"އެކެއް، ރުއާ ގެއަށް އައީ އަހަންނާ އެކީއެއް ނޫން... ދޭއް، އަހަންނަށް މިހެން ހެދީވެސް..." އަހަރެންގެ ދެފަރާތުން ފާރުގައި ދެ އަތުން ހިފަހައްޓާލަމުން ޔާނިޝް ބުންޏެވެ. އޭނާ ފަހުން ބުނި އެއްޗެއް އެނގޭ ވަރަށްވުރެ އަހަރެން ހުރީ ހާސްވެފައެވެ.

އަހަރެން ހުރީ ބިރުން ނޭވާއެއްވެސް ލާން ނުކެރިފައެވެ. ޔާނިޝްގެ އެ ގާތްކަމުގެ ސަބަބުންނެވެ. އެ ނުރައްކާތެރި ނަޒަރު ހުއްޓިފައިވީ ސީދާ އަހަރެންގެ ލޮލަށެވެ. ތޫނު ދެލޮލެވެ. ދިގު އެސްފިޔަތަކެކެވެ. މޫނުގެ ކޮންމެ ގުނަވަނެއްވެސް އެހާމެ ފުރިހަމައެވެ. އެ ފިރިހެންވަންތަކަމަށް ތައުރީފު ނުކުރާނެ އަންހެން ކުއްޖަކު މަދުވާނެއޭ ހިތް ބުންޏެވެ.

********

ބަޔަކު ވާހަކަ ދައްކާ އަޑު އިވުމުން، ޔާނިޝް ދުރަށް ޖެހިލިއެވެ. އަހަރެން އަވަސް އަވަހަށް ގޭތެރެއަށް ދެމިގަތީމެވެ. ހިތް އޭޜުވެސް ތެޅިފޮޅެނީއެވެ. އަހަރެން ޔާނިޝްދެކެ ލޯތްބެއް ނުވަމެވެ. އެކަމަކު، އޭނާގެ ގާތްވުމުން އަހަންނަށް އެވީ ކޮންފަދަ ގޮތްތަކެއް ހެއްޔެވެ؟

ކުރީ ރެއެކޭ އެއްގޮތަށް މަންމަ ހުރީ ކާން ހަދައިގެންނެވެ. ޔާނިޝް ފެނުމުން، ހީވީ އެހެންފަދަ ކަމެއް ހެންނެވެ. ގެއަށް އަލަށް އިއްޒަތްތެރިއަކު އައިސްގެން އުޅޭ ފަދައިން، އޭނާއަށް ދާންވީ މިސްރާބު ދައްކައިދީ ހެދިއެވެ. އަހަންނަށް ހުރެވުނީ ކަޅި ޖަހާވެސްނުލައި އެ މަންޒަރު ބަލާށެވެ. ހަމަ އެއާއިއެކު، ޔާނިޝް އެއްޗެއް ބުނެފާނެތީ ހަދާނެގޮތް ހުސްވެފައެވެ.

"ކިހިނެއްވެފަ ތިހުރީ؟..." މަންމަ ސުވާލު އުފެދިފައި އެއްފަހަރު ޔާނިޝްއަށް އަނެއް ފަހަރު އަހަރެންގެ މޫނަށް ބަލައިލިއެވެ.

އަހަރެންގެ ހިތް ތެޅިގަތީ ޔާނިޝް ބަލައިލި ގޮތުންނެވެ. ބިރުން ހިންދިރުވައިލަންވެސް ނުކެރުނެވެ. ޔާނިޝް އެއްޗެއް ބުނެފާނެތީ ޖެހިލުންވިއެވެ. ޔާނިޝްގެ ކުރިމަތީގައި ގަދަވެލާފައި އުޅުނު ނަމަވެސް، މަންމަގެ ކުރިމަތީގައި އަހަންނަކީ މަޑު ފުށްކޮޅެކެވެ. ބަސްއަހާ ދަރިއެކެވެ.

"ދެންމެ އަންނަނިކޮށް ފާޑެއްގެ ބުޅާގަނޑެއް..." އަހަންނާއި ދިމާއަށް ބަލައިލަމުން ޔާނިޝް ބުންޏެވެ. އަހަރެންގެ އިޝާރާތަކަށް މަޑުކޮށްލި ފަދައަކުން އިތުރު އެއްޗެއް ނުބުނެ އަހަންނަށް ބަލަން އޭނާ ހުއްޓެވެ.

އަހަރެން ވަގުތުން ލޯ އަޅައިލީމެވެ. ޔާނިޝް އަހަރެން އެ ހެދީ ބުޅަލަކަށް ހެއްޔެވެ؟

"ބުޅާގެ ކިބައިން ސަލާމަތްވާން ހަދައިގެން ލިބުނު ލަނޑު މީ... މިހާރު އުޅޭ ބުޅާ ހާދަ ވަރުވެސް ގަދައޭ ދޯ... ވަކިވެސް އެހާ ތޫނު... މިހުރީ ޓީޝާޓަށްވެފަ ހުރިވަރު..." ޔާނިޝް ހިނިގަނޑެއް ޖަހައިލަމުން ބުނެލިއެވެ.

"ދަރިފުޅުވެސް ބުޅާދެކެ ބިރުގަނޭތަ؟..." މަންމަ ފެށީ ހޭށެވެ. "މަންމަވެސް ހާދަހާ ބިރުގަންނަ އެއްޗެކޭ އެއީ..."

ޔާނިޝް އަހަންނަށް ބަލައިލާފައި ދެލޯ ހަނިކޮށްލިއެވެ. އޭނާ ހެދި ދޮގުގެ ޒިންމާ އަހަރެން ނަގަންޖެހޭނެއޭ ބުނާފަދަ ގޮތަކަށެވެ.

*********

މަންމަ ކޮޓަރިއަށް ގޮސްފައި ބައްޕަގެ ޓީޝާޓެއް ހިފައިގެން އައެވެ. އެއްޗެހި ބަދަލުކުރުމަށް އަހަރެންގެ ކޮޓަރިއަށް ދިޔުމަށް ޔާނިޝްގެ ކައިރީގައި އެދުނެވެ. އަހަންނަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އަހަންނަކީ އަންހެން ކުއްޖެކެވެ. ޔާނިޝް އަކީ ހިލޭ ފިރިހެނެކެވެ. އަހަރެންގެ ކޮޓަރިއަށް ޔާނިޝްއަށް ވަދެވެންޖެހޭ އެއްވެސް ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ.

އަހަރެން ޔާނިޝްއަށްވުރެ ކުރިން ކޮޓަރިއަށް ވަދެ، ހާމައަށް ފެންނަގޮތަށް ހުރި އެތެރެއިން ލާ އަންނައުނުތައް ފޮރުވަން ފެށީމެވެ. ޔާނިޝް އެތެރެއަށް ވަނީ ޓަކި ޖަހައިލުމަށްފަހުގައެވެ. ވަގުތުން އަތުގައި ހުރި އަންނައުނުތައް ފުރަގަހަށްލައި ފޮރުވީމެވެ. އެވަރުންވެސް އެ އެއްޗެހި ޔާނިޝްއަށް ފެނުނުކަން އެނގުނެވެ.

"އޯކޭއޭ ހަޑިކޮށް އޮތަސް... ތި އެއްޗެހި ހުރިތާކު ހުއްޓަސް، އަހަރެން ނުބަލާނަމޭ... އޯކޭ..." ލާނެތް ގޮތަކަށް ޔާނިޝް ބުންޏެވެ.

"ފޭކް އެއްޗެހި ލަންޏާ، ހަލާކުވާލެއް އަވަސްވާނެ..." ޔާނިޝް ލައިގެން ހުރި ގަމީހަށް ލޮލުން އިޝާރާތްކޮށްލަމުން އަހަރެން ބުނީމެވެ. އަހަރެންގެ މަގުސަދަކަށްވީ މައުޟޫޢު އޮޅުވައިލުމެވެ. އެކަން ކާމިޔާބުވިއެވެ.

"ކިތަންމެ މޮޅު އެއްޗެއްވެސް މާ ތޫނު އެއްޗެއްގަ ޖެހިއްޖެއްޔާ ސަލާމަތެއް ނުވާނެ..." ޔާނިޝް އެއްލޯ މަރައިލިއެވެ.

އަހަންނާ ދިމާކުރުމުން ޔާނިޝްއަށް ކޮން އުފަލެއް ލިބެނީ ހެއްޔެވެ؟ ކިލާހުގައިވެސް އަހަރެން ނޫން މީހެއް އޭނާގެ ލޮލުގައި އަޅައެއް ނުގަނެއެވެ.

"ރުއާ ކުރިމަތީގަތަ އެއްޗެހި ބަދަލުކުރަންވީ؟..." ޔާނިޝް އަހައިލިއެވެ.

އަހަންނަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އަތުގައި އޮތް އެއްޗެހިތައް ހިފައިގެން ދުވެފައި ކޮޓަރިން ނުކުމެވުނެވެ. ޔާނިޝް ހިނިގަނޑެއް ޖަހައިލި އަޑު އިވުނެވެ. ބަންލާފައި ދޮރު ޖަހާފައި، މަންމަ ކައިރިއަށް ދިޔައިރު އަހަރެން ހުރީ ރުޅި އައިސްގެން ލޭ ކެކޭގޮތް ވެފައެވެ.

"މަންމަ ކީއްވެތަ އަޅުގަނޑު ކޮޓަރިއަށް އޭނަ ވެއްދީ؟..." ޝަކުވާގެ ރާގަކަށް އަހައިލެވުނެވެ.

"ދަރިފުޅަށް އެނގެއެއްނު މިގޭގަ ދެން އެހެން ކޮޓަރިއެއް ނެތްކަން... ބައްޕަ ކޮޓަރީގަ އުޅުއްވަނިކޮށް، އެތަނަށް މީހަކު ވައްދާކަށް މަންމައަކަށް ނުކެރޭނެ..." މަންމަ ހުރީ ހަމަޖެހިފައެވެ. އަހަންނަށް މައްސަލައަކަށް ވިޔަސް، މަންމައަށް މައްސަލައަކަށް ނުވާ ކަހަލައެވެ.

********

ކެއުމުގެ ވަގުތުގައި ބައްޕަ ބައިވެރިވުމުން، މާ ގިނަ ވާހަކައެއް ނުދެކެވެއެވެ. ބައްޕައަކީ މިޒާޖުގެ ގޮތުން މަޑުމައިތިރި މީހެކެވެ. ކައި ނިންމާލައިގެން ގެއިން ނުކުތުމުގެ ކުރިން ޔާނިޝް އާއި މަންމަ ވާހަކަތަކެއް ދައްކަން ދޮރު ކައިރީގައި ތިއްބެވެ. އަޑު އިވޭތޯ ކައިރިވެލި ނަމަވެސް މާ ބޮޑަކަށް ދެއްކި ވާހަކައެއް ނޭނގުނެވެ. ކޮންމެވެސް ކަމަކު، ބަޔަކު ގެއަށް އަންނަ ވާހަކައެއް ބުނިހެންވެސް ހީވިއެވެ. އަހަރެން ހީކުރީ، ޔާނިޝް ދެއްކީ އަހަރެންގެ ވާހަކަ ކަމަށެވެ. އެކަމަކު ޔާނިޝް ދިޔުމުންވެސް މަންމަ އަހަންނަށް ނުރުހުމުގެ ބަހެއް ބުނެ ނުލާތީ، ދެއްކީ އެފަދަ ވާހަކައެއް ނޫންކަން އެނގުނެވެ.

ޖެހިގެން އައި ދުވަހަކީ ކޮލެޖު ބަންދު ދުވަހެކެވެ. އަހަރެންގެ ހިތް ނުތަނަވަސްވެފައިވީ ޖީނާ އާއި މިރާން އެކުގައި ފިލްމު ބަލަން ދާތީއެވެ. މިރާން އެހާ ފަސޭހައިން ޖީނާ އާއި އެކުގައި ދާން އެއްބަސްވީ ކީއްވެ ހެއްޔެވެ؟ އޭނާ ހުރިހާ އަންހެން ކުދިންނާއިވެސް އެހާ އެކުވެރި ހެއްޔެވެ؟ އަހަންނާއި އަލަށް ވާހަކަ ދެއްކި އިރުވެސް ގާތްގޮތެއް ހުއްޓެވެ. އަހަރެން ހީކުރީ، މިރާންއަށް އަހަރެން ހާއްސަވުމުން، ގާތްކޮށް ވާހަކަ ދެއްކީ ކަމަށެވެ. އެކަމަކު، ޖީނާގެ ކަންތައް ހިތަށް އެރުމުން، އެ ވިސްނުން ބަދަލުވިއެވެ. އިތުރަށް ނުތަނަވަސްވިއެވެ.

ކޮޓަރި ދޮރުގައި ޓަކި ޖަހައިލި އަޑު އިވުމުން، އަހަރެން ގޮސް ދޮރު ހުޅުވައިލީމެވެ. ކުރިމަތީގައި ހުރި ޔާނިޝް ފެނި، ބަންލާފައި ދޮރު ޖެހުނު ގޮތްވެސް ނޭނގުނެވެ. އަހަރެން ދޮރު ހުޅުވީ ބައްޕަ ކަމަށް ހީކޮށްފައެވެ. ކޮޓަރީގައި އުޅޭއިރު އާއްމުކޮށް ޓަކި ޖަހާނީ ބައްޕަ ކަމުގައި ވާތީއެވެ. ގޭތެރޭގައި އުޅޭއިރު، އަހަރެން ލަނީ ކުރު ޓީޝާޓުކޮޅާއި ހަރުވާޅެވެ. އަދި އެއާއިއެކު ކިރިޔާ އިސްތަށިގަނޑު ނިވާވާ ވަރުގެ ކުދި ބުރުގާއެވެ. އެފަދަ ގޮތަކަށް އަހަރެން ހުއްޓާ، އަހަރެންގެ މައިންބަފައިން ފިޔަވާ އިތުރު މީހަކަށް ފެންނާކަށް އަހަރެން ބޭނުމެއް ނޫނެވެ.

"ވަޓް؟..." އެއްޗެހި ބަދަލުކޮށްލައިގެން ނުކުތްއިރު، އަހަރެންގެ ރުޅިގަނޑު ހުރީ އަށްޑިހައިގައެވެ. ޔާނިޝް އާއި ދިމާއަށް އެއްޗެއް ބުނަން އަނގަ ހުޅުވައިލި ވަގުތު އޭނާ ދައްކައިލީ ދެ ޓިކެޓުކޮޅެވެ.

"ފިލްމަށް ދާނަން؟..." ޔާނިޝް އަހައިލީ އެކުވެރި ރާގަކަށެވެ.

"ކީއްކުރަން އަހަރެން ކައިރީ ތި އެހީ... ގޮސް މަންމަ ކައިރީ އަހާ ދުރުވާނަންތޯ... ޔަގީނުންވެސް ތިބޭފުޅާއާ އެކީ މަންމަ ދުރުވާނެ..." އަހަރެން ހިތްހަމަނުޖެހިފައި ބުނީމެވެ.

"އޯކޭ..." ޔާނިޝް އެނބުރުނެވެ.

"މަޑުކޮށްބަލަ..." އަހަރެން ކުއްލިއަކަށް ހަނދާންވީ، މިރާންމެން ފިލްމަށް ދާ ކަމެވެ. "ކޮން ފިލްމެއް؟..."

"މާފު އެދެމޭ ޔާރާ..." ޔާނިޝް ވަރަށް ޖޯޝާއިއެކު ބުނެލިއެވެ.

"މަންމަ އޯކޭވެއްޖެއްޔާ ދާނަން..." ދެވަނަ ވިސްނުމަކަށް ދާކަށް އަހަރެންގެ ހިތެއް ނޭދުނެވެ. މިރާން ހުންނަ ތަނެއްގައި ހުރެވެނިކޮށްވެސް އަހަންނަށް ފުދެއެވެ.

ޔާނިޝްގެ ތުންފަތަށް ވެރިވި ހިނިތުންވުން ފެނި، އަހަރެންގެ ހިތް އަނދައިގަތެވެ. އެކަމަކު، އެވަގުތަށް ޔާނިޝްގެ ބޭނުން ހިފައިލުން ނޫންގޮތެއް އަހަރެންގެ ސިކުނޑިއަކަށް ނައެވެ. އަހަރެން ބިރުން ހުރީ މަންމަ އެއްބަސް ނުވާނެ ކަމަށް ހީކޮށެވެ. އެކަމަކު، ކަންތައްވީ މުޅީން އިދިކޮޅަށެވެ. މަންމަ އެއްބަސްވުމުން، އަހަރެންގެ ހައިރާންކަން އިންތިހާއަށް ދިޔައެވެ. ޔާނިޝް އެދެފިނަމަ، ކޮންމެ ކަމެއް ކޮށްދޭންވެސް މަންމަ ތައްޔާރަށް ހުރިކަން އެނގުނެވެ.

"ކާރުގަ ދާނީ..." ބޭރަށް ނުކުތްގޮތަށް ބޮޑާހާކައިލީމެވެ.

"ކެންސަލް..." ޔާނިޝް އެނބުރި ގޭތެރެއަށް ވަންނަން އުޅުނެވެ.

"މަޑުކޮށްބަލަ..." އަހަރެން ބުނީމެވެ. "ކުރީ ދުވަހު ހެދިހެން ހަދައިގެން ނުވާނެ... އެގޮތަށް ދުއްވަންޏާ، ނުދާނަން..."

"ތިޔެއް ނޭނގެ... ރުއާ އަހަރެންގެ ފަހަތަށް ނާރަންޏާ، ކެންސަލް..." ޔާނިޝް ގަދަކޮށްލިއެވެ.

އަހަންނަށް ކުރެވޭނެ ކަމެއް ނެތެވެ. ހިތާއި ދެކޮޅަށް ސައިކަލު ފަހަތަށް އެރީމެވެ. ކުރީ ދުވަހު ހެން ޔާނިޝް ސައިކަލު ދުއްވީ، ކުއްލިއަކަށް ހުއްޓަމުންނެވެ. އަހަރެން ކެތްކޮށްލައިގެން އިނީ، މިރާންގެ މަތިން ހިތަށް އަރުވާފައެވެ.

ސިނަމާ ކައިރީގައި ފުދޭ ވަރަކަށް މީހުން އެއްވެފައި އޮތެވެ. އެތެރެއަށް ވަންނަންޖެހުނީވެސް ކިޔޫ ހަދައިގެންނެވެ. ކިތަންމެ އުނދަގޫވި ނަމަވެސް، ކެތްކުރީމެވެ. އަހަރެންގެ ދެލޯ ހޯދަމުން ދިޔައީ މިރާންއެވެ. މިރާން ފެންނަވަރުވީ، އެތެރެއަށް ވަން ފަހުންނެވެ. އިއްތިފާގުން އަހަންނާއި، ޔާނިޝް ތިބީ، މިރާން އާއި ޖީނާ ތިބި ޝީޓާއި ދިމާއިން އަނެއް ފަރާތުގައި ހުރި ޝީޓުގައެވެ.

ފިލްމް ފެށިގެން ނިމެންދެންވެސް އަހަންނަށް ބެލުނީ މިރާންއަށެވެ. މިރާންއަށް އަހަރެން ފެނުނުހެން ހިއެއް ނުވެއެވެ. ފިލްމު ފެށިގެން ނިމެންދެންވެސް އެ ނަޒަރު ހުއްޓިފައިވީ ފޯނަށެވެ. އޭނާ އެތަނުގައި އިނީ، މަޖުބޫރުވެގެން ހެންވެސް ހީވިއެވެ.

ފިލްމު ނިމުމާއިއެކު އެންމެން ތެދުވަން ފެށިއެވެ. ޖީނާ އާއި މިރާން ތެދުވި ތަން ފެނި، އަހަރެންވެސް ތެދުވީމެވެ. މިރާންއަށް އަހަރެން ފެނުމާއިއެކު ހައިރާންވެފައި ބަލަން ހުއްޓެވެ. މިރާންއަށް ވީގޮތް ފެނުމުން ކަންނޭނގެއެވެ. ޖީނާވެސް އަހަރެން ހުރި ދިމާއަށް ބަލައިލި ތަން ފެނުނެވެ.

(ނުނިމޭ)