25 Mar 2012, 21:17
"ޔުނިޓީ ތްރޫ ފުޓްސަލް"ގެ ނަމުގައި ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ހަތް ފުޓްސަލް ދަނޑެއް އެޅުމަށް ކުޅިވަރާ ބެހޭ މިނިސްޓްރީން ނިންމައިފި އެވެ.
ޒުވާނުން ކުޅިވަރަށް އަހްލުވެރިކުރުމަށާއި ދުޅަހެޔޮ ދިރިއުޅުމުގެ ހުނަރުތައް ޒުވާނުންގެ ތެރޭ އަށަގެންނެވުމުގެ ގޮތުން މާލެ އާއި ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކުގައި ފުޓްސަލް ހަތް ދަނޑު އެޅުމަށް ސަރުކާރުން ނިންމީ މިއަދު ހެދުނު ނަސަންދުރަ ޕެލަސް ހޮޓަލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ މިނިސްޓްރީގެ އިތުރުން ސަރުކާރުގެ މިނިވަން މުއައްސަސާތަކާއި ރައްޔިތުން ހިއްސާވާ ބައެއް ކުންފުނިތައް ވަނީ ބައިވެރިވެ، އެކަން ކުރުމަށް ސަރުކާރާ އެކު އެއްބަސްވުމެއްގައި ސޮއި ކުރައްވައިފަ އެވެ.
ހަތް ފުޓްސަލް ދަނޑުއެޅުމަށް ކުޅިވަރާ ބެހޭ މިނިސްޓްރީއާ އެކު މިއަދު ސޮއި ކުރި ފަރާތްތަކަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަނާއި މޯލްޑިވް ނޭޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ( އެފްއޭއެމް) އެވެ.
މިއަދުގެ މިއެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީ އެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ސިޔާމް އެވެ. ފޮލިހުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ފޮލިސް އަބްދުﷲ ރިޔާޒެވެ. އަދި އެފްއޭއެމްގެ ފަރާތުން އެ އިދާރާގެ ރައީސް އަލީ އާޒިމް ސޮއި ކުރެއްވި އިރު، ކުޅިވަރާ ބެހޭ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފެވެ.
ކުޅިވަރާ ބެހޭ މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މާލެ އާއި ރާއްޖެ ތެރޭގައި އެޅުމަށް ނިންމި ހަތް ފުޓްސަލް ދަނޑުތަކުގެ ތެރެއިން ހުޅުމާލޭގައި ދެ ދަނޑެއް އެލުމަށް ނިންމާފައިވާ އިރު، ދެން ހުރި ދަނޑުތައް އެޅުމަށް ނިންމާފައި ވަނީ ވިލެމާލެއާއި އައްޑޫ ސިޓީއާއި ނ. ކެނދިކުޅުދޫ އަދި އދ. މަހިބަދޫގަ އެވެ.
ކުޅިވަރާ ބެހޭ މިނިސްޓރީން ފޯރުކޮށްދޭ ބިންތަކުގައި 10 އަހަރުގެ މުއްދަތަކަށް "އެކްސްކްލޫސިވް އެޑްވަޓައިޒިން ރައިޓްސް"ގެ ބައްދަލުވުމުގައި އެސްޓީއޯ އިން ދެއްވާ ތަކެތީގައި އަޅާ މި ފުޓްސަލް ދަނޑުތައް ބިނާ ކުރުމުގެ އަމަލީ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ އެމްއެންޑީއެފްގެ އިންޖީނިއަރިންގެ ބޭފުޅުންނާއި ޕޮލިހުންގެ ބޭފުޅުންނާ އެކު ކަމަށް ވެސް ކުޅިވަރާ ބެހޭ މިނިސްޓްރީން މައުލޫމާތުދެ އެވެ. އަދި އެކަމުގެ ފަންނީ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކީ އެފްއޭއެމް ކަމުގައިވީ އިރު، މިދަނޑުތަކުގެ މަސައްކަތް އަންނަ މޭ މަހުގެ އެއް ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށް ކުޅިވަރާ ބެހޭ މިނިސްޓަރީ ވަނީ ބުނެފަ އެވެ.