ލޮނުޒިޔާރަތްކޮޅު ސަރަހައްދު އެމްޑީޕީން ބޭނުންކޮށްފައި ވަނީ ސިޓީކައުންސިލުން ދީފައިވާ ހުއްދައިގެ ހުދޫދުން ބޭރުންކަމަށް ދައުލަތުން ބުނެފި އެވެ.

ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި އެމްޑީޕީން ޖަހާފައިވާ ޓެންޓްތައް ރޫޅާލާއި އެ ސަރަހައްދުގައިވާ ތަކެތި ފުލުހުން ގެންދިޔަ މައްސަލައިގައި އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މިއަދު އޮތީ އެމްޑީޕީން ހުށަހެޅި ބަޔާނަށް ދައުލަތުން ރައްދު ދިނުމެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ބަންޑާރަ ނައިބު އޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ ސިޓީ ކައުންސިލުން އެ ސަރަހައްދު އެމްޑީޕީއަށް ދޫކޮށްފައި ވަނީ ވަކި ޝަރުތަކެއް ކުރުމަށް ފަހު ކަމަށެވެ. އެ ޝަރުތުތަކަކީ މީހުންނަށް އުނދަގޫ ނުވާނެ ފަދަ ގޮތަކަށް އުޅުމާއި ގާނޫނާއި ޚިލާފު ނުވުމަށާއި މަގު ހުރަސްކޮށް ކަރަންޓް ނުނެގުމުގެ އިތުރުން ނަމާދު ވަގުތަށް 20 މިނެޓް ވަންދެން ހަރަކާތްތައް މެދު ކެނޑުން ކަމަށް އޭނާ ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ ސިޓީ ކައުންސިލުން އެގޮތަށް ޝަރުތު ކުރި ނަމަވެސް އެމްޑީޕީން ސިޓީ ކައުންސިލުން ދީފައިވާ ހުއްދައިގެ ހުދޫން ބޭރުވެ ގާނޫނާއި ޚިލާފަށް ކަންތައްތައް ކޮށްފައިވާ ކަމަށެވެ.

އެކަން ސާބިތުކުރުމަށް ދައުލަތުން ވަނީ ވީޑިއޯ އެވިޑެންސްތަކެއް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލުހުން ލޮނުޒިޔާރަތްކޮޅު ސަރަހައްދު ފާސްކުރި އިރު ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯ ހިމެނޭ ސީޑީ އަކާއި އެ ސަރަހައްދުގައި ތިބެ ކުށްކުރުމާއި ފިތުނައަށް ގޮވާލާފައިވާ ވީޑިއޯ ހިމެނޭ ސީޑީއެއްގެ އިތުރުން ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ދައްކާފައިވާ ވާހަކަތަކާއި، ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ދައްކާފައިވާ ވާހަކަތައް ހިމެނޭ ސީޑީތަކެކެވެ. އަދި މއ. ބޯގަންވިލާ، އިބްރާހިމް އިސްމާއިލް އެ ސަރަހައްދުގައި އިޖުތިމާއީ ގޮތުން ދަށް ފެންވަރުގެ ވާހަކަތަކެއް ދައްކާފައިވާ ވީޑިއޯ ސީޑީއެއް ވެސް ހުށަހެޅި އެވެ. އުޝާމް ވިދާޅުވީ ހުށަހެޅި ވީޑިއޯ އެވިޑެންސް ތަކުގައި ވަނީ ގާނޫނީ އިމުގެ ބޭރުން އެ ސަރަހައްދުގައި ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.

"އެ ވާހަކަތަކަކީ ގާނޫނީ އިމުން ބޭރުން ދައްކާފައިވާ ވާހަކަތަކެއް،" އުޝާމް ވިދާޅުވި އެވެ.

ވީޑިއޯ އެވިޑެންސްގެ އިތުރު އެ ސަރަހައްދުގައި އެމްޑީޕީން ހިންގާ ހަރަކާތުގެ ސަބަބުން އުނދަގޫވާކަމަށް ބުނެ އާންމު ފަރާތްތަކުން ފުލުހުންނަށް ހުށަހަޅާފައިވާ ސިޓީތަކެއް ވެސް ދައުލަތުން ޝަރީއަތަށް ހުށަހެޅި އެވެ.

އުޝާމް ވިދާޅުވީ ސިޓީ ކައުންސިލުން އެމްޑީޕީއަށް ހުއްދަ ދިން ސިޓީގައިވާ ގޮތުން އެމްޑީޕީއަށް ދޫކޮށްފައި ވަނީ ސުނާމީ ބިނާ ސަރަހައްދު އެކަނި ކަމަށެވެ. ނަމަވެސް އެ ހިސާބުގައިވާ 10 ނަންބަރާއި 11 ނަންބަރުގެ ކޮށި އަދި ކުރީގެ ދިވެހި ރާއްޖޭގެ އަޑުގެ ކޮށި ވެސް އެމްޑީޕީން ބޭނުން ކުރަމުން އަންނަ ކަމަށާއި އެތަންތަނަކީ ސުނާމީ ބިނާ ސަރަހައްދުކަމަށް މާލޭގެ ރަސްމީ އެއްވެސް ޗާޓެއްގައި ނޯންނާނެ ކަމަށެވެ.

ސިޔާސީ ހަރަކާތް ހިންގުމަށް ސުނާމީ ބިނާ ސަރަހައްދު ސިޓީ ކައުންސިލުން އެމްޑީޕީއަށް ދީފައިވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި ޚިލާފަށް ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސިޔާސީ ބޭނުމަށް ބިންތައް ކުށްޔަށް ނުދެވޭނެ ކަމަށް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބުނެފައި ވަނިކޮށް ސިޓީކައުންސިލުން އެތަން އެމްޑީޕީއަށް ދޫނުކުރެވޭނެ ކަމަށެވެ.

އެމްޑީޕީން ހުށަހަޅާފައިވާ ދައުވާގެ ސައްޚަ ކަމާއި މެދު ސުވާލު އުފެދޭ ކަމަށް ބުނެ ދައުލަތުން ވަނީ އިޖުރާއީ ނުކުތާއެއް ނަގާފައެވެ. އުޝާމް ވިދާޅުވީ އެމްޑީޕީން 2010 ވަނަ އަހަރު ފާސްކުރި ގަރާރެއްގައި ބުނާގޮތުން އެމްޑީޕީން ދައުވާ އެއް ހުށަހަޅާނަމަ ދައުވާ ފޯމްގައި ސޮއިކުރަންވާނީ ޕާޓީގެ ޗެއާޕާސަން، ރައީސް ނޫނީ ނާއިބު ރައީސް ކަމަށް ބުނެފައި ވާކަމަށެވެ. ނަމަވެސް އެމްޑީޕީން އެ ދައުވާ ޗެއާޕާސަންގެ ނަމުގައި ހުށަހެޅި އިރު އެމްޑީޕީގެ ޗެއާޕާސަންގެ ނަމުގައި ސޮއިކޮށްފައި ވަނީ ވަގުތީ ޗެއާޕާސަން ކަމަށެވެ.

ދައުލަތުގެ ވާހަކަތަކަށް ރަށްދު ދެއްވަމުން އެމްޑީޕީން ބުނީ އެމްޑީޕީން ބޭނުންކުރަނީ ސުނާމީ ބިނާ ސަރަހައްދު ނޫންކަމަށް ދައުލަތުން ބުނާއިރު ސީޓީ ކައުންސިލުން މުޅި އެސަރަހައްދު ބޭނުންކުރުމަށް އެޕާޓީއަށް ދޫކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން ގިނަ ދުވަސްތަކެއް ވަންދެން އެމްޑީޕީން އެ ސަރަހައްދު ބޭނުން ކުރަމުން ދިޔައިރު އެއީ ސުނާމީ ބިނާ ސަރަހައްދު ނޫންކަމަށް ސިޓީ ކައުންސިލުން ބުނެފައި ނުވާ ކަމަށް ވެސް ބުންޏެވެ.

އެމްޑީޕީން އެ ސަރަހައްދުގައި ހިންގާފައި ވަނީ ސުލްހަވެރި ހަރަކާތްތަކެއް ކަމަށާއި ސިފައިންނާއި ފުލުހުން އެ ސަރަހައްދުގެ ޓެންޓްތައް ރޫޅާލައި އެޕާޓީގެ މުދާތައް ގެންގޮސްފައި ވަނީ ގާނޫނާއި ޚިލާފަށް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި ބުނާގޮތުން ސިޔާސީ ހަރަކާތެއް ހުއްޓާލުމަށް އެންގޭނީ ކޯޓަށް ހުށަހަޅައިގެން ކަމަށާއި ނަމަވެސް ސިފައިންނާއި ފުލުހުން އެމްޑީޕީގެ ސިޔާސީ ހަރަކާތް ހުއްޓުވި އިރު އެ ހަރަކާތް ހުއްޓާލުމަށް އެއްވެސް ކޯޓަކުން އަންގާފައި ނުވާކަމަށެވެ. އަދި އެ ސަރަހައްދުން ބަނގުރާ ފުޅިތަކާއި މާރާމާރީ ހިންގުމަށް ބޭނުންކުރާ ތަކެތި ފެނުނު ކަމަށް ފުލުހުން ބުނާބުނުމަކީ ތުހުމަތެއް ކަމަށާއި އެކަން ކޯޓެއްގައި ސާބިތުކޮށް ދެވިފައި ނުވާކަމަށެވެ. އެހެންކަމުން ކޯޓެއްގައި އެކަން ސާބިތުކޮށްދެވިފައި ނުވާއިރު އެސަރަހައްދަށް ވަދެ އެތާގައިވާތަކެތި ފުލުހުންނަށް ނުގެންދެވޭނެ ކަމަށެވެ.

ސިވިލް ކޯޓުގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދު މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ އަންނަ ބުރާސްފަތި ދުވަހު އެ މައްސަލައިގެ އިތުރު ޝަރީއަތުގެ މަޖިލީހެއް ބާއްވާނެ ކަމަށް އިއުލާން ކުރެއްވުމަށް ފަހު އެވެ.