އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި "ކްރިޓިކަލް" މައްސަލަތަކެއް އެބަހުރި ކަމަށާއި އެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދަން ޖެހިފައިވާ ކަމަށް އާ ޓްރާންސްޕޯޓް މިނިސްޓާ ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިންއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މީގެ އެތައް އަހަރުތަކެއް ކުރިން ހަދާފައިވާ އެއާޕޯޓްގެ ރަންވޭ އަކީ މިހާރު ޖައްސާ ބޮޑެތި ބޯޓުތައް ޖެއްސުމަށް ޑިޒައިންކޮށްފައިވާ ރަންވޭއެއް ނޫން ކަމަށާއި ރަންވޭގައި ބޮޑެތި ބޯޓުތައް ގިނަ ދުވަސްތަކެއް ވަންދެން ޖައްސަމުން ދިޔަމުން ރަންވޭ ހަލާކުވެ ބޯޓުތައް ލޭންޑް ކުރުމުގައި މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ.

"ރަންވޭއެއް ނެތިއްޔާ އެއާޕޯޓެއް ނޯންނާނެ. އެއާޕޯޓަކީ ރަންވޭ ސްޓްރިޕް. އެ ސްޓްރިޕްއަކީ ތިޔަބޭފުޅުންނަށް ފޮޓޯތަކުން ވެސް ފެންނާނެ ކުރީ ޒަމާނުގައި ގާ ނަގައިގެން އެއްވެސް ޑިޒައިނެއް ނެތި އިންޖިނިއަރިންނެތް ނެތި ހަދާފައި ހުރީ. ބައެއް ދިމަދިމާލުން ޑިޒައިންތަކެއް ހަދާފައި ހުއްޓަސް މުޅި އެއާޕޯޓް ސްޓްރިޕެއްގޮތުގައި އިނީ އެހާ ޔުނީފޯމްކޮށެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ. "މި ދޭތެރެއިން އިރުއިރުކޮޅާ އެއާޕޯޓް ދިމަދިމާއިން ގަނބައިގެން ދިޔުމާ ގުޅިހެން ބަންދު ކުރަންޖެހިފައި ވެސް އެބަހުރި،"

ޝަމްހީދު ވިދާޅުވީ ބޮޑެތި ބޯޓުތައް ޖެއްސޭގޮތަށް ރަންވޭ ޑިޒައިންކޮށްފައި ހުރީ ކުރިން ހުރި ފައުންޑޭޝަންގެ މައްޗަށް އެހެން ފަށަލައެއް އަޅައިގެން ކަމަށާއި މިހާރުގެ ރަންވޭ ދިގު މުއްދަތެއްގައި ބޭނުންކުރެވޭނެ ކަމާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ.
"އެއާޕޯޓް ޑިޒައިންކޮށްފައި ހުރީ 707 ގެ އެއާކުރާފްޓަށް، އެއީ ވަރަށް ކުދި އެއާކުރާފްޓްތައް، މިހާރު ޖައްސާ 747 އަޅާ ބަލާއިރު. ފުރަތަމަ ވެސް 747 ޑިޒައިންކޮށްފައި ހުރިތަނަކަށް ނޫން 747 މިޖެއްސެނީ. ޑިޒައިން މައްސަލަތަކެއް އެބަ އުޅޭ. ދެން ނުވަދިހައިގެ ކުރީކޮޅު، އޭރު އިން ބިންގަލުގެ މަތީގައި އިތުރު ފަށަލައެއްލައިގެން އަޅުގަނޑުމެން ބޮޑެތި ބޯޓު ޖައްސަން ހަދާފައި ހުރީ. އޭގެ މާނައަކީ ތިރީގައި އިން ބޭސް އިނީ ހަމަ އެ އިންގޮތަށޭ. ފައުންޑޭޝަން މައްޗަށް އަދި އެތި ކޮޅެއް އަޅާލިޔަސް ފަހަރެއްގައި ދުވަސްކޮޅެއްގައި ހިފެހެއްޓިދާނެ. އެއީ ކަންނޭންގެ މިހާރު ޖެހިގެން އުޅޭ މައްސައަކީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރަންވޭ އަލުން މަރާމާތުކުރެވެން އަންނަނީ މަހެއްހާ ދުވަހަށް އެއާޕޮޓް ބަންދުކޮށްގެން ކަމަށާއި ނަމަވެސް އެއާޕޯޓް އެކީއެކަށް ބަންދުކުރެވެން ނެތް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެކަމަށް އޮތް ހަމައެކަނި ހައްލަކީ އާ ރަންވޭއެއް ހެނދުން ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ އަލުން އެތަން ކޮނެ ރަންވޭ ހަދަން ގާތްގަނޑަކަށް މަހެއްހާ ދުވަސް ހޭދަވާނެ. އެކަމަކު ރާއްޖެ އަންނަ ގިނަ ޓޫރިސްޓުން އަންނަނީ ވެސް އެއާޕޯޓުން. އެއީ ހަމަ އިގްތިސޯދު ހުއްޓުން ކަހަލަ ކަމެއް. އެކަން ކުރެވޭކަން ނޯންނާނެ. ދެން އެކަމަށް ހެނދޭނެ ގޮތެއް ބަލާއިރު އޮތީ އެންމެ ކަމެއް. އެއީ އާ ރަންވޭއެއް ހެނދުން،" މިނިސްޓަރު ވިދާޅުވި އެވެ.

ޖީއެމްއާރާ 25 އަހަރަށް އެއާޕޯޓް ހިންގަން ހަވާލުކޮށްފައި އޮތް އިރު ޑރ. ޝަމްހީދު ވިދާޅުވީ އެއާޕޯޓް ޑިވަލޮޕްމަންޓް ޕްލޭން މިހާރު އޮތް ގޮތުން އިތުރު ރަންވޭއެއް އެޅުމުގެ ޖާގައެއް އެއްގޮތަކަށް ވެސް ނެތް ކަމަށެވެ. އަދި ވިދާޅުވީ އެ ޕްލޭންއަކީ ރާއްޖެއަށް ފައިދާ ހުރި ޕްލޭނެއް ކަމަށް ބެލެން ނެތް ކަމަށެވެ.

"ޖީއެމްއާރަށް އެއާޕޯޓް ދިން އިރުގައި ވެސް އެއްބަސްވުމުގައި ނެތް ކިހިނެތްކަން ރަންވޭ ޑިވެލޮޕްކުރަން ޖެހޭނީ. ހަމަ އެކަނި އޮންނަނީ ރަންވޭ ޑިވެލޮޕްކުރުން. އަނެއްކާ އެއާޕޯޓް ޑިވެލޮޕްމަންޓް ޕްލޭން އެދާގޮތުން އެތަނުގައި އިތުރު ރަންވޭއެއް އެޅުމަށް ފުރުސަތެއް ނެތް. ރީތި ޑިޒައިނެއް ހެނދިދާނެ. އެކަމަކު އެއީ ކިހާ ސަސްޓެއިން [ދެމެހެއްޓެނެވި] އެއްޗެއްތޯ ބަލަންވީ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަންވޭ މައްސަލައިގައި ޖީއެމްއާރާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އަދި ފަންނީ ބޭފުޅުންގެ ހިޔާލު ވެސް އެކަމުގައި ހޯދަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އެއާޕޯޓަށް ދިމާވެފައިވާ މައްސަލަ އާ މެދު ގައުމީ ވިސްނުމަކުން ވިސްނަން ޖެހިފައިވާ ކަމަށެވެ.