24 Jul 2010, 14:59
19:00
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ވިޔަފާރި އުސޫލުން ހިންގުމާ ހަވާލުވެފައިވާ ކުންފުނިން އަންނަ ނޮވެމްބަރު މަހު އެއާޕޯޓް ހިންގުމާ ހަވާލުވާނެ ކަމަށް އެއާޕޯޓްސް ކޮމްޕެނީން މިއަދު ބުނެފި އެވެ.
މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް ނުވަތަ އެމްއޭސީއެލްގެ ކޯޕޮރޭޓް ކޮމިއުނިކޭޝަންސް މެނޭޖަރ ރަހްމަތުﷲ އަޝްރަފު މިއަދު ވިދާޅުވީ، އިންޑިއާގެ ޖީއެމްއާރާއި މެލޭޝިއާ އެއާޕޯޓްސް ހޮލްޑިން ބަރުހާދު )އެމްއޭއެޗްބީ( އިން އުފައްދާ ކޮންސޯޓިއަމުން ނޮވެމްބަރު މަހު އެއާޕޯޓާ ހަވާލުވާނެ ކަމަށާއި އެމްއޭސީއެލްގެ އޮޕަރޭޝަންސް ޑިޕާޓްމަންޓް ހުރިހާ ސްޓާފުން ޖީއެމްއާރުން އުފައްދާ ކުންފުންޏަށް ނޮވެމްބަރު މަހު ބަދަލުކޮށް ނިމޭނެކަން އެއާޕޯޓްގެ މުވައްޒަފުންނަށް ވެސް މިހާރު އަންގާފައިވާނެ ކަމަށެވެ.
ޖީއެމްއާރު ކުންފުންޏަށް ބަދަލުވާ އެއާޕޯޓްސް ކޮމްޕެނީގެ ގާތްގަނޑަކަށް 1،700 އެއްހާ މުވައްޒަފުންނަށް މިހާރު ލިބޭ މުސާރަ އާއި އިނާޔަތްތައް މަދުވެގެން ދެ އަހަރު ދުވަހު ލިބޭނެ ކަމަށާއި އެ ކުންފުނީގެ ވަޒީފާގައި ދެމިތިބެވޭނެ ފުރުސަތު އޮންނާނެ ވާހަކަ މުވައްޒަފުންނަށް ފޮނުވި ސާކިއުލާއެއްގައި އަންގާފައިވާނެ ކަމަށް ވެސް އަޝްރަފު ވިދާޅުވި އެވެ. އަދި އަލަށް އުފައްދާ ކުންފުންޏަށް ބަދަލުވާ ހުރިހާ މުވައްޒަފުންނަށް އެ ކުންފުނިން ވަޒީފާގެ ފުރުސަތު ހުށަހަޅައި، މުވައްޒަފުންނާ އެކު ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރަން ޖެހޭނެ ކަމަށް ވެސް އަޝްރަފް ވިދާޅުވި އެވެ.
އަޝްރަފް އިތުރަށް ވިދާޅުވީ، ޖީއެމްއާރުން އުފައްދާ ކުންފުނިން އެއާޕޯޓާ ހަވާލުވާއިރު އެއާޕޯޓް ކޮމްޕެނީގެ ބެލުމުގެ ދަށުގައި ތިބޭނީ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ މުވައްޒަފުންނާއި ސެކިއުރިޓީ މުވައްޒަފުން އެކަނި ކަމަށް. އެހެން ނަމަވެސް ސެކިއުރިޓީ މުވައްޒަފުން އެމްއެންޑީއެފްގެ ދަށަށް އަންނަ އަހަރު ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.