27 Jun 2022, 16:05
މިދިޔަ މާޗު މަހުގެ ފަހުކޮޅުން ފެށިގެން ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން ބްލެކް މެއިލް ކުރަމުންދާ ކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަން ކުރާ ބައެއް މީހުން ދެނެގަނެވިފައިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ހަފްތާއިން ފެށިގެން ހައި ޕްރޮފައިލް ބައެއް މީހުން ކަމަށް ޝައްކު ކުރެވޭ ބައެއް އެއްޖިންސުން ގުޅުން ހިންގާ މަންޒަރާއި ގްރޫޕް ހަދައިގެން ޖިންސީ އަމަލު ހިންގާ ކަމަށް ބެލެވޭ ފޮޓޯއާއި ވީޑިއޯތަކެއް އަންނަނީ ސޯޝަލް މީޑިއާގައި ލީކް ކުރަމުންނެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީޕީ ރިޔާޒު ވިދާޅުވީ, އެފަދަ މައްސަލަތަކެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ މިދިޔަ މާޗް މަހުގެ ފަހުކޮޅުގައި ކަމަށެވެ.
"މިބާވަތުގެ މައްސަލައެއް ތަހުގީގުކުރުމުގައި އަޅުގަނޑުމެން ބޭނުންކުރަން ޖެހޭ ބައެއް އުކުޅުތައް ބޭނުންކޮށްގެން ތުހުގީގީ މަސައްކަތްތަކެއް ކުރެވެމުން އައި މައްސަލައެއް މިއީ," ރިޔާޒް ވިދާޅުވިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭސީޕީ ރިޔާޒު އަދީ އޭސީޕީ ޟުޖާއު --- ސަން ފޮޓޯ: ނާއިލް ހުސައިން
މިހާރު ވެސް އެ ބާވަތުގެ ވީޑިއޯތަކެއް އާންމުވަމުން އަންނަކަން ފާހަގަކޮށް ރިޔާޒު ވިދާޅުވީ, އެކަމުގައި އަޑީގައި ފަރުދާވެގެން ބަޔަކު ތިބި ކަމަށެވެ.
"މި މައްސަލައިގައި އަޅުގަނޑުމެން ވީޑިއޯތަކާ ގުޅޭ ގޮތުން މިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކެއް ދެނެގަނެވިފައިވަނީ. އެ ފަރާތްތަކުގެ މައްޗަށް ހިންގަންޖެހޭ ތަހުގީގުތައް އެބަ ހިނގަމުންދޭ," ކްރިމިނަލް އިންވެސްޓިގޭޓިވް ކޮމާންޑްގެ ހެޑްގެ ގޮތުގައި ވެސް ހުންނެވި ރިޔާޒު ވިދާޅުވިއެވެ.
ވިޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ އަޑީގައި ތިބި މީހުން ހޯދުމުގެ މަސައްކަތުގެ އިތުރުން އެއް ޖިންސުން ގުޅިން ހިންގާ މައްސަލަ ވެސް ފުލުހުން ބަލަމުން އަންނަކަން ރިޔާޒު ވިދާޅުވިއެވެ.
އެފަދަ ފޮޓޯއެއް ނުވަތަ އެފަދަ ވީޑިއޯއެއް ބޭނުންކޮށްގެން ބިރުދެއްކުމުގެ އަމަލެއް ހިންގާ ނަމަ އެކަން ފުލުހުންނަށް ރިޕޯޓް ކުރަން ފަސް ނުޖެހުމަށް އޭސީޕީ ވަނީ އެދިފައެވެ.
"މައްސަލައިގެ ތޮބީއަތަށް ބަލާއިރު މައްސަލައިގެ ގޮތުން އަޅުގަނޑަށް ވެސް ގަބޫލުކުރެވޭ ބައެއް ފަރާތްތަކުން ފަސް ޖެހޭ މިވާހަކަ ދައްކަން. ފުލުހުންނަށް ބަޔާން ވެސް ދޭން," ރިޔާޒް ވިދާޅުވިއެވެ.
ނަމަވެސް އެފަދަ މައްސަލައެއް ކުރިއަށް ގެންދެވެން އޮންނާނީ އަނިޔާ ލިބޭ ފަރާތުގެ ބަހެއް އަދި އެއްބާރުލުން ލިބިގެން ކަމަށް ވެސް އޭސީޕީ ރިޔާޒު ވިދާޅުވިއެވެ.
އެމައްސަލަ ތަކުގައި ހައި ޕްރޮފައިލް މީހުންނަށް ތުހުމަތު ކުރެވުނު ނަމަވެސް ތަހުގީގަށް ހުރަހެއް ނޭޅި ކުރިއަށް ދާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.
ހުކުރު ދުވަހު ވަނީ ބިދޭސީ ފިރިހެނަކާއެކު ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު، އަދި ގާނޫނީ ވަކީލް އަޙްމަދު ނާޒިމް އަބްދުއްސައްތާރު، ކަމަށް ތުހުމަތު ކުރެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ.
އެއަށްފަހު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) ކަމަށް ތުހުމަތު ކުރެވޭ މީހަކާއި އިތުރު ފިރިހެނަކު ބަރަހަނާ ހާލުގައި އަންހެނަކާއެކު އެނދުމަތީގައި އޮށޯވެގެން އޮންނަ މަންޒަރު ފެންނަ ފޮޓޯއެއް ވެސް ވަނީ ދައުރުވާން ފަށާފައެވެ.
އެންމެ ފަހުން ދައުރުވާން ފަށާފައިވަނީ ކުރީގެ ނޫސްވެރިޔާ ޢަބްދުﷲ ނަސީރު ކަމަށް ތުހުމަތު ކުރެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ ފޮޓޯއެކެވެ.