27 Jun 2022, 17:21
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަލުން ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ސަލާމަތީގޮތުން ފުރިހަމަ އިތުބާރާ ޔަޤީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާސްތަކާއެކު، ސްމާޓް އައިޑީ ކާޑެއް ތަޢާރަފުކުރުމަށް އެ ޑިޕާޓްމަންޓުން ނިންމާފައިވާ ކަމަށެވެ.
ގިނަ އަހަރުތަކަކަށްފަހު، ރާއްޖޭގެ އައިޑީ ކާޑުގެ ފަރުމާ ބަދަލުކުރަން ނިންމާފައިވާއިރު، ފަރުމާ ހުށަހަޅާ މީހުންގެ ތެރެއިން ހޮވާލެވޭ ފަރުމާއަށް 200،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެންމެ ރަނގަޅު ތިން ފަރުމާ ހުށަހަޅާ މީހުންނަށް އެކަމުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ކޮންމެ މީހަކަށް ވެސް އެންމެ ޕްރޮޕޯސަލެއް ހުށަހެޅޭއިރު، ހުށަހަޅާ ޕްރޮޕޯސަލް އަނބުރާ ނުގެންދެވެއެވެ. އަންނަ މަހުގެ ތިންވަނަ ދުވަހު ކަމާގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 21އެވެ.
ޑީއެންއާރުން ބުނީ އެންމެ ރަނގަޅު ފަރުމާ ހޮވުމުގައި ބަލާނީ ހުށަހަޅާ ފަރާތުގެ ފަންނީ ގާބިލުކަމާއި، ކޮށްފައިވާ މަސައްކަތުގެ ފެންވަރު އަދި ހުށަހަޅާ ކޮންސެޕްޓުގެ އަމިއްލަވަންތަކަމާއި ފިކުރުގެ މައްޗަށް ކަމަށެވެ.
އެގޮތުން، ފަރުމާގެ ކޮންސެޕްޓުން ދައްކުވައިދޭން ޖެހެނީ ދިވެހީންނާއި ދިވެހި ރާއްޖެއެވެ. އަދި، އެ ކޮންސެޕްޓު އެހެން ގައުމުތަކުގެ އައިޑީކާޑާ ތަފާތު މިންވަރަށް ވެސް ބެލުމަށް ވަނީ ހަމަޖެހިފައެވެ.