ރާއްޖޭގެ ވެރިކަމަށް އައި ބަދަލާއި ގުޅިގެން ގްރޭޑް ހަތެއްގެ ސޯސަލް ސްޓަޑީޒް ފޮތުގެ 47 ވަނަ ސަފުހާގެ ކަރަންޓް އެފެއާޒް ބައި އިސްލާހު ކުރުމަށް ސްކޫލްތަކަށް އަންގާފައިވާކަމަށް އެޑިޔުކޭޝަން ޑިވެލޮޕް މަންޓް ސެންޓަރު (އީޑީސީ) އިން މިއަދު ބުނެފި އެވެ.

އީޑީސީ ހިންގެވުމާއި ހަވާލުވެހުންނެވި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއީ ޑރ. އަބުދުލް މުހުސިން މުހައްމަދު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާއި ގުޅިގެން ރައީސުލް ޖުމުހުރިއްޔާ ކަމުގެ މަގާމާއި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހަވާލުވެވަޑައިގަތުމާ ގުޅިގެން ސޯސަލް ސްޓަޑީޒް ފޮތުން އެކަން އިސްލާހު ކުރުމަށް އެންގީ ކަމަށެވެ.

"އަޅުގަނޑުމެން އީޑީސީން ފޮނުވި ނޯޓަކީ ކުރީގެ ރައީސް އިސްތިއުފާ ދެއްވައިފިއޭ. އެހެންވީމާ އެކަން ފާހަގަކުރައްވާފައި ދެން މިހާރުގެ ރައީސް ކަމުގެ ހުވާކުރައްވައިގެން މިހާރު ހުންނެވީ [ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު] ކަމަށް. އެކަން ފާހަގަކުރުމަށް އަޅުގަނޑުމެން ސްކޫލްތަކަށް އެންގީ،" މުހުސިން ވިދާޅުވިއެވެ.

އެމްޑީޕީން އާއްމުކުރި ބަޔާނެއްގައި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރުކަން ވެސް ކުރެއްވި އަދި އެމްޑީޕީގެ ތައުލީމީ ކަންކަމާގުޅޭ ކޮމިޓީގެ މުގައްރަރު ޑރ މުސްތަފާ ލުތުފީ ވިދާޅުވެފައި ވަނީ ރައީސް ނަޝީދު އިސްތިއުފާ ދެއްވާފައިވަނީ އަމިއްލަ އިހުތިޔާރުގައި ނޫންކަމަށް ވިދާޅުވާއިރު އެކަންކަން ހިނގަމުންދާ ގޮތް މިނިވަން މުސްތަގިއްލު ކޮމިޝަނަކުން ބެލުމަށް ގޮވާލަމުންދާ ދުވަސްވަރެއްގައި އަދި އެކަމާ ގުޅޭ މައުލޫމާތު ސައްހަކަން ކަނޑަނާޅަނީސް ތާރީހީ ހަގީގަތް ދަރިވަރުންނަށް އޮޅިދާނެ ފަދަ ގޮތަކަށް މައުލޫމާތުތައް ކިޔަވާކުދިންނަށް ފޯރުކޮށްދިނުމަށް ތައުލީމުކުރިއަރުވާ މަރުކަޒުން އަވަސްވެގަތުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

"މި މައުލޫމާތުތައް ސައްހަކަން ކަނޑަނޭޅެނިސް ތާރީހީ ހަގީގަތެއް ކުދިންނަށް އޮޅިދާނެފަދަ ގޮތަކަށް މި މައުލޫމާތު ދިވެހި ޅަދަރިންނަށް ފޯރުކޮށްދެއްވުމަށް ދިވެހި ރާއްޖޭގެ ތައުލީމް ކުރިއަރުވާ މަރުކަޒުން އަވަސްވެ ވަޑައިގަތުމަކީ އަޅުގަނޑުމެން އިންތިހާއަށް ކަން ބޮޑުވާ ކަމެކެވެ. އަދި މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" ބަޔާނުގައި ވެއެވެ.

ސޯޝަލް ސްޓަޑީޒް ފޮތަށް އިތުރުކުރުމަށް އެންގި އިބާރާތުގައި ވަނީ "ތިން އަހަރާއި ދެ މަހެއްހާ ދުވަހުގެ މުއްދަތަކަށް ދިވެހި ރާއްޖޭގެ ވެރިކަންކުރެއްވުމަށް ފަހު ރައީސް މުހައްމަދު ނަޝީދު ވަނީ 7 ފެބްރުއަރީ 2012 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައިވާ ފަދައިން، ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ ދިވެހި ރާއްޖޭގެ ރައީސް ކަމަށް ހަމަޖެހިފައެވެ،" މިހެންނެވެ.

މުހުސިން ވިދާޅުވީ މީގެކުރިން ވެސް ކަރަންޓް އެފެއާޒް މައުލޫމާތު ބަދަލުވުމާއި ގުޅިގެން ރާއްޖެ އާއި ބޭރުގެ ބައެއް ކަންކަން އެގޮތަށް ބަދަލުކުރުމަށް ވެސް އަންގަވާފައިވާ ކަމަށެވެ.