ޔޯގާ އިވެންޓުގެ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމާއި އައްޝައިޚް ފަޒްލޫން ބިން މުޙައްމަދަށް ކޯޓުން ބަންދުގެ މުއްދަތު ޖެހީ އެ ދެ ބޭފުޅުންނާ ދެކޮޅަށް ވެސް ހެކި ހުރުމުން ކަމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން"އިން ކުރި ސުވާލަކީ ޝައިޚް ނިޝާނާއި ފަޒްލޫން ހައްޔަރުކުރީ އެ ދެ ބޭފުޅުން ހަމަނުޖެހުން ހިންގުމަށް ގޮވާލި ކަމާއި އަދި ހަމަނުޖެހުން ހިންގި ކަމުގެ އެއްވެސް ހެއްކެއް ހުރެެގެންތޯއެވެ. ނަމަވެސް އެ ސުވާލަށް ނިވްސް ކޮންފަރެންސްގައި ފުލުހުން ޖަވާބެއް ނުދިނެވެ.

ނަމަވެސް ނިވްސް ކޮންފަރެންސް ނިމުމުން ސުވާލު ތަކުރާރު ކުރުމުން އޭސީޕީ ރިޔާޒް ވިދާޅުވީ ބަންދުގެ މުއްދަތު ޖަހާނީ ހެކި ހުރުމުން ކަމަށެވެ.

އެ ދުވަހުގެ އިހްތިޖާޖަށްފަހު ޝައިޚް ނިޝާން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ ހަރަކާތާ ދެކޮޅަށް އަޑުއުފުލައި ހައްގު ބަސް ބުނުމަށް ދާން ނިންމީ އޭނާގެ އިރުޝާދުގެ ދަށުން ސުލްހަވެރިކޮށް އެ ހަރަކާތް ގެންދާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ. ނަމަވެސް އެ ހަރަކާތުގައި ބައިވެރިވި ޒުވާނުންގެ ތެރެއިން ބަޔަކު ލޭ ކެކި އޭނާގެ އިރުޝާދަށް ތަބާނުވެ ގަލޮޅު ދަނޑު ތެރެއަށް ވަދެގަތީ ކަމަށް ޝައިޚް ނިޝާން ވިދާޅުވިއެވެ.

"ހަރަކާތުގައި ބައިވެރިވި ޒުވާނުންގެ ތެރެއިން ބަޔަކު ލޭކެކި އަޅުގަނޑުމެން ދެމުން ދިޔަ އިރުޝާދާ ޚިލާފުވާން ފެށުމުން ނަސޭހަތްތެރިވެ އެމީހުންގެ ތެރެއަށް ވަދެ ކޮންޓްރޯލުކޮށް ފަހަތަށް ޖައްސަން އެތައް މަސައްކަތެއް ކުރިން،" ޝައިޚް ވިދާޅުވިއެވެ.

ޝައިޚް ވިދާޅުވީ އެކަން ކޮންޓްރޯލު ނުކުރެވުމުން އެ ހަރަކާތް ނިންމާލީ ކަމަށް އިއުލާނު ކޮށް އެ ސަރަހައްދު ދޫކޮށް ގޮސްފައިވާނެ ކަމަށެެވެ.

މިއަދުގެ ނިވްސް ކޮންފަރެންސްގައި އޭސީޕީ އަލީ ޝުޖާއު ވިދާޅުވީ ސުލްހަވެރިކަމާއެކު ޚިޔާލުފާޅުކުރަން އެ ދުވަހު ފުރުސަތު ދީފައިވާ ކަމަށެވެ.

"ސުލްހަވެރިކަމާއެކު އެދުވަހުގެ ފަތިހު ޔޯގާ ޑޭ އިވެންޓާ ބެހޭ ގޮތުން ފާޅު ކުރި ޚިޔާލުތަކަށް އަޅުގަނޑުމެން ފުރުސަތު ދިނިން،" އޭސީޕީ ސުޖާއު ވިދާޅުވިއެވެ.

ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނޫ މަހާވަރްއާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.

ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަ ތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ.

އެކަމާ ގުޅިގެން އެ މައްސަލައާ ގުޅޭ ސީރިއަސް ތަހުގީގެއް ހިންގަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހަމަނުޖެހުމުގައި ބައިވެރިވި މީހުން ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ޓުވީޓެއް ކުރައްވާފައިވާއެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް ވަނީ ކެބިނެޓްގެ ސަބް ކޮމިޓީއެއް އުފައްދާފައެވެ.