ބަމާކޯ (މާޗް 25) : މިދިޔަ ބުރާސްފަތި ދުވަހު ޢަސްކަރީ އިންޤިލާބަކުން ވެރިކަން ބަދަލުކޮށްލި މާލީ ގެ ޙާލަތު އިތުރަށް ގޯސްވެ ކާބޯތަކެއްޗާއި ތެލުގެ ދަތިކަން ރައްޔިތުންނަށް ފޯރަންފަށާފައިވާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

މާލީގެ ބައެއް ރައްޔިތުންނާ ޙަވާލާދީ ޚަބަރުފަތުރާ ވަސީލަތްތައް ބުނާގޮތުން ޕެޓްރޯލް ސްޓޭޝަންތަކުގެ ކައިރީގައި ކިޔު ދިގުވެ ޚިދްމަތްލިބުންވަނީ ދަތިވެފައެވެ. އަދި ރައްޔިތުންގެ މައިގަނޑު ކެއުމުގެ ގޮތުގައި ބޭނުންކުރާ ޕާންވިއްކާ ބޭކަރީ ތަކުގައި ކިޔޫބޮޑުވެ އެނޫން ކާބޯތަކެތި ވިއްކާ ފިހާރަތަކަށް ބާރުބޮޑުވެފައިވާއިރު މިފަދަ އެތަށްތަނެއްވަނީ މިދޔަ ބުރާސްފަތި ދުވަހުން ފެށިގެން ބަންދުކޮށްފައެވެ.

މާލީގެ ދަސްތޫރާ ޚިލާފަށް ޢަސްކަރީ އިންޤިލާބަކުން ވެރިކަން ބަދަލުކޮށްލުމާ ގުޅިގެން އެފްރިކާގެ އިއްތިހާދުންނާއި ބައިނަލްއަޤްވާމީ ބައެއް އިދާރާތަކުން މާލީ އެކަހެރިކޮށްލާފައިވާއިރު ކާބޯތަކެއްޗާއި ތެލުގެ އިތުރުން ބޭހުގެ ދަތިކަންވެސް ކުރިމަތިވެދާނެ ކަމުގެބިރު ވަނީހީވެފައެވެ. މާލީގެ ރަށްފުށުގެ ހިސާބުތަކުން މިހާރުވެސް ބޭސްހުސްވެފައިވާ ކަމަށް އެތަންތަނުގެ އާންމުން ބުނެއެވެ.

އިންޤިލާބަށްފަހު މާލީގެ އެއަރޕޯޓްތަކާއި ސަރުކާރުގެ ގިނަކުންފުނިތަކާއި ވަރަށްގިނަ އޮފީސްތައް އަދިވެސްވަނީ ބަންދުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ބައެއް ޚިދްމަތްތަކަށް ބުރޫއަރަމުންދާތީ ރައްޔިތުންތިބީ މާޔޫސްކަމެއްގައި ކަމަށް ޚަބަރުތައް ބުނެއެވެ. އަނެއްކޮޅުން މާލީގެ އިންޤިލާބީ ވެރިޔާ ޖެނެރަލް އަމާދޫ ސަނޫގޫ ވަނީ މަޤާމުން ދުރުކުރެވިފައިވާ ރައީސް އަމާދޫ ތޮރޭއަށް ތާއީދުކުރާ ފަރާތްތަކުން އިންޤިލާބު އަނެއްކޮޅަށް ޖެހުމަށް ކުރާ މަސައްކަތް ކާމިޔާބުނުވާނެ ކަމަށް ވިދާޅުވެފައެވެ.

ޖެނެރަލް ސަނޫގޫ ވިދާޅުވީ ރައީސް އަމާދޫއަށް ތާއީދުކުރާ ފަރާތްތަކަށް އަނބުރައި ވެރިކަން ނުލިބޭނެ ކަމަށާއި އެމީހުންގެ މާބޮޑު ނުރައްކަލެއް އިންޤިލާބީ ސަރުކާރަށްނެތްކަން ހާމަކުރައްވާފައެވެ. އިންޤިލާބުގެނައި ސިފައިން ގެންދަނީ ވެރިރަށް ބަމާކޫ ގެ ސަލާމަތީ ކަންތައްތައް ވަރަށް ރަނގަނޅަށް ބަލަހައްޓަމުން ކަމަށް ޚަބަރުލިބެއެވެ. -- އަލްޖަޒީރާ