16 Jul 2022, 09:47
ފިލްމު ނިމުމާއިއެކު އެންމެން ތެދުވަން ފެށިއެވެ. ޖީނާ އާއި މިރާން ތެދުވި ތަން ފެނި، އަހަރެންވެސް ތެދުވީމެވެ. މިރާންއަށް އަހަރެން ފެނުމާއިއެކު ހައިރާންވެފައި ބަލަން ހުއްޓެވެ. މިރާންއަށް ވީގޮތް ފެނުމުން ކަންނޭނގެއެވެ. ޖީނާވެސް އަހަރެން ހުރި ދިމާއަށް ބަލައިލި ތަން ފެނުނެވެ.
********
އަހަރެން އަނެއް ފަރާތަށް އެނބުރުނީ، މީހުންތައް ދުރުކޮށްފައި ޖީނާ އަންނަ ތަން ފެނުމުންނެވެ. އެތަނުން ޖީނާ އާއި ބައްދަލުވާކަށް ހިތެއް ނުރުހުނެވެ. އެހެނަސް، ގިނަ އިރެއްނުވެ ޖީނާ އަހަރެންގެ ކޮނޑުގައި ހިފައި އޭނާ އާއި ވީ ފަރާތަށް އަނބުރުވައިލިއެވެ.
"އަޅެ ރުއާތަ ތީ؟..." ޖީނާ ޔަގީންކޮށްލާ ފަދައިން އަހައިލިއެވެ. "ސަރ؟... ސަރވެސް؟..."
ޔާނިޝް ފެނުމުން، ޖީނާއަށް ހައިރާންކަމެއް ލިބުނުކަން އޭނާގެ ރާގުން އެނގުނެވެ. ޔާނިޝް ބޯ ޖަހައިލުމުން، ޖީނާ އަވަސް އަވަހަށް އަހަރެންގެ އަތުގައި ހިފައިގެން ދުރަށް ގެންދިޔައެވެ. މީހުން ގިނަކަމުން އަހަރެން ހުރީ ނޭވާ ލާންވެސް އުނދަގޫވެފައެވެ. ސިނަމާއިން ބޭރަށް ނުކުތްއިރު، މަގުމަތީގައިވެސް ފުދޭ ވަރަކަށް މީހުން ގިނައެވެ. މަގުގެ އަނެއް ފަރާތަށް ދިޔުމުން ހަމަނޭވާ ލެވޭވަރު ވިއެވެ.
"އޭނަޔާ އެކީ ތި އައީ؟..." ޔާނިޝްއަށް ނިސްބަތްކޮށް، ޖީނާ އަހައިލިއެވެ. "ރުއާ މަންމަމެން ފޮނުވިތަ؟... ސަރ އެއީ ރުއާގެ ފެމެލީ މީހެއް؟..."
ޖީނާގެ ސުވާލުތަކުން އަހަރެން ހުރީ ބޮލަށް އުނދަގޫވެފައެވެ. ދޭނެ ޖަވާބެއް ހުދު އަހަންނަށްވެސް ނޭނގުނެވެ. ޔާނިޝްއަކީ އަހަރެންގެ ކާކުބާއޭ އަމިއްލަ ހިތާއި ސުވާލުކުރެވުނެވެ.
"ނުބުނަންވެގެންތަ ތިއުޅެނީ؟... ރުއާގެ ޓީޗަރެއް ވީމަތަ؟... އަހަރެން ނުބުނާނަމޭ އެއްވެސް ކުއްޖެއް ކައިރީ... ޕްލީޒް.... ދެން ބުނެބަލަ..." ޖީނާ ކުޑަ ކުއްޖެއްހެން އަތުގައި ހިފައި ތަޅުވަން ފެށިއެވެ. "އަހަންނަށް ޔަގީން، ރުއާގެ ގާތް މީހެއް ނޫންނަމަ، ރުއާގެ މަންމަމެން ރުއާ އޭނަޔާ އެކީ މިތަނަށް ނުފޮނުވާނެކަން... އަހަރެން މީ އަންހެން ކުއްޖެއް... އަހަންނާ އެކީވެސް ނުފޮނުވާ ވިއްޔަ..."
ޖީނާގެ ސުވާލުތަކަށް ދޭނެ ޖަވާބެއް ނޭނގި ވިސްނަން ހުއްޓައި، ޔާނިޝް އާއި މިރާން އައިސް ކައިރީގައި ހުއްޓުނު ތަން ފެނުނެވެ.
"ރުއާ ނުބުނަންޏާ، ސަރ ކައިރީ އަހާނީ..." ޖީނާ ސިއްރުން އަހަރެންގެ ކަންފަތް ކައިރީގައި ބުނެލިއެވެ.
އަހަރެން އޭނާ ހުއްޓުވުމުގެ ކުރިން، ޖީނާ އެ ސުވާލު ޔާނިޝް އާއި ކޮށްލިއެވެ.
ޔާނިޝް އަހަރެންގެ މޫނަށް އަވަސް ނަޒަރެއް ދިނެވެ. އަހަރެންގެ ހުއްދައަކަށް އެދުނު ފަދައިންނެވެ. އަހަންނަށް ބަލައިލެވުނީ މިރާންއަށެވެ. އޭރު މިރާންވެސް ހުރީ އަހަންނަށް ބަލަހައްޓައިގެންނެވެ. އަހަރެން އެތަނުން ފެނުމުން ކަންނޭނގެއެވެ. އޭނާއަށް ލިބިފައިވި ސިހުން، އޭރުވެސް އެ މޫނުން ރީތިކޮށް ފާޅުވާން ހުއްޓެވެ.
"ރުއާ ދޯ؟..." ޔާނިޝް ޖަހައިލީ ހިނިގަނޑެކެވެ. ޖީނާ ކުރި ސުވާލަށް އޭނާ ވަކި ޖަވާބެއް ދޭން ބޭނުންނުވާފަދައެވެ. ނޫނީ، ދޭނެ ޖަވާބެއް ހުދު ޔާނިޝްއަށްވެސް ނޭނގުނީއެވެ.
"މިރާން އާ ދެމީހުންތަ ފިލްމަށް ތިއައީ؟..." ޖީނާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޔާނިޝްވެސް ކުރީ ސުވާލެކެވެ. ޔާނިޝްގެ ސުވާލާއިއެކު ޖީނާގެ މޫނު ރަތްވިއެވެ. އަހަރެންގެ ހިތަށް ވެގެން ދިޔައީ އުނދަގޫ ގޮތެކެވެ.
"ކިހިނެއްވާނެ އެންމެން ކޮފީއަކަށް ގޮސްލާފަ ވާހަކަ ދައްކާލަން؟... މިތަން ވަރަށް ކްރައުޑްއެއްނު..." ޔާނިޝް ވަށައިގެން ނަޒަރު ހިންގާލާފައި ބުންޏެވެ. "އަނެއްކާ ލަސްވޭތަ؟..."
ޖީނާ ވަގުތުން އެއްބަސްވިއެވެ. އަހަންނަށް ބަލައިލެވުނީ މިރާންގެ މޫނަށެވެ. އެ މޫނުން ފެނުނީ ޝައުގުވެރިކަމެވެ.
"ރުއާއަށް ދެވޭނެތަ؟..." ޖީނާ އަހައިލިއެވެ.
"ކީއްވެ ނުދެވެންވީ؟..." ޖީނާ އަހަންނާ ސުވާލުކުރި ނަމަވެސް ޖަވާބު ދިނީ ޔާނިޝްއެވެ.
އަހަރެންގެ ދިރިއުޅުމުގެ ކަންތައްތަކުގެ ތެރެއަށް ޔާނިޝް ވަނުމުން، ކިތަންމެ އުނދަގޫވި ނަމަވެސް އެއްޗެއް ނުބުނަމެވެ. އެއްއިރެއްގައިވެސް އަހަންނަށް އަހަރެންގެ އަމިއްލަ ނިންމުންތައް ނިންމުމުގެ އިހުތިޔާރު ލިބުނީކީ ނޫނެވެ. ވީއިރު، ޝަކުވާ ކުރުމުގެ މާނައެއް ކޮބައި ހެއްޔެވެ؟
"މިރާން ސައިކުގަތަ ތިއުޅެނީ؟..." ޔާނިޝް އަހައިލިއެވެ.
މިރާން ބަލައިލީ އަހަރެންގެ މޫނަށެވެ. އެ ސުވާލަށް ޖަވާބުދޭން އުނދަގޫވެފައިވާ ކަހަލަ ގޮތަކަށެވެ. އޭނާ ސައިކަލުގައި އައިކަން އަހަންނަށް އަންގަން ބޭނުން ނުވާފަދައެވެ.
"ސައިކުގަ ނޫން ގޮތަކަށް މި މާލޭގަ އުޅެވޭތަ... އޭނީނު ސައިކު..." ޖީނާ ވަރަށް ހިނިއައިސްފައި ޖަވާބު ދިނެވެ.
އަހަންނަށް އުނދަގޫ ގޮތަކަށް ހިންދިރުވައިލެވުނެވެ. ޖީނާ އަކީ މިޒާޖުގެ ގޮތުންވެސް މީހުންނާއި މާ ގާތްވެގެން އުޅޭ ކުއްޖެކެވެ. މިރާން އާއިއެކު ސައިކަލުގައި އިންނާނޭ ގޮތް ސިފަކޮށްލެވުނެވެ. އަހަންނަށް ބަލަން ހުރެފައި، މިރާން އިސްޖަހައިލިއެވެ. އޭގެ ފަހުން އޭނާ އަހަންނާއި ދިމާއަށް ނުބަލަން އުޅޭކަން އިހުސާސްވިއެވެ.
"ބީޗް ގްރީން އެނގޭތަ؟..." ޔާނިޝް އަހައިލިއެވެ.
މިރާން ބޯ ހޫރައިލުމުން، ޔާނިޝް އެދުނީ އޭނާގެ ފަހަތުން އައުމަށެވެ. އުމުރުގެ ގޮތުން މާ ބޮޑު ފަރަގެއް ނެތުމުން ކަންނޭނގެއެވެ. ޔާނިޝް އުޅޭގޮތުން އެއީ އަހަރެމެންގެ މުދައްރިއްސެއް ހެންވެސް ހީނުވެއެވެ. ސައިކަލަށް އެރުމުގެ ކުރިން ޖީނާވެސް އެވާހަކަ ބުނެލިއެވެ.
އަހަރެން އިނީ އުނދަގޫވެފައެވެ. ޖީނާ އާއި މިރާން އެކުގައި އުޅޭ މަންޒަރުން ހިތަށް ތަދުކުރަނީއެވެ. ނުބަލަން އުޅުނަސް، އަހަންނަށް އެ ނޫން ދިމާއެއް ނުބެލުނެވެ. ސައިކަލުގެ ލޯގަނޑުންވެސް ފަހަތުން އައި މިރާން މެންނަށް ބެލެމުން ދިޔައެވެ. ޖީނާ އިނީ، މިރާންގެ އުނަގަނޑުގައި ދެއަތުން ހިފަހައްޓާލައިގެންނެވެ. މިރާން ސައިކަލު ދުއްވާފައި އައީ އަހަރެމެންގެ ފަހަތުންނެވެ. މަގުގައި ތަން އޮތް ނަމަވެސް އޭނާ ކުރިއަކަށް ނާރައެވެ. ނޫނީ އެއްވަރު ކުރާކަށްވެސް ނޫޅުނެވެ.
ޔާނިޝް ބުނި ރެސްޓޯރަންޓް ކައިރިއަށް އޭނާ ސައިކަލު ހުއްޓީ ކުއްލިއަކަށެވެ. ހީވީ އަހަންނަށް ޖެއްސުމެއް ކޮށްލި ހެންނެވެ. އަހަރެން ގޮސް ޔާނިޝްގެ ގައިގައި ތަތްވިއެވެ. ޔާނިޝް އިނީ އެވަރު ވިސްނައިގެން ކަން އެނގުނީ، އޭނާ ވަގުތުން ހީލި އަޑު އިވުމުންނެވެ.
މިރާން ސައިކަލު ޕާކުކޮށްފައި އައިސް، އަހަރެމެންނާއި އެއްވަރު ކުރިއެވެ. ޖީނާ އަހަރެންގެ އަތުގައި ހިފައި ފަހަތަށް ދަމައިގަތެވެ.
"ރުއާގެ ކާކުތަ އެއީ؟... އަހަންނަށް މިހާރު އެހެން ގޮތެއް ހީވާން ފަށައިފި... އޭނަވެސް ޖަވާބު ދިނީކީ ނޫނޭ..." ޖީނާ ވާހަކަ ދެއްކީ ދިމާކުރާ ކަހަލަ ރާގަކަށެވެ.
"ކޮން ގޮތެއް ހީވަނީތަ؟..." އަހަރެން ހުރީ ފާޑަކަށް ފޫހިވެފައެވެ.
"އެހެން ކަމެއް އުޅޭ ކަހަލަ ވަހެއް ދުވަނީ..." ޖީނާ ހީގަތެވެ. "ކާކުތަ އެއީ، ބުނެބަލަ..."
ޖީނާ އަހަރެންގެ ބުރަކަށީގައި ބޮނޑިއެއް އަޅައިލިއެވެ. ޔާނިޝް އާއި ބެހޭގޮތުން ފާޑުފާޑުގެ ވާހަކަ ދައްކައި ދިމާކުރަން ފެށިއެވެ. މިރާން ދޭތެރެއަކުން ފަސްއެނބުރި ބަލައިލައެވެ.
ރެސްޓޯރެންޓްގައި ފުދޭ ވަރަކަށް މީހުން ގިނަ ވަގުތެކެވެ. އެއީ އެފަދަ މާހައުލަކަށް އަހަރެން އައި ފުރަތަމަ ފަހަރެވެ. ގިނަ މީހުންތަކެއް ފެނުމުން އަހަރެން ހުރީ އުނދަގޫވެފައެވެ. ހިނގައިގަންނަންވެސް ނުކެރުނެވެ. ޖީނާ ގޮސް މިރާންގެ ކައިރީގައި އިށީނެވެ.
"އާދޭ..." ޔާނިޝް އައިސް އަހަރެންގެ އަތުގައި ހިފައިލިއެވެ.
ސިހިފައި އަތް ފޮޅުވައިލަން އުޅުމުންވެސް އޭނާ އަހަރެންގެ އަތުން ދުލެއް ނުކުރިއެވެ. ޔާނިޝް އެފަދައިން ކަންތައް ކުރީ، މިރާންމެންނަށް ދައްކަން ހެއްޔެވެ؟ ނޫނީ އެއީ އަހަރެން ރެސްޓޯރެންޓަކަށް އައި ފުރަތަމަ ފަހަރުކަމަށް ވުމުން ހެއްޔެވެ؟
އަހަރެން އިށީނުމަށް ޔާނިޝް އުޅުނީ ގޮނޑި ދަމާލަދޭށެވެ. އަވަހަށް ގޮސް ޖެހިގެން ހުރި ގޮނޑީގައި އިށީނީމެވެ. މިރާންގެ ކުރިމަތީގައި އެހެން ފިރިހެނަކު އަހަންނަށް ޚިދުމަތެއް ކޮށްދޭކަށް ހިތެއް ނުރުހުނެވެ. ޖީނާ އިނީ މިރާން އާއި ޖެހި ފިތިގެންނެވެ. މޭޒުގެ އަނެއް ފަރާތުގައި ތިބީ އަހަންނާއި ޔާނިޝް އެވެ. އަހަރެން އިނީ ޔާނިޝް އާއި ވީހާވެސް ދުރަށް ޖެހިގެންނެވެ.
"ކޯއްޗެއް ގެންނާނީ؟..." އަހަންނަށް ބަލައިލަމުން ޔާނިޝް އަހައިލީ ގާތް ގޮތަކަށެވެ.
އެންމެން ތިއްބައި ޔާނިޝް އަހަންނާ ސުވާލުކުރުމުން، ލަދުގަތެވެ. ސިއްރުން ޖީނާއަށް ބަލައިލިއިރު، އޭނާ އިނީ ދިމާކުރާ ކަހަލަ ގޮތަކަށް އަހަންނަށް ބަލަހައްޓައިގެންނެވެ.
"އަހަރެމެން ކޮފީ... ދޯ ރާން؟..." ޖީނާ މިރާން އާއި ދިމާއަށް ބަލައިލާފައި ވާހަކަ ދެއްކި ރާގުން އަހަރެން އިތުރަށް ފޫހިވިއެވެ. އެތަނުން ތެދުވެގެން ދާންވެސް ހިތަށް އެރިއެވެ.
"ރުއާ ބޯނީ ބުއްތަށި..." ޔާނިޝް މަޖާވެލާފައި ބުންޏެވެ.
އަހަރެންގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ޔާނިޝްގެ ހުނުމުގައި ޖީނާ ބައިވެރިވުމުން، ރުޅިގަނޑު ހިންދައިލަން އުޅުނަސް އެކަމެއް ނުވިއެވެ. ވޭޓަރު ގެނައި ފެންފުޅި އެއް ނޭވާއިން ބޮއެ ހުސްކޮށްލެވުނެވެ. ޖީނާ އާއި ހިލާފަށް މިރާން އިނީ މަޑުންނެވެ. އަހަރެން ހިތުގައިޖެހޭފަދަ ކަމެއް އޭނާ ނުކުރާނެކަމުގެ ޔަގީންކަން އުފެދުނެވެ. ޔާނިޝް ތަފާތެވެ. އަބަދު އަހަންނާ ޖައްސާލާފައި ހުންނަނީ ކީއްވެ ހެއްޔެވެ؟ މިރާންގެ ކުރިމަތީގައި އަހަރެން ފަޟީހަތްކުރުން ނޫންކަމެއް އޭނާ ނުކުރެއެވެ.
"ބްލޫބެރީ މިލްކްޝޭކެއް ބޭނުމީ..." އަހަރެން ބުނީމެވެ.
"ރުޅި އައީތަ؟... ސަމާސާއެއް އިނގޭ..." ޔާނިޝް ސިއްރުން ބުނެލިއެވެ.
އެހެން މީހުންނަށް ނުފެންނާނޭހެން އަހަރެން ޔާނިޝްއަށް ލޯ އަޅައިލީމެވެ.
"އޯކޭ... ޓޫ ބްލޫބެރީ މިލްކްޝޭކް... ދެން ޓޫ މިލްކް ކޮފީ ދޯ؟..." ޔާނިޝް މިރާންއަށް ބަލައިލާފައި ސުވާލުކުރިއެވެ.
"ތްރީ ބްލޫބެރީ މިލްކްޝޭކް... ވަން މިލްކް ކޮފީ..." މިރާން ބުންޏެވެ.
"އެންމެން ރުއާ ބޭނުންވާ އެއްޗެއްސައްތަ އޯޑަރުކުރީ..." ޖީނާ ޝަކުވާގެ ރާގެއްގައި ބުނެލިއެވެ. "އޯކޭ އަހަރެން އެކަނި ކޮފީ ބޮއެފާނަމޭ..."
މިލްކްޝޭކް އަހަރެން ހީކުރި ވަރަށްވުރެ ފޮނިގަދައެވެ. ފުރަތަމަ އެތިފޮދު ބޯލުމާއިއެކު ކޮށި އެރިއެވެ. އަހަންނަށް ފެންތަށި ދިއްކޮށްލީ މިރާން އާއި ޔާނިޝް އެކުގައެވެ. ވިސްނައިލުމެއްނެތި، މިރާން ދިއްކޮށްލި ފެންތަށީގައި ހިފީމެވެ. އެއް ނޭވާއިން ފެންތަށި ބޯލެވުނީ މިރާންގެ އަތުން ދިނުމުންނެވެ.
"އޯކޭތަ؟..." ޔާނިޝް ވަރަށް އޯގާތެރި ރާގަކަށް އަހައިލިއެވެ.
އަހަރެން ބޯ ޖަހައިލީ އެ ޖަވާބަށް މިރާންވެސް އިންތިޒާރު ކުރަމުންދިޔަ ކަން އެނގުމުންނެވެ.
"މާ ފޮނިގަދައީ ދޯ... އެހެން ތައްޓެއް ގެންނަން ބުނަން؟..." ޔާނިޝް ސުވާލުކުރިއެވެ.
އަހަރެން ދެކޮޅު ހެދީމެވެ. ގަދަކަމުންވެސް އަހަންނަށް ބޮވުނީ ތަށީގެ މެދާއި ހަމައަށެވެ.
"މިހާ މީރުކަން އެނގޭނަމަ، ދެ ތަށްޓަށް އޯޑަރުކުރާނީ..." ޔާނިޝް ހިނިގަނޑެއް ޖަހައިލިއެވެ.
"ރުއާ އެހެރީ އިސްރާފުކޮށްފަ... ސަރ އެ ތަށި ބޯލަންވީނު..." ޖީނާ ހިޔާލު ދިނެވެ.
ޔާނިޝް އަހަރެންގެ ތައްޓަށް ބަލައިލިގޮތުން، އަހަރެންގެ ހިތް ތެޅިގަތެވެ. އަހަރެން ބޮއެފައި ހުރި އެއްޗެއް އެހެން މީހަކު ބޯން ރުހެވޭނީ ކިހިނެތް ހެއްޔެވެ؟ އަހަރެން ތަށީގައި ހިފެހެއްޓުމުގެ ކުރިން، ޔާނިޝް އެ ތަށި ދަމައިގަތެވެ. އެއް ނޭވާއިން ތަށި ހުސްކޮށްލިއެވެ. އަހަރެން ވަގުތުން ތެދުވެގެން ފާހާނާ އާއި ދިމާއަށް ހިނގައިގަތީމެވެ. ޔާނިޝްގެ ޝަކުވާ މަންމަގެ ކައިރީގައި ކުރަން ތައްޔާރުވީ ލޯގަނޑުގެ ކުރިމަތީގައި ހުރެއެވެ. ހަމަ ޔަގީނުންވެސް ޔާނިޝް އެކުރީ މަންމަވެސް ރުހޭނޭ ކަމެއް ނޫނެވެ. އެހެން ކަންކަމާ ރުހުނަސް، އެކަމާއި ނުރުހޭނޭކަން އަހަންނަށް ޔަގީނެވެ.
ގެއަށް އައި މަގުމަތީގައި އަހަރެން ޔާނިޝް އާއި އަނގަޔަކުން ނުބުނަމެވެ. އަހަންނަށް ވީގޮތް އެނގުމުން ކަންނޭނގެއެވެ. ޔާނިޝްވެސް އަހަންނާ ސަމާސާ ކުރާކަށް ނޫޅުނެވެ. އަހަރެން ގެއަށް ލާފައި އޭނާ ދިޔައީއެވެ. އަހަރެން އެތެރެއަށް ވަންއިރު، މަންމަ އާއި ބައްޕަ ތިބީ އޮލަ ވާހަކައެއްގައެވެ. މޭޒުމަތީގައި ތަސްވީރުތަކެއްވެސް ހުއްޓެވެ. އަހަރެން ފެނުމުން، މަންމަ އެ ހުރިހާ ތަސްވީރެއް ނަގައި ފޮތެއްގެ ތެރެއަށް ލިއެވެ.
ބައްޕަ އިނުމުން، މަންމަގެ ކައިރީގައި އެއްވެސް ވާހަކައެއް ދައްކާކަށް ނުކެރުނެވެ. އަހަރެން ގޮސް ކޮޓަރިއަށް ވަންތާ ގިނަ އިރެއްނުވެ، މަންމަ އައެވެ.
"މަންމާ..." ޝަކުވާގެ ރާގަކަށް މަންމައަށް ގޮވައިލެވުނެވެ.
"ކިހިނެތް ފިލްމު؟..." މަންމަ ފެށީ އެހެން ވާހަކައެކެވެ.
"މަންމާ... އަޅުގަނޑު ބޭނުމެއް ނޫން، ޔާނިޝްއާ އެކީ ތަންތަނަށް ދާކަށް..." އަހަރެން ވާހަކަ ފެށީމެވެ.
"އެ ކީއްވެ؟..." މަންމަގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.
"އޭނަ އުޅޭ ގޮތުން..." އަހަރެން ޖަވާބު ދިނީމެވެ.
"ކިހިނެތް އުޅެނީތަ ދަރިފުޅާ؟..." ގަބޫލު ނުކުރެވިފައި ހުރި ކަހަލަ ގޮތަކަށް މަންމަ އަހައިލިއެވެ.
"ހަޑި ކަންތައް ކުރަނީ... އަޅުގަނޑު ބޮއެފަ ހުންނަ އެއްޗެހިވެސް ބޮނީއޭ މަންމާ..." އަހަރެން ޝަކުވާ ކޮށްލީމެވެ.
(ނުނިމޭ)