25 Mar 2012, 17:33
ސަރުކާރާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިއްތިހާދުން ތާއިދު ކުރާ ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް އަބްދުﷲ ޖާބިރަށް ތާއީދު ނުކުރައްވާނެ ކަމަށް ކާށިދޫ ދާއިރާ އަށް ޕީޕީއެމްގެ ޓިކެޓް ހޯދެއްވި މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ) ވިދާޅުވެފައި ވަނިކޮށް، ޕީޕީއެމުން ޖާބިރަށް ތާއިދު ކުރާ ކަމަށް މިއަދު ބުނެ، ބަޔާނެއް ނެރެފި އެވެ.
ޕީޕީއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ޖާބިރަށް ތާއިދުކޮށްދެއްވައި އެ ގޮނޑިއަށް އެމަނިކުފާނު އިންތިހާބު ކޮށްދެއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް އެ ޕާޓީން އެދޭ ކަމަށެވެ. އަދި އެ ދާއިރާ އަށް ޕީޕީއެމްގެ ފަރާތުން ނުކުންނެވި ޕީޕީއެމްގެ ކެނޑިޑޭޓް ގައުމީ މަސްލަހަތަށް ޓަކައި ވެވަޑައިގެންނެވި ގުރުބާނީ އަށް ޕީޕީއެމްގެ ފަރާތުން އިންތިހާއަށް ޝުކުރުވެރިވާ ކަމަށެވެ.
ރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި ވައްޑޭ ވަނީ ޖާބިރަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރައްވާފަ އެވެ. ވައްޑޭ ވިދާޅުވީ ޖާބިރު އެމްޑީޕީގައި ހުންނެވިއިރު ރައީސް ނަޝީދާ އެކު ހުންނަވައިގެން އިދިކޮޅު ފަރާތްތަކަށް ދުއްޕާން ކުރަމުންދިޔައީ ޖާބިރު ކަމަށެވެ. ނަމަވެސް ޖާބިރު ޕާޓީ ބަދަލު ކުރެއްވުމުން އޭނާ އަށް ވުރެ ރަނގަޅު މީހަކު ނެތިގެން މިއަދު ޕާޓީތަކުން އުޅޭ ކަމަށް ވައްޑޭ ވިދާޅުވެފައިވެ އެވެ.
ވައްޑޭ ވިދާޅުވީ ގާނޫނީ ގޮތުން އޭނާގެ ނަން ވޯޓް ކަރުދަހަކުން ދެން ނުނެގޭނެ ކަމަށާއި ނަމަވެސް އެޕްރީން 14 ވަނަ ދުވަހު ބާއްވާ ބައި އިލެކްޝަންގައި އޭނާގެ ނަމާ ދިމާލުގައި ކާށިދޫ ދާއިރާގެ ރައްޔިތުންނަށް ހެޔޮ ފާހަގަ ޖެއްސެވޭނެ ކަމަށެވެ.
ކާށިދޫ ގޮނޑި ދޫކޮށްލެއްވީ ކުރީގެ ރާއިސް މައުމޫންނަށް އެ ގޮނޑި ހަދިޔާ ކުރެއްވުމަށް ކަމަށް ވައްޑޭ ވިދާޅުވި އެވެ.