25 Mar 2012, 17:52
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދު ހައްޔަރުކޮށް ގިރިފުށީގައި ބެހެއްޓި މައްސަލައާ ގުޅިގެން ނަޝީދުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނެ މިއަދު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހާޒިރުކޮށްފި އެވެ. އޭނާ އެ ކޮމިޝަނަށް ހަވީރު 4:00 ޖެހިއިރު ހާޒިރުވެ ވަޑައިގަތީ ގާނޫނީ ވަކީލު ނޫރުބާން ފަހުމީއާއެކު އެވެ.
ތޮލްހަތު މިއަދު އެޗްއާރްސީއަމަށް ހާޒިރުވެ ވަޑައިގަތުމަށް ފަހު ވިދާޅުވެފައި ވަނީ އިސް ގާޒީ އަބްދުﷲ މުހައްމަދު އެކަހެރިކުރީ ގައުމީ ސަލާމަތާ ގުޅޭ ކަމެއްގައި ކަމަށްވުމުން އެ މައުލޫމާތު ކޮމިޝަނަށް ނުދެއްވާނެ ކަމަށާއި އެއީ ގައުމީ ސަލާމަތާ ގުޅޭ މައްސަލައަކަށްވުމުން ކޮމިޝަންގައި އެކަމާ ބެހޭ ގޮތުން ޖަވާބުދާރީވެފައި ވެސް ނުވާނެ ކަމަށެވެ.
ތޮލްހަތު މީޑިޔާގައި ވިދާޅުވެފައި ވަނީ އިސް ގާޒީ މައްސަލައިގައި ހިއުމަން ރައިޓްސް ވައިލޭޝަންގެ އެއްވެސް ކަމެއް ހިނގާފައިވާނަމަ އެކަމަށް ޖަވާބުދާރީ ވާނެ ކަމަށް ދެއްނެވި ކަމަށާއި އެފަދަ އެއްވެސް ކަމެއް ހިނގާފައެއް ނުވާނެ ކަމަށާއި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ވެސް ދެއްވާފައިވާނެ ކަމަށް ދެންނެވި ކަމަށެވެ.
އިސް ގާޒީގެ މައްސަލައާ ގުޅިގެން މީގެ ކުރިން ތޮލްހަތު ވަނީ ފުލުސް އޮފީހަށް ވެސް ހާޒިރު ކުރައްވާފަ އެވެ. އެދުވަހު ވިދާޅުވީ ހަނު ހުންނެވި ކަމަށެވެ.
ކުރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެޗްއާރުސީއެމްއަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ. އެޗްއާރުސީއެމްއަށް ހާޒިރުވެވަޑައިގެން ދެއްވި ބަޔާނުގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އަބުދުﷲ ގާޒީ ހައްޔަރުކުރުމަށް ނިންމީ ޑީފެންސް މިނިސްޓްރީން ކަމަށެވެ.
އެޗްއާރުސީއެމުން ވެސް އަދި އެމްޑީޕީގެ ސްޕޯކްސް ޕާސަން ވެސް ފޯނަށް ޖަވާބު ނުދޭތީ އެކަމާ ބެހޭ އިތުރު މައުލޫމާތެއް ލިބޭގޮތެއްނުވި އެވެ.