ހިލޭ ސާބަހަށް މަސައްކަތް ކުރާ ޒުވާނުންގެ އަގުވަޒަން ކުރުމުގެ ގޮތުން "ޔޫތް ނައިޓް 2011"ގެ ނަމުގައި މާފަންނު ޔޫތު ސެންޓަރުގެ ސެމިނާ ރޫމްގައި ރޭ ހަފްލާއެއް ބާއްވައިފި އެވެ.

ޔޫތު ނައިޓްއަކީ މިނިސްޓްރީ އޮފް ހިޔުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ޔޫތު ހެލްތު ކެފޭގައި ކޮންމެ އަހަރަކު ފާހަގަ ކުރަމުން އަންނަ ރެއެކެވެ.

ރޭގެ ހަފްލާގައި 2011 ވަނަ އަހަރު އެކި ގޮތްގޮތުން ޔޫތު ހެލްތު ކެފޭގައި ހިލޭ ސާބަހަށް މަސައްކަތްކޮށްފައިވާ ޒުވާނުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެފަރާތްތަކަށް ހަދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރު އޮފް ހިޔުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓް މުޙައްމަދު ޙުސައިން ޝަރީފާއި މިނިސްޓަރު އޮފް ސްޓޭޓް ފޯ ހިޔުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް މުޙައްމަދު ޣައްސާން މަޢުމޫނެވެ.

ހަދާނީ ލިޔުން ހަވާލުކޮށްދެއްވާ ނިންމެވުމަށް ފަހު މިނިސްޓަރު ދެއްކެވި ވާހަކަ ފުޅުގައި ޔޫތު ހެލްތު ކެފޭގެ މަސައްކަތަށް ތަޢުރީފް ކުރައްވާ ޝުކުރުދެއްނެވި އެވެ. އަދި ދާދި ފަހުން މިނިސްޓަރު، ސްރީލަންކާގެ މިނިސްޓަރު އޮފް ޔޫތު އެފައަސް އާއި ސްރީލަންގައި ބައްދަލު ކުރައްވައި ރާއްޖޭގެ 100 ޒުވާނުންނަށް ދެއްވާ ފުރުޞަތުގައި ޔޫތު ހެލްތު ކެފޭގައި ހިލޭސާބަހަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޒުވާނުންނަށް ފުރުޞަތު ދެއްވުމުގައި އިސްކަމެއް ދެއްވާނެ ކަމަގެ އުފާވެރި ޚަބަރު ދެއްވި އެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ޔޫތު ހެލްތު ކެފޭގެ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެ ކަމަށާއި ތަނުގެ ކުރިއެރުވުމަށް މަސައްކަތް ކުރަންވާނެކަން ވިދާޅުވި އެވެ. ހަމަ އެއާ އެކު ޔޫތު ހެލްތު ކެފޭގައި ހިލޭސާބަހަށް މަސައްކަތް ކުރައްވާ ޒުވާނުންގެ ކުރިއެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަން ވެސް ފާހަގަ ކުރެވުނެވެ.

ރޭގެ ހަފްލާ ނިމިގެން ދިޔައީ ޔޫތު ހެލްކެފޭގައި މަސައްކަތް ކުރަމުންގެންދާ ޒުވާނުންގެ މުނިފޫހި ފިލުވުމުގެ ހަރަކާތްތަކަކުންނެވެ.

މިހަފްލާގައި ކުޅިވަރާ ބެހޭ މިނިސްޓްރީންގެ ވެރީން ބައިވެރިވެވަޑައިގެންނެވި އެވެ.