30 Jun 2022, 11:24
މެޑްރިޑް (30 ޖޫން 2022): ހުޅަނގުގެ އަސްކަރީ ޖަމްއިއްޔާ ކަމަށްވާ ނޭޓޯގެ ގައުމުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ރަޝިއާ ކަމަށް އެޖަމާއަތުން ކަނޑައަޅައިފިއެވެ.
ސްޕޭންގެ ވެރިރަށް މެޑްރިޑްގައި މިހާރު ކުރިއަށްދާ ނޭޓޯގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓްގައި އެޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓަންބާގް ވިދާޅުވީ ރަޝިއާއަކީ ނޭޓޯގެ ގައުމުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާކަމަށް ނޭޓޯގެ ލީޑަރުން ނިންމައި އެކަން ރަސްމީ ސިފައެއްގައި ކަނޑައަޅާފައިވާކަމުގައެވެ.
ސްޓޮލްޓަންބާގް ވިދާޅުވި ގޮތުގައި ނޭޓޯއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ބިރަކީ އަދި ނުރައްކަލަކީ ވެސް ރަޝިއާ ކަމަށް ކަނޑައަޅާފައިވަނީ ވަރަށް ގިނަ ސަބަބުތަކެއް ހުރުމުން އެކަން ދިރާސާކޮށްފައެވެ.
ނޭޓޯއަށް ކުރިމަތިވެފައިވާ ބިރުތަކާއި ނުރައްކާތައް ޓެކްނޮލޮޖީގެ ގޮތުންނާއި އަސްކަރީގޮތުންނާ އަދި ސިޔާސީ ގޮތުން ދިރާސާ ކުރުމަށްފަހު ނޭޓޯއަށް ކުރިމަތިވެފައިވާ އެންމެބޮޑު ނުރައްކަލަކީ ރަޝިއާ ކަމަށް ނޭޓޯގެ އައު ސްޓްރެޓީޖިކް ކޮންސެޕްޓްގައި މިހާރު ހިމަނާފައިވާކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ.

ނޭޓޯގެ އިސްވެރިން
މެޑްރިޑްގެ ސަމިޓްގައި ނޭޓޯއިންވަނީ އެޖަމްއިއްޔާގެ މެންބަރު ގައުމުތަކުގެ އިތުރުން އެމެރިކާގެ "އޯބިޓްގައި" އެނބުރޭ ޖަޕާން އާއި އޮސްޓްރޭލިއާ ފަދަ ގައުމުތައްވެސް ބައިވެރިކޮށްފައެވެ. އޮސްޓްރޭލިޔާއަކީ ނޭޓޯގެ ގައުމުތަކާ ވަރަށް ދުރުގައި އޮންނަ ގައުމަކަށް ވިޔަސް އޮސްޓްރޭލިއާއަކީ ދެކުނު ޕެސިފިކާއި އިންޑިޔާ ކަނޑުގެ ސަރަހައްދުގައި ހުޅަނގުގެ މަސްލަހަތުތައް ރައްކާތެރިކޮށްދީ ހުޅަނގުގެ ފުލުހެއްގެ ދައުރު އަދާކުރާ ގައުމެކެވެ. އޮސްޓްރޭލިއާގައި އެމެރިކާގެ އަސްކަރީ ބޭސްތައް އޮވެއެވެ.
ޖަޕާނަކީ ދެވަނަ ބޮޑު ހަނގުރާމައިގާ އެމެރިކާއިން ޖަޕާން ބަލިކުރުމަށްފަހު އެމެރިކާއާއި ހުޅަނގު ބޭނުންވާގޮތަށް ސިޔާސަތުތައް ބަދަލުކޮށްފައިވާ އަދި އެމެރިކާގެ "ވަށައިގެން އެނބުރޭ" ގައުމެކެވެ. ޖަޕާންގައި އެމެރިކާގެ 40 ހާސް ސިފައިން ބަރުހަތިޔާރާއެކު ތިބެއެވެ. އަދި ޖަޕާނުގައި އެމެރިކާގެ އަސްކަރީ ބޭސްތައް އޮވެއެވެ.
މެޑްރިޑްގައި ކުރިޔަށްދާ ނޭޓޯގެ ސަމިޓްގައި އެޖަމާއަތަށް އަލަށް ވަނުމަށް އެދިފައިވާ އުތުރު ޔޫރަޕްގެ ސްކެންޑެނޭވިއާގެ ދެގައުމު ކަމަށްވާ ފިންލޭންޑާއި ސްވިޑްން ވެސް ބައިވެރިކޮށްފައިވެއެވެ. މީގެތެރެއިން ފިންލެންޑަކީ ރަޝިއާއާ ސަރަހައްދީ ރޮނގުގެ ގޮތުން ގުޅިފައިވާ ގައުމެކެވެ.
މެޑްރިޑްގެ ސަމިޓްގައި ތުރުކީންވަނީ ފިންލޭންޑާއި ސްވިޑްން ނޭޓޯގައި ބައިވެރިކުރުމަށް ހަދަމުން ގެންދިޔަ ދެކޮޅު ހެދުންތައް ދޫކޮށްލައި އެދެގައުމަށް ނޭޓޯގެ މެންބަރުކަން ދިނުމަށް އެއްބަސްވެފައެވެ. ތުރުކީ މިކަމަށް އެއްބަސްވީ ފިންލޭންޑާއި ސްވިޑްންއިން ތުރުކީއާއެކު ކުރި ދިގު މަޝްވަރާ ތަކެއްގައި ތުރުކީ ކަންބޮޑުވި ސަލާމަތީ ކަންތައް ރައްކާތެރިކޮށްދޭނެކަމުގެ ޔަގީންކަން ލިޔުމުން އެދެގައުމު ތުރުކީއަށް ދިނުމުންނެވެ.
ނޭޓޯގެ ސަމިޓް ކުރިޔަށްދާ މިދަނޑިވަޅުގައި ރަޝިއާއިންވަނީ ނޭޓޯއިން ސްވިޑްންއާއި ފިންލެންޑްގައި އަސްކަރީ އިންފްރާސްޓްރަކްޗާ ބިނާކޮށް ނޭޓޯއިން ބަރުހަތިޔާރު ރުކުރުވާލާނަމަ އެކަމަށް ރައްދުދެވޭ ވަރުގެ އިތުރު ކަންތައްތަކެއް ރަޝިއާއިން ކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް ރަޝިއާއިން ކުރާނެކަންކަމުގެ ތަފްސީލު އެގައުމުން ހާމައެއް ނުކުރެއެވެ.
ރަޝިއާއިން ދޭނެ ރައްދަކީ ފިންލެންޑާއި ރަޝިއާ ގުޅިފައިވާ ސަރަހައްދީ ރޮނގުގައި ނިއުކްލިޔާ މިސައިލް ރުކުރުވާލުން ކަމަށް ވުމަކީ އެކަށީގެންވާ ކަމެއްކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. ރަޝިއާގެ ނިއުކްލިޔާ ހަތިޔާރުގެ ގާބިލްކަން ނޭޓޯގެ ހުރިހާ ގައުމަކަށްވުރެވެސް ބޮޑެވެ.
ރަޝިއާއިންވަނީ ނޭޓޯއަކީ އެމެރިކާގެ ގޮނޑިކޮއްކޮ ޖަމާއަތެއްކަމަށް ސިފަކޮށްފައެވެ. އަދި އެމެރިކާއިން ނޭޓޯ ބޭނުންކުރަނީ އެމެރިކާއާ ވާދަވެރި ގައުމުތަކާއެކު ފިނި ހަނގުރާމައަކަށް ދިޔުމަށްޓަކައި ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށްވެސް ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިންވަނީ ސިފަކުރައްވާފައެވެ.