27 Jun 2022, 12:44
ފުލުހުންގެ ތަހުގީގު ނިންމުމަށްފަހު ދައުވާ ކުރަން, ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާ މީހުންނަށް ދައުވާ ކުރަން ލިބޭ ދިހަ ދުވަސް 15 ދުވަހަށް ބަދަލު ކުރަން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލު ކޮމިޓީއަށް ފޮނުވާފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 35 މެންބަރުންގެ އިއްތިފާގުންނެވެ.
ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު ޝިފާއު ހުށަޙެޅުއްވި އިސްލާހުގައި ބުނީ އެއްވެސް ދައުވާއެއް އުފުލާނަމަ ޕީޖީއަށް މައްސަލަ ހުށަހެޅޭތާ 15 ދުވަހުގެ ތެރޭގައި ދައުވާ އުފުލަން ވާނެ ކަމަށެވެ.
ބިލުގައި ވާގޮތުން ޖިނާއީ ބޮޑު ކުށެއް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހާގެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި ބަންދުގެ މުއްދަތު އިތުރު ކުރަން ޕީޖީގައި އެދުމުން އެ މުއްދަތު 60 ދުވަހަށް އިތުރުކުރެވޭނެއެވެ. މިހާރު ގާނޫނު އޮންނަ ގޮތުން އެފަދަ މައްސަލަތަކުގައި މީހަކު ބަންދުގައި ބެހެއްޓޭނީ ގިނަ ވެގެން 45 ދުވަހުއެވެ.
އެ މުއްދަތުގެ ތެރޭގައި ތަހުގީގު ފުރިހަމަ ކުރުމަށްފަހު ދައުވާ ނުކުރެވިއްޖެނަމަ ނުވަތަ ދައުވާކުރެވޭ މިންވަރަށް ހެކި ނުލިބޭ ނަމަ އެމީހަކު ދޫކޮށްލަން ވާނެ ކަމަަށް އިސްލާހުގައި ވެއެވެ. އަދި އެފަދަ މީހަކު ބަންދުން ދޫކޮށްލާއިރު ފުރުން މަނާ ކުރަންޖެހޭ ހާލަތެއްވާނަމަ ކޯޓަށް އެކަން ހުށަހަޅަން ޖެހޭނެއެވެ.
ބިލު ހުށަހަޅުއްވަމުން މެންބަރު ޝިފާއު ވިދާޅުވީ ބިލުގެ މައިގަނޑު މަގްސަދަކީ ޖިނާއީ އަދުލުގެ ނިޒާމުގެ އެކިއެކި އިޖުރާއަތުތައް ހިންގުމާ، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުން ކަމަށެވެ. މީގެ އިތުރުން މީހަކު ކުށަކަށް އިއުތިރާފް ވެއްޖެނަމަ އިއުތިރާފުގެ އެއްބަސްވުމަކަށް އާދެވޭނެ ހާލަތާއި އަމަލުކުރާނެ އިޖުރާއަތު ތަފްސީލު ކުރުމަށް ކަމަށް ވެސް ވިދާޅުވިއެވެ.