އަހަރެން އިނީ އެތަނުން ނުދެވިފައެވެ. ފުރުސަތުގެ ބޭނުން ހިފައި ތެދުވީމެވެ. ޔާނިޝްވެސް ދެކޮޅުހެދުމެއްނެތި ތެދުވިއެވެ. އޭނާ މިސްރާބުޖެހީ، ގެއިން ބޭރަށެވެ. އަހަރެންވެސް ޔާނިޝްގެ ފަހަތުން ބޭރަށް ނުކުތީމެވެ.

"އަހަރެން ބޭނުމެއް ނޫން މި ކައިވެނި ކުރާކަށް..." އިތުރު ވާހަކައެއް ދެއްކުމަށް މަގުފަހިކުރަން ބޭނުންނުވާތީ، އަހަރެން ވާހަކަ ފެށީ ސީދާ އަހަރެން ބޭނުންވި މައުޟޫޢު އިންނެވެ.

********

ޔާނިޝް އެއްޗެއް ނުބުންޏެވެ. ދެ ޖީބަށް އަތްޖަހާލައިގެން އޭނާ ހުރީ، ދުރަށް ނަޒަރު ހުއްޓާލައިގެންނެވެ. އަހަރެން އެހެން ބުނާނޭކަން އޭނާއަށް މާކުރިންވެސް އެނގޭ ކަހަލައެވެ.

"އަހަރެން ބޭނުމެއް ނޫނޭ މި ކައިވެނި ކުރާކަށް..." އަހަރެން ހިތްހަމަނުޖެހުނު ވަރުން ކުރި ބުނި ޖުމުލަ ތަކުރާރުކޮށްލީމެވެ. "އަޑެއް ނީވޭތަ؟..."

ޔާނިޝް ވަށައިގެން ނަޒަރު ހިންގައިލިއެވެ. މަގުމަތިން ހިނގާ މީހުންނާއިމެދު އަހަންނަށް ވިސްނައިލެވުނީ ދެނެވެ.

"މިތާ ތިބެގެންތަ ވާހަކަ ދައްކާނީ؟..." ޔާނިޝް ސުވާލު ކުރިއެވެ.

"އަހަރެން ބޭނުމެއް ނޫން މިހާރު ސައިކަލު ފަހަތަށް އަރާކަށް..." އަހަރެންގެ ޖަވާބު އިއްވީމެވެ.

ޔާނިޝް ވަގުތުން ޓެކްސީއެއް ހުއްޓުވިއެވެ. ކާރު އައިސް ކައިރިކޮށްލުމުން، ކާރުގެ ފަހަތު ޝީޓުގެ ދޮރު ހުޅުވާލަދީފައި ގޮސް ކުރިއަށް އެރިއެވެ. ދެފިކުރެއްގައި ހުރެފައި ކާރަށް އެރީމެވެ. ކާރު ހުއްޓީ، ރެސްޓޯރެންޓެއްގެ ކުރިމައްޗަށެވެ. ޔާނިޝް ފައިބައިގެން އައިސް އަހަރެން ނުކުތުމަށް ދޮރު ހުޅުވާލަދިނެވެ. އަންހެން ކުއްޖަކު އެންމެ ބޭނުންވާނޭފަދަ ސިފަތަކެއް ޔާނިޝްގެ ފަރާތުން ފެންނަމުން ދިޔައެވެ. އެންމެ ކުދި ކަންތަކުން ފެށިގެން ބޮޑެތި ކަންތައްވެސް އޭނާ ކޮށްދެމުން ދިޔައީ، ނުހަނު ފުރިހަމަކަމާއި އެކުގައެވެ. އެއީ ދެއްކުންތެރިކަން ހެއްޔެވެ؟ ނޫނީ ހަގީގަތުގައިވެސް ޔާނިޝްއަކީ އޯގާތެރި، އަޅާލާ މީހެއް ހެއްޔެވެ؟

"ކޮންމެ ގޮތަކަށް ކަންތައް ކޮށްދިނަސް އަހަރެންގެ ހިތް ޔާނިޝްއަކަށް ނުދެވޭނެ... ނިންމުން ބަދަލެއްވެސް ނުވާނެ..." އަހަރެން ހިތާއިހިތުން ބުނެލީމެވެ.

ރެސްޓޯރެންޓްގެ ތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު އަހަރެންގެ ކަންފަތުގައި އައިސް ގުގުމައިލީ ލުއި މިޔުޒިކެއްގެ އަޑެވެ. އެއާއިއެކު ނޭފަތުގައި ހަރުލި ލެވެންޑަރ އެއާފްރެޝްނަރގެ މީރު ވަހުން އަހަރެންގެ ރުޅި ފިނިވި ކަހަލައެވެ. ތަން ފެންނަން އޮތީ، ޓީވީއިން އަހަންނަށް ފެންނަ ޝާހީ ރެސްޓޯރެންޓްތަކާއި މުޅީން ތަފާތުކޮށެވެ. އަހަންނަށް އަބަދުވެސް އެންމެ ކަމުދަނީ ގުދުރަތީ ރީތިކަމެވެ. ޔާނިޝްއަށް އެކަން އެނގިގެން އަހަރެން އެ މަންޒިލަށް ގެނައި ކަހަލައެވެ. ތަނުން ފެންނަމުން ދިޔައީ ގުދުރަތީ ރީތި މަންޒަރުތަކެވެ. ލަކުޑި ތަނބުތަކުގެ ވަށައިގެން ބަހައްޓާފައިވާ ބޮޑެތި ގަސްޕޮޓުތަކުން ތަން ފެންނަނީ ފެހިކޮށެވެ. ތަނބުތަކުގެ ވަށައިގެން އަރާފައިވާ ގުދުރަތީ ރީތި ވެޔޮގަނޑުން އިތުރު ފުރިހަމަ ކަމެއް ތަނަށް ގެނެސްދީފައި ވިއެވެ. ދުރުދުރުގައި ބަހައްޓާފައިވާ ވަށް މޭޒުތަކުގެ މަތީގައިވެސް ކުދި ގަސްޕޮޓު ބަހައްޓާފައި ހުއްޓެވެ. ތަނުގެ ސީލިންގްގެ ބަދަލުގައި މަތިން ތިރިއަށް ވާހެން އެލުވާލާފައި އޮތީ ފެހިކަންގަދަ ވެޔޮތަކެކެވެ. ބައެއް ހިސާބުތަކުން ގައިގައި ޖެހޭ ވަރަށްވެސް ވެޔޮތައް ތިރިއަށް އެލިފައި އޮތެވެ. ފާރުތަކުގައި ހަރުކޮށްފައިވާ ތަސްވީރުތައް ހަދާފައި ހުރީ ގަހުގެ މޫ ބޭނުންކޮށްގެންނެވެ.

ތަނުގައި މީހުން މަދެވެ. މޭޒުތައް ޖަހާފައި ހުރީ، ދުރުދުރުގައެވެ. ތަނަވަސް ބޮޑު ތަނެކެވެ. އެއީ އަހަރެން ބޭނުންވާގޮތަށް ޔާނިޝް އާއި ވާހަކަ ދެއްކިދާނެފަދަ މަންޒިލެކެވެ. ހިނގަމުން ދިޔައިރު، ޔާނިޝް ދިޔައީ އޭނާގެ އަތުން ވެޔޮތައް އެއްފަރާތްކޮށްލަމުންނެވެ. އަހަރެންގެ ބޯ ޖެހޭނެހެން ހީވާ ވެޔޮކޮޅުތައްވެސް އެއްފަރާތްކޮށްލަދިނެވެ. ތަނުގެ ފުރިހަމަކަމުން ޔާނިޝްދެކެ އައިސްފައިވާ ރުޅީގެ މަތިން ހަނދާން ނެތުނެވެ.

"ދައްތާ!..." އިނގިރޭސިބަހުން ކުޑަ ކުއްޖަކު ގޮވައިލިއެވެ.

އަހަރެން ހޯދައިލިއިރު، އެކުއްޖާ ހުރީ އަހަރެންގެ ކައިރީގައެވެ. ހަތަރު ވަރަކަށް އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ. ބޭރު ގައުމެއްގެ ކުއްޖެކެވެ. ލޯބިކަމުން ކޮލުގައި ކޮއްޓާ ނުލައި އަހަރެންގެ ހިތެއް ހަމައެއް ނުޖެހުނެވެ. އަހަރެން ހިނިތުންވެލުމުން އެކުއްޖާ އަހަރެންގެ އަތުގައި ހިފައިގެން ދަމަން ފެށިއެވެ. އެކުއްޖާގެ މަންމަމެން ކޮބައިތޯ ސުވާލުކޮށްލީމެވެ. ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގެ ކައިރީގައި ބޭރު ގައުމެއްގެ ދެމަފިރިއަކު ތިއްބެވެ. އެ ކުއްޖާ އިޝާރާތްކުރީ އެ ދިމާއަށެވެ. އަހަރެން ބަލައިލިތަން ފެނުމުން އެމީހުން އަތުން ހަނާ އަޅައިލިއެވެ.

"އެލީޝީ..." ޔާނިޝް އެކުއްޖާ އުރައިލިއެވެ. "ކޮން އިރަކު އައީ؟..."

ޔާނިޝް ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ. އެ ދެމަފިރިން ވީ ޔާނިޝް ދަންނަ ބަޔަކަށެވެ.

"ވަން މިނެޓް..." ޔާނިޝް އަހަންނާއި ދިމާއަށް އެނބުރިފައި ބުނެލިއެވެ.

އެ ކުއްޖާ ގޮވައިގެން ޔާނިޝް އެ ދެމަފިރިންގެ ކައިރިއަށް ދިޔައެވެ. އެމީހުން ކޮންމެވެސް ވާހަކަތަކެއް ދެއްކިއެވެ. އަހަރެންގެ ވާހަކަ ދެއްކިހެން ހީވީ، އެންމެން އެއްފަހަރާ އަހަންނާއި ދިމާއަށް ބަލައިލިތަން ފެނުމުންނެވެ. އަހަރެން އަވަސް އަވަހަށް ގޮސް، ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގެ ކައިރީގައި އިށީނދެލީމެވެ. ޔާނިޝް އިނީ ކުޑަ ކުއްޖާ އުނގުގައި ބައިންދާލައިގެންނެވެ. ލޯބިން އެކުއްޖާ އާއި ސަމާސާ ކުރަމުން ދިޔައިރު، ކުރިންވެސް ދެކެފަރިތަ ބަޔަކާއި ވައްތަރެވެ. އެ މަންޒަރު ފުރިހަމަކަމުން އަހަރެންގެ ނަޒަރު އެ ނޫން ދިމާއަކަށް ނުހުއްޓުނެވެ. ޔާނިޝް އަންނަތަން ފެނުމުން، މޭޒުމަތީގައި އޮތް މެނޫ ނަގައިގެން، އެ ބަލާކަމަށް ހެދުނީމެވެ.

"ސޮރީ... ލަސްވިތަ؟..." ޔާނިޝް އައިސް އިށީނީ ސީދާ އަހަރެންގެ ކުރިމަތީގައެވެ.

އަހަރެން ޖަވާބެއް ނުދެމެވެ. މެނޫއިން ނަޒަރު ވަކިވެސް ކޮށްނުލަމެވެ. ހުދު ހެދުމުގައި ހުރި ވޭޓަރަކު އައެވެ. ފެންފުޅި ކަނޑައިދީފައި ތައްޓަށް އަޅައިވެސް ދިނެވެ. ކާއެއްޗެއްސަށް އޯޑަރު ދިނީ ޔާނިޝް އެކަންޏެވެ. ބަނޑުހައިވެފައި އިން ނަމަވެސް، އަހަރެން އިނީ އެއްޗެއް ކާ ކަހަލަ މޫޑެއްގައެއް ނޫނެވެ.

"އަހަންނަށް އެނގޭ، ރުއާ އަހަންނާ ކައިވެނި ކުރަން ބޭނުން ނުވާނެކަން..." ޔާނިޝް ވާހަކަ ދައްކަން ފެށީ ވޭޓަރު ދިޔުމުންނެވެ. "އެކަމަކު، ރުއާއަށް އިތުރު ގޮތެއް އެބައޮތްތަ؟..."

"ކީކޭ ބުނަން ތިއުޅެނީ؟..." އަހަރެންގެ ރުޅިގަނޑު ފަޅައިގެން ގޮސް، މުޅި މީހާ ތުރުތުރުއަޅާގޮތް ވިއެވެ.

"ރުއާގެ މަންމަމެންނާ ދެކޮޅަށް ނުކުންނާނެ ހިތްވަރު ރުއާގެ ގައިގަ އެބަހުރިހޭ މި އަހަނީ..." ޔާނިޝް ބުނެލިއެވެ.

ހިމޭންވާން އަހަންނަށް މަޖުބޫރު ވިއެވެ. ބުނާނެ އެއްޗެއް ނޭނގުނެވެ. ޔާނިޝް ބުނިހެން އަހަރެންގެ ގައިގައި މައިންބަފައިންނާއި ދެކޮޅަށް ނުކުންނާނެ ހިތްވަރެއް ނެތެވެ. މަންމަމެން އަހަންނަށް ދީފައިވާ ތަރުބިއްޔަތަކީ، އަގުހުރި އެއްޗެކެވެ. އެ ވެއްޔާއި މޮޑެލާނީ ކިހިނަކުން ހެއްޔެވެ؟ އެހެންނޫނަސް، މައިންބަފައިންނާއި ދެކޮޅުވެގެން އަހަރެން ދާނީ ވަކި ކޮންތާކަށް ހެއްޔެވެ؟ އަހަރެން ހިތްއެދޭ ބައިވެރިއަކީ މިރާންއެވެ. އެކަމަކު، މިރާން އަހަރެންދެކެ ލޯބިވޭ ހެއްޔެވެ؟ އެއީ ކޮން ތަނެއްގެ ކާކު ކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. އަހަރެން މަންމަމެންނާއި ދެކޮޅުވެގެން މިރާންގެ ކައިރިއަށް ގޮސްފިނަމަ، އޭނާ އަހަރެން ބަލައިގަންނާނެ ކަމެއްވެސް ނޭނގެއެވެ.

"މަންމަމެން ކައިރީ ބުނޭ މި ކައިވެންޏެއް ނުކުރާނަމޭ..." އަމުރުވެރި ރާގަކަށް ބުނެލީމެވެ.

"އެންމެ ރަނގަޅު... އެންމެ ފުރަތަމަ ރުއާ ބުނޭ... ރުއާ ބުނޭ، ރުއާގެ މަންމަމެން ކައިރީ މި ކައިވެނި ކުރާކަށް ބޭނުމެއް ނޫނޭ... އޭރުން އަހަރެންވެސް ބުނާނަން..." ޔާނިޝް ބުންޏެވެ.

އަހަރެންގެ ހިތް ޔާނިޝްއަށް ސާފުވާގޮތެއް ނުވިއެވެ. ވާނީވެސް ކިހިނެތް ހެއްޔެވެ؟ ޔާނިޝް ހީވަނީ، އަހަންނަށް ޖެއްސުން ކުރާ ހެންނެވެ. އޭނާ ގަސްދުގައި އަހަންނަށް ލަނޑުދެނީއޭ ހިތް ބުންޏެވެ. މަންމަމެންނާއި ދެކޮޅު ހަދަން އަހަންނަށް ނުކެރޭނެކަން ޔާނިޝްއަށް ރަނގަޅަށް އެނގޭނެއެވެ.

ކެއުން ނިމުނީ ވަކި ގޮތަކަށް ނުނިމި އުޅެނިކޮށެވެ. ޔާނިޝް ކައި ނިމެންދެންވެސް އަހަރެން އިނީ ވިސްނާށެވެ. ބޯޅަ އޮތީ އަހަރެންގެ ކޮޅުގައެވެ. ނެތީ ޖަހާނެ ހިތްވަރެވެ. ޔާނިޝް އިނީ ހަމަޖެހިފައެވެ.

އަހަރެން ގެއަށް އައީ އައު އަޒުމަކައިގެންނެވެ. މަންމަގެ ކައިރީގައި ކައިވެންޏަށް ދެކޮޅު ހަދަން ނިންމައިގެންނެވެ. މަންމަ ނުރުހިއްޖެއްޔާ ބައްޕަގެ ކައިރީގައި ވިޔަސް ބުނަން ނިންމީމެވެ.

އަހަރެން އައިއިރު، މަންމަ އިނީ އިންތިޒާރުގައެވެ. އަހަރެން ނާންނާތީ ނުނިދިފައި ކަމަށް ބުންޏެވެ.

"އަވަހަށް ދޭ ނިދަން ދެން..." މަންމަ ތެދުވެގެން ގޮސް ގެ ތަޅުލިއެވެ. އެއަށްފަހު، ކޮޓަރި އާއި ދިމާއަށް ހިނގައިގަތެވެ.

އަހަންނަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުލިބުނެވެ. މާދަމާ އެންމެ ފުރަތަމަ ކަމަކަށް އެ ވާހަކަ ދެއްކުމަށް ނިންމައިގެން އަހަރެން ކޮޓަރިއަށް ވަނީމެވެ. އެނދުމަތީގައި ކޮތަޅެއް އޮތެވެ. އޭގައި އޮތީ، ދެއަތާއި ދެފައިގެ ރަން ކެވެލީގެ އިތުރުން، ރަން ފަށެކެވެ. ކާކު ދިން އެއްޗެއް ކަން އެނގޭތީ، އެ އިންގޮތަށް ލީ އަލަމާރިއަށެވެ.

ފަތިސް ނަމާދުކޮށްލައިގެން އަހަރެން ދިޔައީ ޓެރެސްއަށެވެ. ގޭގެ ހަތަރު ފާރުން އެތެރޭގައި އަހަރެން ފިއްތައިލަފާނޭހެން ހީވާތީއެވެ. އަރާމު ވައިކޮޅެއް ނަފުސަށް ބޭނުންވިއެވެ. މުޅި ތަން ހީވަނީ ގަނޑުވެފައި އޮތް ހެންނެވެ. ފިނިކަމުން މުޅި ހަށިގަނޑު ރޫރޫއަޅައިގަތެވެ. އެވަރުންވެސް އިރުއަރާ މަންޒަރު ބަލާފައި ނޫނީ ދާކަށް ބޭނުމެއް ނުވިއެވެ. ހަމަހިމޭން އެ ވަގުތުގައި، ޓެރެސް ފެންނަން އޮތީ ހުވަފެނީ ގޮތަކަށެވެ. ވަށައިގެން ބަހައްޓާފައިވާ ޕޮޓުތަކުގައި ހައްދާފައިވާ މާގަސްތަކުގައި އެކި ކުލަކުލައިގެ މާ އަޅާފައި ހުއްޓެވެ. ބައެއް މާތައް މޯޅިވެ ތިރިއަށް އެލިފައި ވިއެވެ. އެ މާތައް ފެނުމުން، އަހަންނަށް ސިފަވީ އަމިއްލަ ނަފުސެވެ. ކިތަންމެ ރީތި ޕޮޓެއްގައި، ވަރުގަދަ ގަހެއްގައި އަޅާފައިވެސް، އެ މޯޅިވީއެވެ. ޓެރެސްގައި ދިއްލާފައިވާ ބޮކި ނިވާލުމުން، ތަނަށް ވެރިވެފައި އޮތީ، ފަނޑު އަލިކަމެކެވެ.

ޖޯލީގައި އޮށޯވެލުމާއިއެކު ނިދި އަންނަގޮތް ވިއެވެ. ދެލޯ މަރާލައިގެން އޮވެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގުނެވެ. ހޭލެވުނީ މުޅި ހަށިގަނޑު ފިއްސަމުންދިޔަ ކަހަލަ އިހުސާސެއް ކުރެވުމުންނެވެ. އަހަންނަށް ނިދުނީއެވެ. ހޭލެވުނުއިރު ހުރީ، ހަތެއްޖަހާ ބޮޑުވެފައެވެ. އަހަރެން ތިރިއަށް ދިޔައިރު، ބައްޕަ އިނީ ޓީވީ އަޅުވައިގެންނެވެ.

"ދަރިފުޅު އައިސްބަލަ..." ބައްޕަ ގޮވައިލުމުން އަހަރެން ގޮސް ސޯފާގައި އިށީނީމެވެ.

"ކީކޭތޯ؟..." އަހަރެން އިނީ ކުޑަކޮށް ޖެހިލުންވެފައެވެ.

"ދަރިފުޅު ކަމަކާ ވިސްނަނީތަ؟..." ބައްޕަގެ މޫނުން ފެނުނީ ނުތަނަވަސްކަމެވެ.

"ކިހިނެއްތޯވީ؟..." އަހަރެން ހައިރާންވިއެވެ.

"ދަރިފުޅު ވަރަށް ހިކޭހެން ބައްޕައަށް ހީވަނީ... ބުނެބަލަ، ދަރިފުޅު ކަމަކާ ވިސްނަނީތަ؟..." ބައްޕަ ތަކުރާރުކޮށް ސުވާލުކުރިއެވެ.

ހިތަށް އެރިއެވެ. ކައިވެންޏާއި ދެކޮޅުހަދަން މިއީ ލިބުނު ރަނުގެ ފުރުސަތެކެވެ. އަހަންނާއިމެދު ބައްޕަ ވިސްނާނަމަ، އަހަރެންގެ ކައިވެނި ހުއްޓުވާނެއެވެ. އަހަރެން ދުވަހަކުވެސް ބައްޕަގެ ކައިރީގައި ކަމަކު ނޭދެމެވެ. ފުރަތަމަ ފަހަރަށް ކަމަކު ކިޔުމުން، ބައްޕަ އެކަން ކޮށްދޭނެއޭ ހިތް ބުންޏެވެ.

"ބައްޕާ!..." އަހަރެން އެއްޗެއް ބުނަން އުޅެފައި މަންމަ އައުމުން ހުއްޓައިލީމެވެ.

"މީހަކާ އިނީމައޭ ދެން ރަނގަޅުވާނީ... ދޯ ދަރިފުޅު..." މަންމަ އިނީ ވަރަށް ހިނިއައިސްފައެވެ. "މަންމަވެސް ފަލަވީ ދަރިފުޅުގެ ބައްޕައާ އިންފަހުން... ކުރިން މަންމަ ހުންނާނީ ހަމަ ދަރިފުޅު ތި ހުންނަހެން ހިކިކޮށް..."

އަހަރެންގެ ތަބީއަތު ހަރާބުވިއެވެ. ދެލޮލަށް ކަރުނަ ޖަމާވުމުން، އިސްޖަހައިލީމެވެ. މަންމައަށް އަހަރެންގެ ވިސްނުން އެއްވެސް ވަރަކަށް މުހިއްމު ނުވަނީބާއޭ ހިތަށް އެރިއެވެ. މަންމަ އެދުނު ހުރިހާ ކަމެއް ކުރުމުގެ އަދަބަކީ އަހަންނަށް އެއްވެސް އުފާވެރިކަމެއް ނުލިބުންބާއޭ ހިތަށް އެރިއެވެ. މަންމަގެ ވާހަކައިގައި ބައިވެރިވެލުމުގެ ގޮތުން ބައްޕަވެސް ހީލި އަޑު އިވުނެވެ. އެކަންވީ އަހަރެންގެ ހިތަށް އިތުރު މާޔޫސްކަމެއް ލިބުނު ކަމަކަށެވެ.

"ދަރިފުޅު އެއްޗެއް ބުނަން އުޅުނިންތަ؟..." ބައްޕަ ސުވާލުކުރިއެވެ.

އިތުރަށް ދައްކަން އޮންނާނީ ކޮން ވާހަކައެއް ހެއްޔެވެ؟ އަހަރެން ކޮންމެ އެއްޗެއް ބުންޏަސް، ކަންވެ ނިމޭނީ މަންމަމެން ބޭނުންވާ ގޮތަށެވެ. އެކަން އަހަންނަށް ޔަގީނެވެ. އަހަންނަށް އޮތީ ދެގޮތެވެ. ހިތް ހުޅުވައިލުމެވެ. އޭގެ ފަހުގައި ކޮންމެ ގޮތަކަށް ކަންތައް ވާން ދޫކޮށްލުމެވެ. ނޫނީ، ހިތުގެ ހާލު ވަންހަނާ ކޮށްގެން ހުރެ، އަމިއްލަ ނަފުސު ގުރުބާން ކުރުމެވެ.

"ދަރިފުޅާ!... ބައްޕަ މިއަހަނީ، ދަރިފުޅު އެއްޗެއް ބުނަން އުޅުނިންހޭ؟..." ބައްޕަ ދެވަނަ ފަހަރަށް ސުވާލުކޮށްލިއެވެ.

(ނުނިމޭ)