލްގެ އިތުބާރު ފޯވާޑް ރިޗާލިސަން ޓޮޓެންހަމްއަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެވަޓަންއިން ޓޮޓެންހަމްއަށް ރިޗާލިސަން ވިއްކާލުމަށް އެއްބަސްވެފައިވާއިރު އެ ޓީމުން ދަނީ އެއްބަސްވުމުގައި ސޮއި ކުރުމަށް ތައްޔާރުވަމުންނެވެ.
ރިޗާލިސަން ޓޮޓެންހަމްއަށް ބަދަލުވާނީ 60 މިލިއަން ޕައުންޑުގެ އަގަކަށެވެ. އެއީ 50 މިލިއަން ޕައުންޑުގެ ފީއެއްގެ އިތުރުން ޓޮޓެންހަމްއަށް އޭނާ ބަދަލުވުމުން އިތުރަށް ދޭން ހަމަޖެހިފައިވާ 10 މިލިއަން ޕައުންޑު ހިމަނައިގެން ހަދާފައިވާ އަގެކެވެ.
ރިޗާލިސަން ހޯދުމަށް ގިނަ ކުލަބުތަކަކުން ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑުން ވަނީ އޭނާއަށް ފާރަލައިފައެވެ.
އުމުރުން 25 އަހަރުގެ ރިޗާލިސަން އެވަޓަންއަށް ބަދަލުވީ 2018 ވަނަ އަހަރު ވަޓްފޯޑުންނެވެ. އަދި އެވަޓަންއަށް ބަދަލުވެ އެ ޓީމަށް ވަނީ 135 މެޗު ކުޅެދީ 43 ގޯލު ޖަހައިދީފައެވެ. އަދި ބްރެޒިލް ޤައުމީ ޓީމަށް 36 މެޗުކުޅެދީ އޭނާ ވަނީ 14 ގޯލު ޖަހައިދީފައެވެ.
ޓޮޓެންހަމް އަންނަ ސީޒަނަށް ތައްޔާރުވާއިރު އެ ޓީމުން ދާނީ އެ ޓީމު އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ބްރައިޓަންއަށް ކުޅެމުންއައި ބިސޮއޮމާ ވެސް ވަނީ އެ ޓީމަށް ގެނެސްފައެވެ.
މީގެއިތުރުން ބާސެލޯނާގެ ކްލެމެންޓް ލެންގްލެޓާއި އިންޓަ މިލާނަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް ލައުޓާރޯ މާޓިނޭޒް ހޯދުމަށް ވެސް އެ ޓީމުން ދަނީ މަސައްކަތްކުރަމުންނެވެ.